އާލިޔާ
އާލިޔާ

ބުދަ ދުވަހާ ގުޅޭ

"މިހާރު މިއުޅެނީ އާލިޔާ ކިހާ ލޯބިވޭތޯ ބަލާލަން." އަހަރެންގެ ކޮލުގައި ހިފައިލަމުން ކިނާން ބުންޏެވެ.

"ޔާރައްބީ!" އަހަންނަށް ބުނެވުނެވެ. "ޑިނަރއަށް ގޮސް ތި ވާހަކަދައްކަންވީނު. ކިނާން ޑިނަރއަށް ދާން ބުނީއްސުރެ އެއްޗެއް ނުކައި މިހުންނަނީ."

ކިނާން ސެންޓުފުޅިއާއި މާބޮނޑި އެނދުމަތީގައި ބޭއްވިއެވެ. އަހަރެން ގެނެސް އެނދުގައި ބޭންދިއެވެ.

"މިހާރު ތި އިށީނީ ޓެސްޓުހަދަން،" ކޮޅަށް ހުރި ކިނާން ބުންޏެވެ. "އާލިޔާގެ އިސްތަށިގަނޑު ވަރަށް ރީއްޗެއްނު. އަހަރެންގެ ރައްޓެހިން ހީކުރަނީ އާލިޔާ ހުންނަނީ ތަލަވެފަކަމަށް. ތި ބުރުގާ ނެގިދާނެތަ؟"

އަހަންނަކަށް އާނއެކޭ ވެސް ނުވަތަ ނޫނެކޭ ވެސް ބުނާކަށް ނޭނގުނެވެ. ބަލަހައްޓައިގެން އިނދެވުނީއެވެ. ބުރުގާއަކީ އަހަރެންގެ ހިމާޔަތެވެ. އަބަދުވެސް އަހަރެން ދުށީ އެހެންނެވެ. އަހަރެންގެ އިސްތަށިގަނޑު ބޯ ނޫން ނަމަވެސް ފަންވެފައި ދިގެވެ. ރީއްޗެވެ. އެހެނަސް ބުރުގާއެއް ނުނެގޭނެއެވެ.

"އާލިޔާ!" ކިނާން މަޑުމަޑުން ބުންޏެވެ. "ޖަވާބެއް ދީ!"

ދެން ވެސް ކިނާނަށް ބަލަހައްޓައިގެން އަހަރެން އިނީއެވެ. އަހަރެން މީހަކާ އިންނަން އުޅުނު އިރު މަންމަ ބުންޏެވެ. އުރެދުމަކަށް ނުވާ ކޮންމެ ކަމަކަށް، ފިރިމީހާއަށް ކިޔަމަންވައްޗެވެ.

"ރައްޓެހިން ކައިރީގަ ބުނެފަ އަހަރެން މި އައީ ކަލޭމެން ތިބޭށޭ ބަލަން،" ކިނާން ބުންޏެވެ. "އެ މީހުން އެބަ ތިބި ބޭރުގަ. އަހަރެން ފަލީހަތްކޮށްލަން ބޭނުންތަ އާލިޔާ؟ އަހަންނަށްޓަކާ އެހާ ކުޑަކުޑަ.."

"ކުޑަކުޑައޭ؟ އެއީ ކުޑަކުޑަ ކަމެއްތަ ކިނާން؟" ރޮވިފައި އަހަރެން އެހީމެވެ. "ރައްޓެހިން ކުރިމަތީގަ އަހަންނެއްނު ފަލީހަތް ތި ކޮށްލަނީ. މީހަކު ހަމަ އެއްޗެކޭ ބުނާ އިރަށް..."

"އެކުން މާ ވާހަކަ ގިނަ ނުކުރޭ!" އަހަރެން ދައްކަން އުޅުނު ވާހަކަ އަޑުއަހާކަށް ބޭނުމެއް ނޫނޭ ބުނާ ކަހަލަ ގޮތަކަށް އަތްހޫރުވައިލާފައި ކިނާން ބުންޏެވެ. "ބުރުގާނެދިދާނެހޭ ނޫންހޭ؟ އެ ސުވާލަށް ޖަވާބުދީ!"

ނޫނެކޭ ބުނާކަށް އަހަންނަކަށް ނުކެރުނެވެ. އާނއެކޭ ބުނާނެ ހިތްވަރެއް ނުލިބުނެވެ.

