ކޯޗަކު ހޯދަން ލިވަޕޫލުން ކުރާ މަސައްކަތް؛ ނާގެލްސްމަން އާއި އަމޮރިމް ރާޑަރަށް
ކޯޗަކު ހޯދަން ލިވަޕޫލުން ކުރާ މަސައްކަތް؛ ނާގެލްސްމަން އާއި އަމޮރިމް ރާޑަރަށް

ލިވަޕޫލް (ފެބްރުއަރީ 26) – މި ސީޒަނަށް ފަހު، ޔާގަން ކްލޮޕް ލިވަޕޫލް ދޫކޮށްލާތީ އޭނާގެ ބަދަލުގައި ކޯޗަކު ހޯދަން ކުރާ މަސައްކަތުގައި ޖަރުމަންގެ ކޯޗު ހޫލިއަން ނާގެލްސްމަން އާއި ސްޕޯޓިން ލިޒްބަންގެ ކޯޗު ރުބެން އޮމޮރިމް އެ ކްލަބްގެ ރާޑަރަށް އަރައިފި އެވެ.

ކޯޗަކު ހޯދަން ލިވަޕޫލުން ކުރާ މަސައްކަތް؛ ނާގެލްސްމަން އާއި އަމޮރިމް ރާޑަރަށް
ކޯޗަކު ހޯދަން ލިވަޕޫލުން ކުރާ މަސައްކަތް؛ ނާގެލްސްމަން އާއި އަމޮރިމް ރާޑަރަށް

އިނގިރޭސި މިޑިއާތަކުން ބުނި ގޮތުގައި ލިވަޕޫލުން އެންމެ ފުރަތަމަ މަސައްކަތް ކުރީ އެ ޓީމުގެ ކުރީގެ މިޑްފީލްޑަރު އަދި ބެޔާ ލެވަކޫސަންގެ މިހާރުގެ ކޯޗު ޒަބީ އޮލޮންސޯ ގެނައުމަށެވެ.

އެކަމަކު، މިހާރު އޭނާ ގެންދަން ބެޔާން މިޔުނިކުން މަސައްކަތް ވަނީ ފަށައިފަ އެވެ. އެ ރޭހުގައި ވާދަ ނުކުރަން ލިވަޕޫލު ވަނީ ނިންމައިފަ އެވެ. ބަޔާންގެ މިހާރުގެ ކޯޗު ތޯމަސް ޓުޗެލް މި ސީޒަނަށް ފަހު އެ ކްލަބް ދޫކޮށްލުމަށް ވަނީ ހަމަޖެހިފަ އެވެ.

ލިވަޕޫލުގެ ރާޑަރަށް މިހާރު އަރާފައިވާ ނާގެލްސްމަން، ޖަރުމަނުގެ ގައުމީ ޓީމާ އެކު ހަދައިފައިވާ އެއްބަސްވުން ނިމެން ވަނީ ކައިރިވެފަ އެވެ. އުމުރުން 36 އަހަރުގެ ކޯޗާ އެކު އެއްބަސްވުން ހަދާފައި ވަނީ އަމިއްލަ ގައުމުގައި މި އަހަރު ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ނިޔަލަށެވެ.

މި ސީޒަންގެ ޕޯޗުގަލްގެ ލީގު ކުރީ ސަފުގައި ވާދަކުރަމުން އަންނަ ސްޕޯޓިންއާ އެކު އުމުރުން 39 އަހަރުގެ އަމޮރިމް މިދިޔަ ހޫނު މޫސުމުގައި ވަނީ ދެ އަހަރަށް އެއްބަސްވުން އާ ކޮށްފަ އެވެ. އޭނާ ގެންދަން ލިވަޕޫލުން ބޭނުންނަމަ ކޮމްޕެންސޭޝަން ފީއެއް، ލިޒްބަންގެ ކްލަބަށް ދައްކަން ޖެހޭނެ އެވެ.

ބެންފީކާއާ އެންމެ ޕޮއިންޓެއްގެ ފަރަގުން ވާދަކުރަމުން އަންނަ، ސްޕޯޓިންއާ އެކު އަމޮރިމް ކުރަމުން އަންނަ މަސައްކަތާ އެކު ޔޫރަޕްގެ ފުޓްބޯޅައިގެ ތަޖުރިބާކާރުން ބުނަމުން ދަނީ އޭނާއަކީ ކުރިމަގުގައި ނަގާކިޔާ ކޯޗަކަށް ވާނެ ކަމަށެވެ.