24 ފެބުރުއަރީ 2024 - 00:40

ރައްޔިތުން ބޭނުންވާ ހިޔާލާއި ޝަކުވާ އަދި ސުވާލުތައް ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހުށަހެޅޭ ހާއްސަ ޕޯޓަލް "ރައްޔިތުންގެ އަޑު" ރޭ އިފުތިތާހުކޮށްފި އެވެ.

އެ ޕޯޓަލް އިފުތިތާހު ކޮށްދެއްވީ ސަލްޓަންޕާކުގައި ބޭއްވި "އަހާ" ފޯރަމްގައި ރައީސް މުއިއްޒެވެ. ރޭ ބޭއްވީ ރައީސްގެ ފުރަތަމަ ޕަބްލިކް ފޯރަމެވެ.
"ރައްޔިތުންގެ އަޑު" ޕޯޓަލްއަކީ މި އަހަރުގެ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލިހަށް އިއްވަވަމުން، ރައީސް އިއުލާން ކުރެއްވި މަސައްކަތެކެވެ.
ރައީސް މުއިއްޒު ރޭ ވިދާޅުވީ، ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި މަސައްކަތް ކުރައްވާއިރު، ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަށް މަގުފަހިކުރަން ޖެހޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި އެ މަނިކުފާނު ވައުދުވެވަޑައިގެންފައިވަނީ، ދެފުށް ފެންނަ، ޖަވާބުދާރީވާ ސަރުކާރެއް ގާއިމުކުރަން ކަމަށާއި ކަންކަން ވާނުވާގައި އޮތުމަކީ ގަބޫލުފުޅު ކުރައްވާ ހަމައެއް ނޫން ކަމަށް ވިދާޅުވި އެވެ.
ރައީސް ވަނީ، ރައްޔިތުންނަށް މި ޕޯޓަލް ބޭނުންކޮށް، ލިބުނު ފުރުސަތުގެ ބޭނުން ހިފުމަށް ބާރުއަޅުއްވައިފަ އެވެ، ވިދާޅުވީ، މި ސަރުކާރުން މަސައްކަތް ކުރާނީ ރައްޔިތުންގެ އަމާޒަށް ވާސިލުވުމަށް ކަމަށެވެ.
ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ވީހާ ގާތުން ހޯއްދަވައި ރައްޔިތުންގެ ހާލު އަހުވާލު އަބަދުމެ ބައްލަވަމުން ގެންދެވުމަށް އިސްކަން ދެއްވާނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައްޔިތުންގެ ސުވާލުތަކަށް ހާއްސަ ޕޯޓަލެއް ލޯންޗުކުރިއިރު ކޮންމެ ދުވަހަކު 'ރައީސްގެ ޖަވާބު' ގެ ނަމުގައި ރައްޔިތުން އޮޅުންފިލުވަން ބޭނުންވާ ކަންކަމަށް ވީޑިއޯ މެދުވެރިކޮށް ޖަވާބު ދެއްވާ ޕްރޮގްރާމެއް ވެސް ރައީސް އޮފީހުން ހިންގަ އެވެ.
މީގެއިތުރުން، 'އަހާ' ސިލްސިލާގެ ފޯރަމްތަކުގެ ގޮތުގައި ކޮންމެ ދެ މަހުން އެއްމަހު ވަޒީރުން ބައިވެރިވެވަޑައިގަންނަވާ އާންމު ފޯރަމްތަކެއް މިހާރު ވަނީ ފަށައިފަ އެވެ. ކޮންމެ ތިން މަހަކުން އެއް ފަހަރު ސީދާ ރައީސް މުއިއްޒު ވެސް މިގޮތަށް ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ފޯރަމެއް ބޭއްވެވުމަކީ ރިޔާސީ ވައުދެކެވެ.
ރައީސްގެ ފުރަތަމަ ޕަބްލިކް ފޯރަމް ވެސް ރޭ ވަނީ ފަށައިފަ އެވެ. އަދި އެ މަނިކުފާނު މިދިޔަ ހަފުތާގައި ވަނީ އަތޮޅުތަކަށް ދަތުރުފުޅުތަކެއް ފައްޓަވައިފަ އެވެ. ތ. އަތޮޅުގެ ގިނަ ރަށްތަކަށް ކުރެއްވި ދަތުރުފުޅަށް ފަހު، މިދިޔަ ހަފުތާގައި އުޅުއްވީ އައްޑު އާއި ފުވައްމުލަކާއި ގއ. އަދި ގދ. ގަ އެވެ. މި ފެށޭ ހަފުތާގައި ވަޑައިގަންނަވާނީ އެންމެ އުތުރުގެ ހަތަރު އަތޮޅަށެވެ.