ބެޔާނުގައި ހަމައެކަނި މައްސަލައަކީ އަހަންނެއް ނޫން: ޓުޗެލް
ބެޔާނުގައި ހަމައެކަނި މައްސަލައަކީ އަހަންނެއް ނޫން: ޓުޗެލް

މިއުނިކް (ފެބްރުއަރީ 24) - ބެޔާން މިއުނިކަށް ދިމާވެފައިވާ ހަމައެކަނި މައްސަލައަކީ އޭނާ ނޫން ކަމަށާއި، މިވަގުތު އޭނާ އަށް ވަރަށް ހަރުކަށިކޮށް ކްލަބްގެ ކަންކަން ކުރިއަށް ގެންދެވިދާނެ ކަމަށް ގަބޫލު ކުރާކަމަށް، މި ސީޒަނަށް ފަހު ކްލަބް ދޫކޮށްލަން ނިންމާފައިވާ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

ހޫލިއަން ނާގެލްސްމަންގެ ބަދަލުގައި މިދިޔަ އަހަރުގެ މާޗު މަހު ގެނައި ޓުޗެލް، ޖޫން 2025 ގެ ނިޔަލަށް ކްލަބާ އެކު އެއްބަސްވުން އޮތް ނަމަވެސް މި ސީޒަނަށް ފަހު އޭނާ ކްލަބް ދޫކޮށްލާނެ ކަމަށް ބެޔާނުން ވަނީ މިދިޔަ ބުދަ ދުވަހު ހާމަ ކޮށްފަ އެވެ.

"މިހާރު އެންމެ މުހިއްމު ކަމަކަށް ވާނީ ކަންކަން ސާފު ވުން. ކަންކަން ސާފު ވީމަ މިނިވަންކަން އިހުސާސް ވާނެ. އެއީ ކްލަބްގެ ޓްރޭނިން އާއި މެޗުތަކަށް ވެސް އޭގެ ރަނގަޅު އަސަރު ކުރުވާނެ ކަމެއް،" އުމުރުން 50 އަހަރުގެ ޓުޗެލް ބުންޏެވެ.

"އޭރުން ކޯޗަށް ވެސް މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ. މާ ދުރަށް ވިސްނާކަށް ނުޖެހޭނެ. އޭރުން ތަންކޮޅެއް ބޮޑަށް ހަރުކަށި ވެވޭނެ."

އިންގްލެންޑުގެ ޗެލްސީއަށް 2021 ވަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިން ކޯޗު ޓުޗެލް ވަނީ ބެޔާނަށް މިދިޔަ ސީޒަންގެ ޖަރުމަން ލީގު ނަގައިދީފަ އެވެ. މި ސީޒަންގައި ބެޔާން އަމާޒު ހިފާފައި ހުރީ ޖެހިޖެހިގެން 12 ވަނަ ފަހަރަށް ލީގު ނަގާށެވެ. ނަމަވެސް ލީގުގައި އެޓީމު މިވަގުތު އޮތީ ދެވަނައިގަ އެވެ. އެއްވަނައިގައި އޮތް ބެޔާ ލެވަކޫސަންއާ ދެމެދު ޕޮއިންޓްގެ ގޮތުން ބޮޑު ފަރަގެއް އެބަ އޮތެވެ.

ލެވަކޫސަން އެއްވަނައިގައި އޮތީ 23 މެޗުން 61 ޕޮއިންޓް ހޯދައިގެންނެވެ. ބެޔާނަށް ވަނީ 22 މެޗުން 50 ޕޮއިންޓް ލިބިފަ އެވެ. ލެވަކޫސަން ވަނީ ރޭ ލީގުގައި މެއިންޒް އާ ދެކޮޅަށް ކުޅުނުމެޗު 2-1 އިން ކާމިޔާބު ކޮށްފަ އެވެ.

"ކުލަބްގެ ނިންމުމާ މެދު އަހަރެން ހިތްހަމަ ޖެހޭތޯ ނުވަތަ ނޫންތޯ ބެލުން އެއީ މުހިއްމު ކަމެއް ނޫން. އަހަރެން ނުދެކެން މި ކްލަބްގައި ހަމައެކަނި މައްސަލައަކީ އަހަރެން ކަމެއް، އެކަމު އަހަރެންގެ ޒިންމާ އަހަރެން ގަބޫލު ކުރަން. އަހަރެމެންގެ ކުޅުމާ މެދު ހިތްހަމަ ނުޖެހި ހުންނަތާ ދުވަސްކޮޅެއް ވެއްޖެ،" މިރޭ އާރުބީ ލައިޕްޒިގާ ދެކޮޅަށް ލީގުގައި ކުޅޭ މެޗުގެ ކުރިން ޓުޗެލް ބުންޏެވެ.

"އަހަރެމެންގެތެރޭ މައްސަލައެއް އޮތް. އެކަން މިހާރު ހައްލު ވެއްޖެ އަދި ވާހަކަ ވެސް ދެކެވިއްޖެ. އެކަމަކު ހަމައެކަނި މައްސަލައަކީ އަހަރެން ކަމަށް ގަބޫލެއް ނުކުރަން."

ދާދި ފަހުން ޓުޗެލް ވަނީ، މި ސީޒަންގައި 86.4 މިލިއަން ޕައުންޑްގެ އަގަކަށް އެޓީމަށް ގެނައި އިނގިރޭސި ކެޕްޓަން ހެރީ ކޭން ވެސް ކްލަބުގައި ހުރީ ހިތްހަމަ ޖެހިގެން ނޫން ކަން ހާމަ ކޮށްފަ އެވެ.