"އަހަރެންގެ ވެސް އެބަ އޮތް ސުވާލެއް،" އިސްޖަހައިލަމުން އަހަރެން ބުނީމެވެ. "އަހަރެންގެ ސައިކު ކޮބާ؟"

ކިނާން ހިތްހަމަނުޖެހިފައި މާބޮނޑި ނަގައި ހޫރުވައިލިއެވެ. މާތައް ވިއްސިވިހާލިވެގެންދިޔައެވެ.

"އާލިޔާއަކީ އަހަރެން ހުރިހާ ހަރަދެއް ދީގެން ގެންގުޅޭ އަހަރެންގެ އަނބިމީހާ،" ވަރަށް ހިތްހަމަނުޖެހިފައި ކިނާން ބުންޏެވެ. "އޮފީހަށް ނުދާށޭ، ފެންބޮޑޭ، ކައްސާލަފާނޭ އަހަރެން ބުނީމަ ވެސް، އަހަރެންގެ އަމުރު ބޮލާލާޖަހާފަ ގޮސް ސައިކަލަށް އަރަން އުޅެނިކޮށް ކައްސާލައިގެން ވެއްޓުނީމަ އަހަރެން ޖެހޭނެ ދޯ ފިޔަވަޅެއްއަޅަން."

އެ ހިސާބުން ދެން އަހަންނަކަށް ކެތެއް ނުކުރެވުނެވެ. ހިތަށްއެރިއެވެ. ކޮންމެ ކަމެއްގެ ވެސް ހައްދެއް އޮންނަންވާނެއެވެ.

"އަދި އެއްފަހަރު ބުނެބަލަ!" އަހަރެންގެ އަނގަފެޅިއެވެ. "ކިނާން ހުރިހާ ހަރަދެއް ދީގެންނޭ؟ ތި ނޫން ވާހަކައެއް ދައްކާ! ކިނާން ކޮން ހަރަދެއް ކުރީ؟ ކައިވެންޏަށް މިހާރު އަހަރެއް ވަނީ. ކޯޗެއް ކިނާން އަހަންނަށް ގަނެދިނީ؟"

ފުރަތަމަ ފަހަރަށް އަހަރެން ބާރަށް އެއްޗެއް ބުނުމުން ކިނާންގެ މޫނުމަތީގައި އެތިފަހަރެއްޖެހި ކަހަލައެވެ.

"ބަލަ މިހިރަ ބޮޑު އެޕާޓުމަންޓު ނުފެނޭތަ؟" ކިނާން ބުންޏެވެ. "ޝުކުރުނުކުރިޔަސް ތީ ބޮޑުވަރު އާލިޔާ!"

"އެޕާޓުމަންޓެއް ނޫން. ހަތަރު ފާރު،" އަހަރެން ބުނީމެވެ. "މި ތާ މިހާރު މިހިރަ ހުރިހާ އެއްޗިއްސަކީ އަހަރެންގެ ލާރިން ގަތް އެއްޗެހި. ލައްކައަކަށް ވުރެ ގިނަ ލާރި ސްޕެންޑްކުރިން. އޭގެ އިތުރަށް، އޭގެ އިތުރަށް ކިނާން ދޭތެރެއަކުން އައިސް ބުނާނެ ތައުޒަން ރުފިޔާ ދޭށޭ! ފައިވް ހަންރެޑް ދޭށޭ! އެއްޗެއްގަ ނޯޓުކުރި ނަމަ އެނގޭނީ ކިތައް ހާސް ރުފިޔާ އެހެން ވެސް އަތުލިކަން."

ޒުވާބު ދިޔައީ ހޫނުވަމުންނެވެ.

"އަތުލިއްޔޭ؟ ބަލަ އެއީ ހަމަ އަހަރުމެންނަށް އެއްޗެހި ގަންނާށޭ!" ކިނާން ބުންޏެވެ. "ފަރުނީޗަރަށް ކުރި ހަރަދު ވެސް އަހަރެން ބުނިން ދޯ ފަހުން ދޭނަމޭ!"

"ބުނަނީއޭ! ކިނާން ނުއެއް ދެޔޭ!" އަހަރެން ބުނީމެވެ. "މީ މާ ރީތި ވާހަކައެއް ނޫންވީމަ ނުދައްކާ މި ހުންނަނީ. އެކަމަކު މިހެން ކިހިނެއް އުޅޭނީ ކިނާން؟ އަހަރެން މީ ލާރި ޕްރިންޓްކުރާ މެޝިނެއް ނޫނޭ! އިއްޔެ ދޮންނަމެޝިނު. މިއަދު ސައިކަލު. މާދަމާ ނޭނގެ ކޯޗެއްކަމެއް ވެސް."

