ބޯހިޔާވެހިކަމަށް ކުރިމަތިލާން އާ ޕޯޓަލް އެއް ތައާރަފް ކޮށްފި
ބޯހިޔާވެހިކަމަށް ކުރިމަތިލާން އާ ޕޯޓަލް އެއް ތައާރަފް ކޮށްފި

ސަރުކާރުން ހިންގާ ބޯހިޔާވެހިކަމުގެ މަޝްރޫއުތަކަށް ކުރިމަތިލުމަށް އާ ޕޯޓަލް އެއް ތައާރަފް ކޮށްފި އެވެ.

ބޯހިޔާވެހިކަމުގެ މަޝްރޫއުތަކަށް ކުރިމަތިލުމަށް ކުރީ ސަރުކާރުން ވެސް ވަނީ "ގެދޮރުވެރިން" ގެ ނަމުގައި ޕޯޓަލްއެއް އުފައްދައިފަ އެވެ. އަދި މިދިޔަ އަހަރު ގޯއްޗާއި ފްލެޓުތައް ކުރިމަތިލުމަށް ހުޅުވާލީ އެ ޕޯޓަލް މެދުވެރިކޮށެވެ.

ނަމަވެސް ސަރުކާރުގެ ބޯހިޔާވެހިކަމުގެ މަޝްރޫއުތަކަށް ކުރިމަތިލުމަށް ޕޯޓަލްއެއް ހުޅުވުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ.

ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓުގައި ހިމެނިފައިވާ ބޯހިޔާވެހިކަމުގެ "ހިޔާވެހި" ޕޯޓަލް ތައާރަފް ކޮށްފައިވާ ކަމަށެވެ.

އެ ޕޯޓަލް މެދުވެރިކޮށް ހައުސިން ޕްރޮފައިލް ފުރިހަމަ ކުރުމާއި ސަރުކާރުގެ ސްކީމްތަކަށް ހުށަހެޅުމާއި ބޯހިޔާވެހިކަމުގެ ލޯނުތަކާއި އެކަމާ ގުޅުން ހުރި ޝަކުވާތައް ހުށަހެޅޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ހިޔާވެހި ޕޯޓަލް އަށް ރަޖިސްޓާވެފައިވާ ފަރާތްތައް ސްކީމަށް ހުށަހެޅުމުން އެޕްލިކޭޝަން ދަރަޖަ ކުރެވޭނެ ކަމަށާއި ބޯހިޔާވެހިކަމަށް ބޭނުންވާ ފަރާތްތައް ދެނެގަތުމާއި، ރަޖިސްޓްރީ ކުރުމާއި، އެ ފަރާތްތަކުގެ މައުލޫމާތު ރައްކާކުރުމުގެ އިތުރުން ހައުސިން އާ ގުޅޭ އެސެސްމަންޓް ކައުންސިލްތަކާއި ގުޅިގެން ހެދުމުގެ މަސައްކަތް ފެއްޓޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

ޕޯޓަލް އަށް ވަނުމަށް އީފާސް މެދުވެރިކޮށް https://hiyaavehi.housing.gov.mv/ އަށް ލޮގްއިން ކުރެވޭނެ އެވެ.

ކުރިޔަށް އޮތްތަނުގައި ސަރުކާރުގެ ބޯހިޔާވެހިކަމުގެ މަޝްރޫއުތަކަށް ކުރިމަތިލާން ޖެހޭނީ އެ ޕޯޓަލް މެދުވެރިކޮށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.