ވިލާ ކޮލެޖުގައި ޖިމެއް ހުޅުވައިފި
ވިލާ ކޮލެޖުގައި ޖިމެއް ހުޅުވައިފި

ވިލާ ކޮލެޖުގެ ކިއުއައި ކެމްޕަހުގައި ޖިމެއް ހުޅުވައިފި އެވެ.

މި ޖިމް ރަސްމީކޮށް ހުޅުއްވައިދެއްވީ ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް އެވެ.

އެ ރަސްމިއްޔާތުގައި ސްޕޯޓްސް ކޮމިޝަނަރުގެ ވާހަކައިގައި ފާހަގަކުރެއްވި ގޮތުގައި ހުރިހާ އުމުރެއްގައި ވެސް ކަސްރަތުކޮށް ދުޅަހެޔޮކޮށް ތިބުން މުހިއްމެވެ. އަދި ފިޓްނަސްއަށް އިސްކަން ދިނުމަކީ ވަގުތު ނެތުމުގެ ސަބަބުން އުނދަގޫ ކަމަކަށް ވެފައިވާއިރު، ކެމްޕަހުގެ ތެރޭގައި ފިޓްނަސް ސެންޓަރެއް ހުރުމަކީ ދަރިވަރުންނާއި މުވައްޒަފުންނަށް ލިބުނު ބޮޑު ނަސީބެއް ކަމަށް ވިދާޅުވި އެވެ.

ވިލާ ކޮލެޖުގެ ޖިމް ހާއްސަކޮށްފައި ވަނީ އެ ކޮލެޖުގެ ދަރިވަރުންނާއި މުވައްޒަފުން އަދި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުންނަށެވެ.

ވިލާ ކޮލެޖުން ބުނި ގޮތުގައި އެ ކޮލެޖުގައި ޖިމެއް ހުޅުވީ ދަރިވަރުންނާއި މުވައްޒަފުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމަށާއި މުވައްޒަފުންނާއި ދަރިވަރުންނަށް ދެމުން އަންނަ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށެވެ.

މި ފެސިލިޓީގެ ސަބަބުން ދަރިވަރުންނާއި މުވައްޒަފުންނަށް ފިޓްނަސް ރޫޓިންތަކުގައި ބައިވެރިވެ، އެ މީހުންގެ ދުޅަހެޔޮކަމަށް އިސްކަން ދިނުމަށް ޖާގަ ލިބޭނެ ކަމަށް ވެސް ވިލާ ކޮލެޖުން ބުންޏެވެ.

އެ ކޮލެޖުން ބުނީ ތައުލީމުގެ އިތުރުން ދަރިވަރުންނާއި މުވައްޒަފުންގެ ޖިސްމާނީ ދުޅަހެޔޮކަމަށް ވެސް އެތަނުން އިސްކަންދޭނެ ކަމަށެވެ.

މި ޖިމް ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ހަފުތާގެ ކޮންމެ ދުވަހަކު ވެސް ފަތިހު 5:00 އިން ރޭގަނޑު 11:00 އަށެވެ. ހުކުރު ދުވަހު ހުޅުވާނީ ފަތިހު 5:00 އިން 10:00 އަށް އަދި ހަވީރު 4:00 އިން ރޭގަނޑު 11:00 އަށެވެ.