އަހަރެންގެ އަނގަ ހުޅުވުނު އިރު ތަންމިނަށް ހުޅުވުނެވެ. ލެއްޕޭކަށް ނޫޅުނެވެ.

"އެ ވަރުގެ ކުދިކުދި ކަންތަކާ ފިރިމީހާޔާ ޒުވާބުކުރަން އާލިޔާ ލަދެއްނުގަނޭތަ؟" ކިނާން އެހިއެވެ.

"ކުދިކުދި ކަންތަކޭ؟" އަހަރެން ބުނީމެވެ. "ކިނާނަކަށް ނޭނގޭތަ އެއީ ކިހާ ބޮޑުކަމެއްކަން؟ ކައިވެނިކުރީމަ ފިރިމީހާޔޭ އަނބިމީހާއަށް ސްޕެންޑްކުރަން ޖެހޭނީ. އެކަމަކު އަހަރެންނޭ ކިނާން މި ބަލަނީ."

"ކޮން އިރަކު އަހަރެން ބަލަން އާލިޔާއަށް ޖެހުނީ؟" ކިނާން ސުވާލުކުރިއެވެ. "އިހަށް ދުވަހު އާލިޔާ ބަލިވެއޮތް އިރު އަހަންނެއް ނޫންތަ އާލިޔާ ބެލީ؟ އާލިޔާއަކަށް ދުވަހަކު ވެސް އެ ގޮތަށް އަހަރެން ބަލާކަށް ނުޖެހޭނެ."

ކިނާން ކަލަ ވެސް ގޮވައިލިއެވެ.

"އާނ އަހަރެން ކިނާން އުރައިގެން ނާނާ ނުކިޔާކަން،" ރުޅިގަނޑުގައި އަހަރެން އެކައްޗެއް ވެސް ހިތުގަ ބާއްވާކަށް ބޭނުމެއް ނުވިއެވެ. "އަތުގަ އޮތް ތަނޑިގަނޑު ވެސް ދަމައިގަނެގެން ގެންދިޔައީ. ބޭގުގަ ލާރިއެއް ބޭއްވީ ނެގީ! އަންހެނުންގެ ދަބަހުން ލާރިނެގުން އެއީ ހާދަ ކަޑަކަމެކޭ ކިނާން."

"އަހަންނަށް ވަގަށްތަ ތި ގޮވީ؟" ތަދެއް އިހުސާސްކުރަމުން ބުނާ ކަހަލަ ގޮތަކަށް ކިނާން ބުންޏެވެ. "ތިހިރީ އާލިޔާގެ ފެންވަރު ހުރި ވަރު. ކައިވެންޏަށް އަހަރުވަނީއޭ ބުނާ އިރު އަދި ތި އުޅެނީ އަހަންނަށް ދަރިޔަކު ނުދެވިގެން. އަންހެނަކަށް ވެސް ނުފުދެއެއްނު! އަހަރެން ވާ ރަނގަޅެއްނު އިނދެގެން އުޅޭކަން. އާލިޔާ ދެން ބުރުގާއަޅައިގެން ނުވާނެ! އަމުރު މި ކުރީ!"

"ކިހާ ވަރަކަށް ސައިކު ވިއްކާލީ؟" އަހަރެން ދެއްކީ މުޅީން އެހެން ވާހަކައެކެވެ. "ބުނޭ! އަހަރެން ވެސް އަމުރު މި ކުރީ."

ކިނާން ކުއްލިއަކަށް މޭގައި އަތްއެޅިއެވެ. ހީވީ ތަދެއްއެރިހެންނެވެ. އެއީ ސުވާލަކަށް ޖަވާބުނުދޭންވެގެން އޭނަ ހެދި މަކަރެކެވެ. ވީ ފޫއްސެއް ބުނަން ވެސް ނޭނގުނެވެ. އޭނަ އަތްއަޅައިގެންހުރީ ހިތުގައިހެން ވެސް ހީވިއެވެ.

