ކޮންފަރެންސް ލީގުގައި އެސްޓަން ވިލާ އާއި އަޔެކްސް
ކޮންފަރެންސް ލީގުގައި އެސްޓަން ވިލާ އާއި އަޔެކްސް

ޔޫއެފާ ޔޫރޮޕާ ކޮންފަރެންސް ލީގުގެ ގަދަ 16 ގައި އިނގިރޭސި ކްލަބް އެސްޓަން ވިލާ އާއި ނެދަލެންޑްސްގެ އަޔެކްސް ބައްދަލުކުރަން ޖެހިއްޖެ އެވެ.

ކޮންފަރެންސް ލީގުގައި އެސްޓަން ވިލާ އާއި އަޔެކްސް
ކޮންފަރެންސް ލީގުގައި އެސްޓަން ވިލާ އާއި އަޔެކްސް

ޔޫރަޕްގެ ގިނަ ތަޖުރިބާ ހުރި އަޔެކްސްއާ ދެކޮޅަށް ނުކުންނަ އެސްޓަން ވިލާ އަންނަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ހިމެނޭ މަގުބޫލު ކްލަބްތަކާ ދެކޮޅަށް ވަރުގަދަ ވާދައެއް ކުރަމުންނެވެ. އަންނަ ސީޒަންގެ ގަދަ ހަތަރަކަށް ވާދަކުރާ ޓީމުތަކުގެ ތެރޭގައި ވެސް އެސްޓަން ވިލާ ހިމެނެ އެވެ.

އެސްޓަން ވިލާގެ ކޯޗު އުނައި އެމެރީ ވަނީ މީގެ ކުރިން ތިން ފަހަރެއްގެ މަތިން ސެވިއްޔާ އާއެކު ޔޫރޮޕާ ލީގު ކާމިޔާބު ކޮށްފަ އެވެ. އެމެރީގެ ކޯޗަކަށް ހުރުމާއި، ޕްރިމިއާ ލީގުގައި އެޓީމު ނެރެމުން އަންނަ ނަތީޖާތަކަށް ބަލައި އެސްޓަން ވިލާ އަކީ މުބާރާތުގެ ފޭވަރިޓެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

އެސްޓަން ވިލާއާ އެންމެ ވާދަ ކުރާނެ ޓީމެއް ކަމަށް ބެލެވެނީ އިޓަލީގެ ފިއޮރެންޓީނާ އެވެ. އެޓީމު ގަދަ 16 ގައި ޖެހެނީ އިޒްރޭލުގެ މަކާބީ ހައިފާއާ އެވެ.

ކޮންފަރެންސް ލީގުގެ ގަދަ 16 ގައި ކުޅޭ އިތުރު ބައެއް މެޗުތަކަށް ބަލައިލާއިރު ފްރާންސްގެ ލިލް ވާދަކުރާނީ އޮސްޓްރިއާގެ ސްޓާމް ގްރޭޒް އާއެވެ. ފެނަބާޗޭ އާއި ޔޫނިއަން ސެއިންޓް ގިލޮއިސް ބައްދަލު ކުރަން ޖެހޭއިރު ޑީނަމޯ ޒެގްރެބް ވާދަ ކުރާނީ ގްރީސްގެ ޕާއޯކް އާއެވެ. އަދި ގްރީސްގެ އޮލިމްޕިއާކޯސް ނުކުންނާނީ މަކާބީ ތެލް އަވީވް އާ ދެކޮޅަށެވެ.

ކޮންފަރެންސް ލީގުގެ އިތުރުން ޔޫރޮޕާ ލީގުގެ ގަދަ 16 ގެ ގުރު ވެސް ރޭ ވަނީ ނަގައިފަ އެވެ.

މަޝްހޫރު ލިވަޕޫލާ ދެކޮޅަށް ޔޫރޮޕާ ލީގު ގަދަ 16 ގައި ނުކުންނަން ޖެހުނީ ތުރުކީގެ ގަލަތަސަރާއީ ބަލިކުރި ޗެކް ރިޕަބްލިކްގެ ސްޕާޓާ ޕްރާހާ އަށެވެ. އިނގިރޭސި ކްލަބް ވެސްޓް ހޭމް ޔުނައިޓެޑާއި ޖަރުމަންގެ ފްރެއިބާގް ވާދަކުރާއިރު، އިނގިރޭސި ކްލަބް ބްރައިޓަން ނުކުންނާނީ އިޓަލީގެ ރޯމާއާ ދެކޮޅަށެވެ.

އޭސީ މިލާނަށް މި ބުރުގައި ޗެކް ރިޕަބްލިކްގެ ސްލާވިއާ ޕްރާހާއާ ދެކޮޅަށް ނުކުންނަން ޖެހިފައި ވާއިރު، ޖަރުމަން ލީގުގައި މި ސީޒަންގައި ރަސްކަން ކުރަމުން އަންނަ ބެޔާ ލެވެކޫސަން ވާދަކުރާނީ ޕްލޭއޮފްގައި ޕޯޗުގަލްގެ ބްރާގާ ކަޓުވާލި އަޒަރުބައިޖާންގެ ޤަރަބާގާ އެވެ. ގުރޫޕް ސްޓޭޖުގައި ޤަރަބާގް ބަލިވެފައި ވަނީ ހަމައެކަނި ބެޔާ ލެވެކޫސަން އަތުންނެވެ.

ޗެމްޕިއަންސް ލީގުން ޕްލޭއޮފަށް ހޮވުނު ބެންފީކާ ކެޓިއަސް ޕޯޗުގަލްގެ ދެ ޓީމު މުބާރާތުގައި އަދި އެބަ އޮތެވެ. އެގޮތުން ބެންފީކާ، ސްކޮޓްލެންޑުގެ ރޭންޖާސްއާ ދެކޮޅަށް ގަދަ 16 ގައި ނުކުންނައިރު، ސްޕޯޓިން ނުކުންނާނީ އިޓަލީގެ އެޓަލާންޓާއާ ދެކޮޅަށެވެ.