ޕިކަޕެއްގައި ހުތުރު ވައްތަރު ޖެއްސި މީހާގެ ބަންދަށް 15 ދުވަސް
ޕިކަޕެއްގައި ހުތުރު ވައްތަރު ޖެއްސި މީހާގެ ބަންދަށް 15 ދުވަސް

މާލޭގައި ޕިކަޕެއްގެ ތެރޭގައި އާއްމު އިޖުތިމާއީ މިންގަނޑާ ހިލާފު ހުތުރު ވައްތަރުތަކެއް ޖެއްސި މީހާގެ ބަންދަށް 15 ދުވަސް ދީފި އެވެ.

ބުދަ ދުވަހު ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯ އިން ފެންނަނީ ދުވާލުގެ ވަގުތެއްގައި ފިރިހެނަކު، ހަޑިހުތުރު ވައްތަރުތަކެއް ޖައްސާ ތަނެވެ. އަދި އެ ވައްތަރުތައް ޖައްސަމުން އޭނާ ލައިގެން ފަޓުލޫނު ވެސް ބާލަ އެވެ.

އެ މައްސަލާގައި ބުރާސްފަތި ދުވަހު ވަނީ 28 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފަ އެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލަ އާ ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އެ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، އެ މިހާ ހުރި ޕިކަޕްގެ ތެރޭގައި އިތުރު ފިރިހެނަކު ހުރި ނަމަވެސް، އެކަން ހުއްޓުވަން އޭނާ އެއްވެސް ކަމެއް ކުރާ ތަނެއް ވީޑިއޯއަކުން ނުފެނެ އެވެ.