"ތިއަށް ވުރެ ފޭކްވައްތަރެއް ނެތްތަ؟" އަހަރެން މަޑުމަޑުން ބުނެލީމެވެ. "އަހަރެން ނޫޅެމޭ ލާރިކޮޅު ދޭށޭ ބުނާކަށް. މި އަހަނީ ކިހާ ވަރަކަށްހޭ ވިއްކާލީ؟"

ކިނާން އެނދަށް ވެއްޓިގަތެވެ. އޭނަ އުޅުނީ އަހަރެންގެ ސަމާލުކަން އޭނައަށް އަނބުރައިލާށެވެ. އެ މަންޒަރު ނުބަލަންވެގެން އަހަރެން ކޮޓަރިން ނުކުތީމެވެ. އެޕާޓުމަންޓުން ވެސް ނުކުތީމެވެ. މަގުމައްޗަށް ނުކުމެފައި، މޫނު ހުރި މިސްރާބަށް ހިނގައިގަތީމެވެ. ދާނެ ތަނެއް ކުރާނެ ކަމެއް ނުނިންމައެވެ. އަހަންނަށް ވިސްނުނީ އެންމެ ކަމަކަށެވެ. ކިނާން ކުރި އަމުރަށެވެ. އެއަކަށް އަހަރެން ތަބައެއް ނުވާނަމެވެ. ހިތުގައި އޮތީ އެހެންނެވެ. އެކަމަކު ވަރިވުން އެއީ ވެސް ހައްލެއް ނޫނެވެ. ހިނގަމުންހިނގަމުން ގޮސް އަހަރެން ހުއްޓުނީ ބުރިޖު ކައިރިޔަށެވެ. ވައި މަޑު، ހަނދުވަރު ރީތި ރެޔެކެވެ. މުގުރައި ބިންދަމުންދިޔަ ރާޅާ އެކުގައި އަހަރެންނަށް ފެނުނީ އަހަރެންގެ ކައިވެނި ލިހިލިހިއޮތްތަނެވެ. އެކުވެރިޔަކަށް ގުޅައި ވާހަކަދައްކައިލަން ހިތަށްއެރިއެވެ. ހިތަށް ލުއިވޭތޯއެވެ. އެކަމަކު އެހެނެއް ނަހަދަމެވެ. އަހަރެންގެ ފޫހި ޝަކުވާތަކުން އެހެން މީހަކަށް ގިލަންވެރިކަމެއްދީ، އޭނަގެ ނިދިނަގައިލަންވީ ކީއްކުރަންހެއްޔެވެ؟ އެހެން މީހަކަށް ވެދެވޭނީ ވެސް ކޮން އެހީއެއްހެއްޔެވެ؟ އެކުވެރިން ދިން ނަސޭހަތް އަޑުނޭހުން އެއީ އަހަރެންގެ މައްސަލައެކެވެ.

ވަރަށް ގިނަ އިރު އަހަރެން ބޭރުގައި އުޅުނީމެވެ. އެކަނިމާއެކަންޏެވެ. ބޭނުންވީ ފަތިހު ގެއަށް ވަންނާށެވެ. އެކަމަކު ދަންވަރު ދޭއްޖަހަން އުޅެނިކޮށް ގެއަށް ވަނީމެވެ. އެތައް އިރަކު ސޯފާގައި އިނީމެވެ. އަހަރެން އައި އަޑު ކިނާނަށް އިވޭނެއެވެ. އޭނައެއް ނުނިިކުތެވެ. ފޯނު ނަގައިފައި މުޝީރާއަށް މެސެޖެއް ފޮނުވައިލީމެވެ.

"ހޭލާފަ އަހަންނަށް ގުޅާލާތި!" އެތައް ގޮތަކަށް މެސެޖުލިޔެ ފުހުމަށް ފަހު، އެހެން ލިޔެފައި ފޮނުވައިލީމެވެ.

ކޮޓަރިއަށް އަހަރެން ވަނީ، މައްސަލަ ހައްލުކުރާނެ ގޮތް ރާވައިގެންނެވެ. އެހެނަސް، ފަރުދާގެ ބިއްދޮށުގައި ކަންކަން ރޭވިފައިވަނީ ކިހިނެއްކަމެއް އޭރަކު ނޭނގެއެވެ. ފުރަތަމަ ވެސް އަހަރެންގެ ލޮލުގައި އަޅައިގަތީ، އެނދު ހުރަހަށް އޮތް ކިނާނެވެ. އެއީ އަހަރެން ކޮޓަރިން ނުކުތް އިރު އޭނަ އެނދުމައްޗަށް ވެއްޓިގަތް ގޮތެވެ. އެހައި ގިނަ އިރު ވަންދެން މީހަކަށް އެހެން އޮވެވޭހެއްޔެވެ؟ ކިނާނަކީ އެ ގޮތަށް އޮވެ ނިދާ މީހެއް ނޫނެވެ. އަހަރެން މަޑުމަޑު ކައިރިއަށް ޖެހިލީމެވެ. އޭނަ އޮތީ ލޯމަރައިގެންނެވެ.

