12 ޖޫން 2016 - 11:04

އައްޑޫ ހިތަދޫގައި ރޭ ދަންވަރު ދެ ގްރޫޕެއްގެ މެދުގައި ހިންގި މާރާމާރީއާ ގުޅިގެން ހޮސްޕިޓަލްގައި ހަތަރު މީހަކަށް ފަރުވާ ދެމުން އަންނަ އިރު، މި މައްސަލަ އާ ގުޅިގެން އިތުރު ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާރާމާރީއާ ގުޅިގެން އެ ހަތަރު މީހުން ވެސް ހައްޔަރު ކުރީގެ ރޭ ވަގުތެއްގައި ކަމަށެވެ. އެކަމަކު އެ މީހުންގެ ތަފުސީލެއް ފުލުހުން ނުދެ އެވެ.
"މައްސަލަ އިތުރަށް ތަހުގީގު ކުރަމުން މި އަންނަނީ،" އޮފިޝަލް ވިދާޅުވި އެވެ.
ރޭ ދަންވަރު އެކެއް ޖަހަން އުޅެނިކޮށް ހިންގި މާރާމާރީގައި ފަސް މީހަކަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވެ އެވެ. އޭގެ ތެރެއިން އެކެއްގެ ބުރަ ކައްޓަށް ވަޅިއެއް ހަރާފައިވާ އިރު، އިތުރު މީހެއްގެ ބޯ ވަނީ ފަޅާލައިފަ އެވެ. އަދި އަނެއް ތިން މީހުންނަށް ވެސް އެކި ވަރުގެ ޒަހަމްތައް ލިބިފައިވެ އެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނީ ރޭ ހޮސްޕިޓަލަށް ގެންދިޔަ ފަސް މީހުންގެ ތެރެއިން ހަތަރު މީހުންނަށް އަދިވެސް ފަރުވާ ދެމުން އަންނަ ކަމަށެވެ.
އެ ހަތަރު މީހުންނަކީ ހިތަދޫ ޔެނިސީ އިބްރާހީމް އަލްތާފް ހަބީބް، 20، އާއި އެ އަވަށު އިނާޔާގޭ މިމްދާދް މޫސާ، 23، އާއި ފަނާވިލާ ހަސަން އަލީމް ޒުހުރީގެ އިތުރުން އެކަތަގޭ ހުސައިން ޝަޔާމް، 19، އެވެ.