25 ފެބުރުއަރީ 2024 - 16:53

ކުރިއަށް އޮތް ރޯދަމަހަށް ހަނދު ބެލުން އަންނަ މަހުގެ 10 ވަނަ ދުވަހު އޮންނާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފި އެވެ.
އެ އިދާރާ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ރޯދަމަހުގެ ހަނދާ ގުޅޭ ކަންކަމުގައި ވަކި ގޮތެއް ނިމެންދެން އަންނަ މަހުގެ 10 ވާ އާދިއްތަ ދުވަހުގެ ހަވީރު 5:30 އިން ފެށިގެން އެ އިދާރާ އާއި ރަށްރަށުގެ ކޯޓުތަކާއި ރަށު ކައުންސިލުގެ އިދާރާތަކާއި އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅުވާފައި ހުންނާނެ ކަމަށެވެ.
އެ އިއުލާނުގައި ބުނި ގޮތުގައި އެހެން އަހަރުތަކޭ ވެސް އެއްގޮތަށް މި އަހަރުގެ ރޯދަމަހުގެ ހަނދު ސާބިތުކުރުމަށްޓަކައި، ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައި ވަނީ މާލޭގައި ނަމަ މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރިމަތީގަ އެވެ. އަތޮޅުތަކުގައި ނަމަ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓެއްގައި ކަމަށާއި މެޖިސްޓްރޭޓް ކޯޓެއް ނެތް ރަށްރަށުގައި އެ ވަގުތަކު އެ ރަށުގެ ކައުންސިލް އިދާރާ ހިންގެވުމާ ހަވާލުވެ ހުންނެވި ބޭފުޅެެއްގެ ކުރިމަތީގައި ކަމަށް ޑީޖޭއޭ އިން ބުންޏެވެ.
އަތޮޅު ތެރޭގައި ނަމަ ހަނދު ސާބިތުކުރުން އޮންނާނީ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓެއްގަ އެވެ. މެޖިސްޓްރޭޓެއް ނެތް ރަށެއް ނަމަ އެ ވަގުތަކު އެ ރަށުގެ ކައުންސިލްގެ އިދާރާ ހިންގެވުމާ ހަވާލުވެ ހުންނެވި އިސް ވެރިއެއްގެ ކުރިމަތީގަ އެވެ. ޑީޖޭއޭ އިން ބުނި ގޮތުގައި ހެކިބަސް ދިނުމަށް އެތަނަށް ދިއުމާއި އަނބުރާ އައުމުގެ ހަރަދު ވެސް ދޭނެ އެވެ.
ޑީޖޭއޭ އިން ބުނީ، ހަނދު ފެނިގެން އެ މައުލޫމާތު ދޭއިރު، ހަނދު ހުރި އުސްމިނާއި މިސްރާބު ފަދަ މުހިއްމު މައުލޫމާތު ދޭން ޖެހޭނެ ކަމަށެވެ.
ކަލަންޑަރުގައިވާ ގޮތުން މިއަހަރު ރޯދަމަހުގެ ފުރަތަމަ ދުވަހަކީ މާޗު 11 ގަ އެވެ.