"ވަރަށް ޑްރާމާ ކުޅެވިއްޖެއްނު!" އަހަރެން ބުނީމެވެ. "ހޭލަބަލަ! އަހަރެން މި އައީ ޖަވާބު ހިފައިގެންނޭ! ބުނަންވީތަ؟"

ކިނާން ޖަވާބެއް ނުދިނެވެ. އަހަރެން ކުޑަކޮށް ކަންބޮޑުވިއެވެ.

"ކިނާން!" ތަންކޮޅެއް ބާރަށް އަހަރެން ބުނީމެވެ. "އަހަންނަށް އެނގޭ ނިދާފައެއް ނޫންކަން ތި އޮތީ!"

އޭނަ ލޮލެއް ނުހުޅުވިއެވެ. އަހަރެން ގޮސް ކިނާން ތަޅުވައިގަތީމެވެ. ދެން ވެސް އޭނަ ހަރަކާތެއް ނުކުރިއެވެ. ކަމެއް ވެއްޖެކަން އަހަންނަށް ޔަގީންވީ އެ ހިސާބުންނެވެ. އޭނައަށް ގޮވައި ތަޅުވައިގަތީމެވެ. ލޮލެއް ނުހުޅުވިއެވެ. ހާސްވިލެއް ބޮޑުކަމުން ދެން ހަދާނެ ގޮތެއް އަހަންނަކަށް ނޭނގުނެވެ. އޭނަގެ އާއިލާގެ މީހުންނަށް ގުޅީމެވެ. އަހަރެންގެ ރައްޓެހިންނަށް ގުޅީމެވެ. އެކަކު ވެސް ފޯނެއް ނުނަގައެވެ. ހޮސްޕިޓަލަށް ގުޅަން ހިޔާލުއައީ އެ ހިސާބުންނެވެ.

އެންބިއުލަންސް އަންނަންދެން ވެސް ކިނާނަށް ގޮވީމެވެ. އޭނަގެ އެއްވެސް ހަރަކާތެއް ނެތެވެ. ދަންވަރުގެ ހަމަހިމޭންކަން މުގުރަމުން ވައިކަފާފައި އެންބިއުސަންސް ދިޔަ އިރު، ކިނާން ކައިރީގައި ހުރި ޑަކުޓަރު ކިނާނަށް ފަރުވާ ދެމުންގެންދިޔައެވެ. ގާތުގައި އަހަރެން ހުރީމެވެ. އަމިއްލަ ނަފުސު ކުށްވެރިކުރާ ހާލުގައެވެ. ކިނާނަށް ވީކަމެއްވީ އަހަރެންގެ ލޯ ކުރިމަތީގައެވެ. އެކަމަކު އޭނަ ދޫކޮށްލައިފައި އަހަރެން ނުކުމެގެންދިޔައީއެވެ. މީހަކަށް އެ ކަން ނޭނގުނަސް އަހަންނަށް އެ ކަން އެނގެއެވެ. އަހަރެން ހީކުރީ ކިނާން މަކަރުހެދީ ކަމަށެވެ.

ކިނާން ވެއްދީ އިމަޖެންސީ ރޫމަށެވެ. އަހަރެން ބޭރުގައި މަޑުކުރީމެވެ. އަހަރެން މާ ލަސްކުރީއެވެ. އަހަރެން މާ ލަސްކުރީއެވެ. އިރުއިރުކޮޅާ އަހަރެންގެ ހިތަށްއަރަނީ އެހެންނެވެ. އާއިލާ މީހުން އައިސް ސުވާލުތައް ކުރާނެއެވެ. ޖަވާބުގައި އަހަރެން ބުނާނީ ކީކޭހެއްޔެވެ؟ އެޔެއް ވެސް ނޭނގެއެވެ. ދެން އިވުނީ އަހަރެންގެ ހިތް ކުދިކުދިކޮށްލި ޚަބަރެކެވެ.

ނުނިމޭ