މި ހައްސާސް ވަގުތު ނިންމޭ ގޮތަކުން ގެއްލުން ވާނީ ރައްޔިތުންނަށް: ރައީސް
މި ހައްސާސް ވަގުތު ނިންމޭ ގޮތަކުން ގެއްލުން ވާނީ ރައްޔިތުންނަށް: ރައީސް

މިއީ ރާއްޖޭގެ ކަންކަން ހަމަޔަކަށް އެޅުވުމުގެ ވަރަށް ހައްސާސް ވަގުތެއް ކަމަށާއި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ނިންމާ ގޮތަކުން ގެއްލުން ވާނީ ރައްޔިތުންނަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އެހެން ވިދާޅުވީ، ގއ. ކޮލަމާފުށީގެ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުގެ ބާރު ނެތް ރައްޔިތުންގެ މަޖިލިހަކުން ކަންކަން ކުރަމުންދާ ގޮތް މިދިޔަ ތިން މަހެއްހާ ދުވަހު ފެނިފައިވާ ކަމަށާއި ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އަމަލުކުރާ ގޮތަކުން ވެސް ސަރުކާރަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، މި ސަރުކާރުން ގެންގުޅޭ އިގުތިސާދީ ކަންކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއި ވޯލްޑް ބޭންކުން ވެސް ވަަރަށް ބޮޑަށް ތާއީދު ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ސޮވަރިން ޑިވެލޮޕްމަންޓް ފަންޑަށް އަލުން ޑޮލަރު ޖަމާކުރަން ފެށުމާއި ފައިސާ ޗާޕްކުރުން ހުއްޓާލުމާއި ބޭރުގެ އިންވެސްޓަރުން ގެނައުމަށް ކުރަމުންދާ މަސައްކަތްތައް ހިމެނޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. ސްޕެޝަލް އިކޮނޮމިލް ޒޯންތައް ތައާރަފު ކުރުމާއި ފައިނޭންޝަލް ސެންޓަރުތައް ހެދުމާއި ނުހެދި ހުރި ރިސޯޓުތައް ހެދުމަށް މަގުފަހި ކުރުމާއި ރާއްޖޭގެ މައި އެއާޕޯޓުގެ މަސައްކަތް ނިންމުމާއި ސްޓްރެޓީޖިކް އެއާޕޯޓުތައް ހަދަން ފެށުން ވެސް އައިއެމްއެފުން ފާހަގަކުރާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"މި ހައްސާސް ދަނޑިވަޅަކަށް ވަނީ އެހެން ވެގެން. މި ރަނގަޅު މަގުން މަސައްކަތް ފަށާފައި އޮއްވައި މި ދެންނެވި ޒާތީ، އާއިލީ، ޕާޓީ ނިޒާމަށް އެކަނި ވިސްނާލާފައި ބައެއް ދާއިރާތަކުގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ކަންކަން ނިންމިއްޖިއްޔާ ގެއްލުން ވާނީ ރައްޔިތުންނަށް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ދުސްތޫރީ ނިޒާމު ރޭވިފައިވާ ގޮތުން ސަރުކާރަށް ކަންކަން ފަހިކޮށްދިނުމާއި ހުރަސް އެޅުމުގެ ބާރު ރައްޔިތުންގެ މަޖިލިހަށް އޮވެ އެވެ. މިހާރު އޮތީ ސަރުކާރުގެ އަޣުލަބިއްޔަތު ނެތް ރައްޔިތުންގެ މަޖިލިހެއް ކަމުން އެއްވެސް އަސާސެއް ނެތް ކަންތައްތަކުގައި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރި ތަން މިދިޔަ ތިން މަހު އެންމެންނަށް ފެނުނު ކަމަށް ރައީސް ވިދާޅުވި އެވެ.

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ރައީސް މުއިއްޒު ވިދާޅުވީ، ދިވެހިން ބޭނުންވާ ތަރައްގީ ގެނެސްދީ، އެ މަނިކުފާނު ވެވަޑައިގެންނެވި ހުރިހާ ވައުދެއް ފުއްދޭނީ ރައްޔިތުންގެ މަޖިލިހުގެ އަޣުލަބިއްޔަތު ސަރުކާރަށް ލިބިގެން ކަމަށެވެ.

"އަޅުގަނޑަށް ފުރިހަމަ ޔަގީންކަން އޮތީމާ މި ދަންނަވަނީ ހުރިހާ ވައުދެއް ފުއްދައިދޭނަން އިރާދަކުރެއްވިއްޔާ. ފުއްދޭނީ މި ދެންނެވި ގޮތަށް މި ހަގީގަތް އަޅުގަނޑުމެން ގަބޫލުކޮށްގެން ރައްޔިތުންގެ ނިންމުން ރަނގަޅު ގޮތުގައި ނިންމީމައޭ. އެހެން ނޫނީ ދަތިތައް ހުންނާނެ. ދަތިތައް ހުރީމާ ކަންކަން ނުވެ ދާނީ. ނުވުމަކީ އަޅުގަނޑުމެން އެކަކު ވެސް ބޭނުންވާނެ ގޮތެއް ހީނުވޭ،" ރައީސް ވިދާޅުވި އެވެ.