22 ފެބުރުއަރީ 2024 - 19:08

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސް ކުރުމަށް އިންތިހާބާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ނުކުރައްވައިފި ނަމަ މަޖިލީހުން އަލުން އެ ބިލު އޮތް ގޮތަށް ފާސް ކުރުމަށް ފަހު ފޮނުވާނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.
މަޖިލިސް އިންތިހާބު މި މަހު 17 ގައި ބާއްވަން އީސީން ނިންމާފައި ވަނިކޮށް އެ ކޮމިޝަންގެ ވެސް މަޝްވަރާއާއެކު އެމްޑީޕީން ވަނީ ރޯދައިގެ ފަހުން އިންތިހާބު ބާއްވާ ގޮތަށް އިންތިހާބާ ބެހޭ ގާނޫނު އިސްލާހު ކޮށްފަ އެވެ.
މަޖިލީހުން މި މަހު 11 ގައި އެ ބިލު ފާސް ކުރުމަށް ފަހު ތަސްދީގު ކުރުމަށް ފޮނުވި ނަމަވެސް ރައީސް މިހާތަނަށް އެ ބިލު ތަސްދީގެއް ނުކުރައްވަ އެވެ. އަދި އެމަނިކުފާނު މިހާރު އަތޮޅު ތެރެ އަށް ކުރައްވަމުން ގެންދަވާ ދަތުރުތަކު ތެރޭގައި ވިދާޅުވަމުން ގެންދަވަނީ ކުރިން އޮތް ގޮތަށް 17 ގައި އިންތިހާބު ބާއްވާނެ ކަމަށެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މައްސަލާގައި ސުވާލު ކުރުމުން އެ ޕާޓީގެ ޕީޖީ ލީޑަރު އަދި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވީ ރައީސް ބިލު ތަސްދީގު ކުރައްވާ ނަމަ މި މަހު 27 ގެ ކުރިން ތަސްދީގު ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.
ތަސްދީގު ނުކޮށް އަނބުރާ ފޮނުވާލައްވައިފި ނަމަ މަޖިލިސް ގަވާއިދު ބުނާ ވޯޓުގެ އަދަދު ހަމަކޮށް ދެވަނަ ފަހަރަށް ވެސް އެ ބިލު އޮތް ގޮތަށް ފާސް ކުރުމަށް ފަހު ރައީސަށް ތަސްދީގު ކުރަން ފޮނުވުމަށެވެ.
ގާނޫނުއަސާސީގައި ބުނާ ގޮތުން ރައީސް ފުރަތަމަ ފަހަރަށް ބިލެއް ތަސްދީގު ނުކޮށް އަނބުރާ ފޮނުވާލާފައި ވަނިކޮށް މަޖިލީހުގެ އަގުލަބިއްޔަތުން އެ ބިލު އޮތް ގޮތަށް ދެވަނަ ފަހަރަށް ފާސްކޮށްފި ނަމަ އެ ބިލު ތަސްދީގު ކުރައްވަން ޖެހިވަޑައިގަންނަވާނެ އެވެ.
މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ އިންތިހާބު ފަސް ނުކޮށް ރޯދަ މަހު ބޭއްވުމަކީ އެމްޑީޕީން ވަރަށް ބޮޑަށް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.
އޭގެ ސަބަބުން އީސީގެ މުއައްޒަފުންނާއި ވޯޓުލާ މީހުންނާއި ކެންޑިޑޭޓުންގެ ހައްގުތަކަށް ވެސް އުނިކަން ލިބެމުން އަންނަ ކަމަށާއި ނަމަވެސް އެ މަސައްކަތް ހުއްޓުމެއް ނެތި ކުރިޔަށްދާ ކަމަށެވެ.
"އާންމު ރައްޔިތުން ބޭނުމެއް ނުވޭ ރޯދަ މަހު ވޯޓުގެ ކަންކަމުގައި އުޅޭކަށް. ވަރަށް ގިނަ މީހުން ނޫން ބަސް ބުނަމުން ދަނިކޮށް މަޖުބޫރީ ހާލަތެއްގައި އިންތިހާބަށް ތައްޔާރުވާން ޖެހިފައި އޮތް ތަން މި ފެންނަނީ،" އޭނާ ވިދާޅުވި އެވެ.
ރޯދަ މަސް ތެރޭގައި އިންތިހާބު ބޭއްވުމަކީ އީސީގެ ވެސް ކަންބޮޑުވާ މައްސަލައެކެވެ. އެއީ، އެ ކޮމިޝަންގެ މެންބަރުން މަޖިލީހުގައި ވިދާޅުވި ގޮތުގައި ރޯދަ މަސް ތެރޭގައި އިންތިހާބު ބާއްވައިފި ނަމަ ވޯޓު ލާން ނުކުންނަ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދު ވާނެ ކަމަށް ލަފާ ކުރެވޭތީ އެވެ.
އަދި އޮފިޝަލުން ހޯދުމާއި ތަމްރީން ކުރުމާއި އެހެނިހެން މަސައްކަތްތަކަށް ވެސް ވަރަށް އުނދަގޫ ވާނެ ކަމަށް އެ ކޮމިޝަނުން ގަބޫލު ކުރެ އެވެ.
ސަރުކާރުން އެ ބިލު ތަސްދީގު ނުކުރާ އިރު މަޖިލީހުގައި އެ ބިލު ފާސްވީ ވެސް ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ތާއީދާ ނުލަ އެވެ.