އުރީދޫގެ އަހަރީ އާއްމު ޖަލްސާ މާޗު 7ގައި ބާއްވަނީ
އުރީދޫގެ އަހަރީ އާއްމު ޖަލްސާ މާޗު 7ގައި ބާއްވަނީ

އުރީދޫ މޯލްޑިވްސްގެ އަހަރީ އާއްމު ޖަލްސާ އަންނަ މަހުގެ ހަތް ވަނަ ދުވަހު ބޭއްވަން ނިންމައި އިއުލާނުކޮށްފި އެވެ.

އެ ކުންފުނިން ނެރުނު އިއުލާނުގައި ބުނީ މި އަހަރުގެ އަހަރީ އާއްމު ޖަލްސާ ބާއްވަން ހަމަޖެހިފައި ވަނީ ހުޅުމާލެ، ސެންޓްރަލް ޕާކުގައި ރޭގަނޑު 8:30 ގައި ކަމަށެވެ. އަދި މި ތަނަށް ހާޒިރުވެގެންނާއި އޮންލައިންކޮށް ވެސް މި ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓާކުރާ ފަރާތްތަކަށް ފުރުސަތު އޮންނާނެ ކަމަށް އުރީދޫން ބުންޏެވެ.

މި ޖަލްސާގައި އޮންލައިންކޮށް ބައިވެރިވެވޭނީ "ފަހިވޯޓު" މެދުވެރިކޮށެވެ.

އުރީދޫގެ އަހަރީ އާއްމު ޖަލްސާގައި މި އަހަރު ބައިވެރިވެވޭނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ 8:30އާ ހަމައަށް ރަޖިސްޓާކުރާ ފަރާތްތަކަށެވެ. ޖަލްސާގައި ބައިވެރިވާން ރަޖިސްޓްރީ ކުރެވޭނީ މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ޝަރުތުހަމަވާ ހިއްސާދާރުން، "ޕްރީ-ރެޖިސްޓްރޭޝަން ފޯމު" އަދި ޕްރޮކްސީއެއް އައްޔަން ކުރާނަމަ "ޕްރޮކްސީ ފޯމު" އަދި ހުށަހަޅާފައިވާ ޕްރޮކްސީ ބާތިލުކުރަން ބޭނުން ނަމަ، "ޕްރޮކްސީ ރީވޮކޭޝަން ފޯމު" ވެސް މާޗު ފަހެއްގެ ކުރިން ހުށަހެޅުމަށް އުރީދޫން އެދެ އެވެ.

އުރީދޫ އަހަރީ އާއްމު ޖަލްސާއާ ގުޅޭ މައުލޫމާތާއި ހުށަހަޅަން ޖެހޭ ފޯމުތައް އުރީދޫގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.