ވިލާ ކޮލެޖުގެ ސްޓާފުންނަށް ދޭ ގްރާންޓަށް ހުޅުވާލައިފި
ވިލާ ކޮލެޖުގެ ސްޓާފުންނަށް ދޭ ގްރާންޓަށް ހުޅުވާލައިފި

ވިލާ ކޮލެޖުގައި މަސައްކަތްކުރާ ސްޓާފުންގެ ކެރިއާގެ ކުރިއެރުމާއި ތަރައްގީއަށް އެކި ދާއިރާތަކުން ރިސާޗުކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ދޭ ރިސާޗު ގްރާންޓަށް ހުޅުވާލައިފި އެވެ.

ވިލާ ކޮލެޖުގެ ސްޓާފުންނަށް ދޭ ގްރާންޓަށް ހުޅުވާލައިފި
ވިލާ ކޮލެޖުގެ ސްޓާފުންނަށް ދޭ ގްރާންޓަށް ހުޅުވާލައިފި

ކޮންމެ އަހަރަކު ވެސް އެ ކޮލެޖުން ދޭ މި ގްރާންޓަކީ ރާއްޖެ އާއި ތައުލީމީ ދާއިރާ އަދި އެ ކޮލެޖުގެ ކުރިއެރުމާއި ތަރައްގީއަށް ގުޅިފައިވާ ދާއިރާތަކުން ދިރާސާ ހެދުމަށް ދޭ ގްރާންޓެކެވެ.

ވިލާ ކޮލެޖުގެ ޑެޕިއުޓީ ވައިސް ރެކްޓާ، ރިސާޗް އެންޑް އިނޮވޭޝަން، ޑރ. މުހައްމަދު އާދިލް ވިދާޅުވީ މި އަހަރުގެ ގްރާންޓު ދިނުމުގައި ޔޫއެންގެ ސަސްޓެއިނިބިލިޓީ ގޯލްސްގައި ހިމެނޭ ދާއިރާތަކަށް އަމާޒުކޮށް ހުށަހަޅާ ޕްރޮޕޯޒަލްތަކަށް އިސްކަން ދޭނެ ކަމަށެވެ.

އަދި ގްރާންޓު ދޭނީ، ހުށަހަޅާ ޕްރޮޕޯޒަލްތައް އިވެލުއޭޓުކުރުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ގްރާންޓަކީ ޖުމްލަ ފަސް ލައްކަ ރުފިޔާ ހިމެނޭ ގްރާންޓެއް ކަމަށާއި ގްރާންޓު ދޭ ޕްރޮޕޯޒަލްތައް ކަނޑައަޅައި ހޮވާނީ މި އަދަދަށް ވާ ވަރަށް ކަމަށް ޑރ. އާދިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވިލާ ކޮލެޖުގެ ސްޓާފުންނަށް ހުޅުވާލި މި ފުރުސަތުގައި ސެކަންޑަރީ ބައިވެރިންގެ ގޮތުގައި އެކި އިންސްޓިޓުއުޓުތަކާއި އިދާރާތައް އަދި އެންޖީއޯތަކާއި އަމިއްލަ ފަރާތްތަކުން ވެސް ބައިވެރިވެވޭނެ ކަމަށެވެ. އަދި ގްރާންޓު ދިނުމުގައި އިތުރު އެހެން އިންސްޓިޓިއުޓުތަކާއި ގުޅިގެން ހުށަހަޅާ ޕްރޮޕޯޒަލްތަކަށް ޕޮއިންޓު އިތުރުވާނެކަން ފާހަގަކުރެއްވި އެވެ.

މި ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ އޭޕްރިލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

ގްރާންޓު ލިބޭ ފަރާތްތަކަށް ރިސާޗު ފުރިހަމަކުރުމަށް 18 މަސް ލިބޭނެ އެވެ. އަދި ރިސާޗް ޕަބްލިޝްކުރުމަށް އިތުރު އެއް މަސް ދުވަސް ލިބޭނެ އެވެ.

ވިލާ ކޮލެޖުގެ ސްޓާފުންނަށް މި ގްރާންޓާ ގުޅޭ މައުލޫމާތު ދިނުމަށް އިންފޮމޭޝަން ސެޝަންތަކާއި ގްރާންޓަށް އެޕްލިކޭޝަން ހުށަހެޅުމުގެ ކަންތައްތަކާ ގުޅޭ ވޯކްޝޮޕެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

މި ގްރާންޓުން ހަދާ ރިސާޗު ޕޭޕަރުތައް އިންޓަނޭޝަނަލް ޖާނަލެއްގައި ޕަބްލިޝްކުރާނެ އެވެ. އަދި ރިސާޗު ހެދި ފަރާތްތަކަށް އިންޓަނޭޝަނަލް ކޮންފަރެންސަކުން ފުރުސަތު ވެސް ދޭނެ އެވެ.