25 ފެބުރުއަރީ 2024 - 11:21

އެއާޕޯޓްތައް އަޅަން ވައުދުވެވަޑައިގަތީ ބަޔަކު ހިތްހަމަޖައްސާކަށް ނޫން ކަމަށާއި އެއީ ރާއްޖޭގެ ތަރައްގީއަށް ވަރަށް މުހިންމު ކަމަކަށް ވާތީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އެންމެ އުތުރަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު ހއ. ދިއްދޫގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ވަނީ ގިނަ ރަށްތަކެއްގައި އެއާޕޯޓެއް އަޅަން މި ސަރުކާރުން ވައުދުވަމުންދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކިޔަމުންދާ ފާޑުކިޔުންތަކަށް ރައްދުދެއްވައިފަ އެވެ.

މިދިޔަ އަހަރުގެ ރިޔާސީ ކެމްޕެއިންގައި ރައީސް ވަނީ ވަރަށް ގިނަ ރަށްރަށުގައި ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް އެއާޕޯޓްތައް ތަރައްގީކުރަން ވައުދުވެޑައިގެންފަ އެވެ. އިންތިހާބަށް ފަހު ރަށްތަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އެމަނިކުފާނު ގެންދަވަނީ އެކަން ހަގީގަތަކަށް ހައްދަވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވަމުންނެވެ.
ވައުދާ އެއްގޮތަށް ބައެއް ރަށްތަކުގައި، އެއާޕޯޓު އެޅުމުގެ މަސައްކަތްތައް ސަރުކާރުގެ ތެރެއިން ފަށައި، ބައެއް އެމްއޯޔޫތަކުގައި ވެސް ވަނީ ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި ގދ. ތިނަދު އާއި ގއ. ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓް ހިމެނެ އެވެ.
ރައީސް ވިދާޅުވީ، އެ އެއާޕޯޓްތައް އަޅަނީ ރާއްޖޭގެ ރަށްތައް ގުދުރަތީ ގޮތުން އެތުރިފައި ހުރި ގޮތަށް ބަލައި، ދަތުރުފަތުރުގެ ފަސޭހަ ނިޒާމަކުން ހުރިހާ ރަށްތަކެއް ގުޅާލެވޭނެ ގޮތަށް ކަމަށެވެ.
"މި ރާއްޖޭގެ ޖިއޯގްރެފިކަލް ޑިސްޓްރިބިއުޝަން، ރަށްރަށުގެ މީހުން ދިރިއުޅޭ ޑިސްޓްރިބިއުޝަން އޮތްގޮތުން ރާއްޖެ ތަރައްގީކުރާ އިރުގައި، ކޮންމެހެން ވެސް ކުރީގައި އޮތް ގޮތަކަށް ނޫން، ރާއްޖެ އޮންނަން ބޭނުންވަނީ ރައްޔިތުން މިހާރު. ކޮންމެހެން ވެސް ބޭނުންވާ ކަމެއް އެއާޕޯޓް އެޅުމަކީ. ބައެއް ތަންތަނުގައި އިންޓަނޭޝަނަލް އެއާޕޯޓް، ބައެއް ތަންތަނުގައި ޑޮމެސްޓިކް އެއާޕޯޓް، އެހެންވީމަ އެއާޕޯޓް އަޅަން ޖެހޭ،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ވައުދު މި ވަނީ އެކަން ކުރަން ޖެހޭ ކަމަށް ގަބޫލުކޮށްގެން. ހަމަ ރައްޔިތުން ހިތްހަމަޖައްސާލަކަށެއް ކެމްޕެއިން ތެރޭގައި ނުވަން އެއްވެސް ވައުދެއް."
ރައީސް ވަނީ ކެމްޕެއިން ތެރޭގައި ދިއްދޫގައި ޑޮމެސްޓިކް އެއާޕޯޓެއް އަޅަން އެމަނިކުފާނު ވީ ވައުދާ އެއްގޮތަށް އެ މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަގީން މިއަދު ވެސް މި ރަށުގެ ރައްޔިތުންނަށް ދެއްވައިފަ އެވެ.
"އެ އެއާޕޯޓްގެ މަސައްކަތް ކުރާނީ މި ރަށުގެ ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން،" ރައީސް ވިދާޅުވި އެވެ.
ދިއްދޫ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ ހޮސްޕިޓަލުން އެކަށީގެންވާ ހިދުމަތް ނުލިބެވެ. އެކަން ހައްލުކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ހއ. އަތޮޅުގެ ސިއްހީ ނިޒާމު ވަރުގަދަކުރުމަށް މި ރަށުގައި ފެންވަރު ރަނގަޅު ހިދުމަތް ދެވޭ އާ ހޮސްޕިޓަލެއް ވެސް އިމާރާތްކުރައްވާނެ ކަމަށެވެ.