ނޯތު ކޮރެއާގެ ލީޑަރުގެ ބޭބެގެ މަރާ ގުޅިގެން އަންހެނަކު ހައްޔަރުކޮށްފި
ނޯތު ކޮރެއާގެ ލީޑަރުގެ ބޭބެގެ މަރާ ގުޅިގެން އަންހެނަކު ހައްޔަރުކޮށްފި

ކުއާލަ ލަމްޕޫރު (ފެބްރުއަރީ 15) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ ބޭބެ ކިމް ޖޮން-ނަމް މެލޭޝިއާގެ އެއާޕޯޓުގައި މަރާލި މައްސަލައާ ގުޅިގެން އަންހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އަންހެން މީހާ ހައްޔަރު ކުރީ ކުއާލަ ލަމްޕޫރު އެއާޕޯޓުން ކަމަށެވެ. ހައްޔަރު ކުރި މީހާ އަކީ ވިއެޓްނާމުގެ ޕާސްޕޯޓް އޮތް މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ. އޭނާ އުފަންވެފައި ވަނީ މެއި 31، 1988 ގަ އެވެ.

ފުލުހުން ބުނީ އަންހެން މީހާ އަތުލައިގަތީ އެއާޕޯޓުގެ ސީސީޓީވީ ފުޓޭޖް ބެލުމަށް ފަހު ކަމަށެވެ. އަދި އޭނާ ހައްޔަރު ކުރި އިރު ހުރީ އެކަނި ކަމަށް ވެސް ބުނެފައިވެ އެވެ.

މަރާލާފައި ވަނީ ކިމް ޖޮން- އުންގެ ބޭބެކަން މެލޭޝިއާ އިން އަދި ކަށަވަރުކޮށްދީފައެއް ނުވެ އެވެ. ސަބަބަކީ އޭނާ ދަތުރު ކުރަނީ ކިމް ޗޮލްގެ ނަމުގައި ކަމަށްވާތީ އެވެ. އެކަމަކު ސައުތު ކޮރެއާ އިން ބުނެފައި ވަނީ މަރާލާފައި ވަނީ ކިމް ޖޮން-އުންގެ ބޭބެކަން ކަށަވަރު ކުރެވޭ ކަމަށެވެ. ކިމް ޖޮން-ނަމްގެ މަރާ ގުޅިގެން ނޯތު ކޮރެއާ އިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް ކުއާލަ ލަމްޕޫރުގައި ހުންނަ ނޯތު ކޮރެއާގެ އެމްބަސީގެ ބައެއް އޮފިޝަލުން ވަނީ ކިމް ޖޮން-ނަމް އޮތް ހޮސްޕިޓަލަށް ޒިޔާރަތް ކޮށްފަ އެވެ.

ކިމް ޖޮން-ނަމް މަރާލާފައި ވަނީ ވިހަ ދީގެން ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. އޭނާ މަރާލި ސަބަބެއް އަދި ނޭނގެ އެވެ.

ސައުތު ކޮރެއާގެ ވަގުތީ ރައީސް ވަން ކިޔޯ-އަން ވިދާޅުވީ ކިމް ޖޮން-ނަމް މަރާލުމުގެ ފަހަތުގައި ވަނީ ނޯތު ކޮރެއާ ކަމަށެވެ. އަދި މިއީ އެ ގައުމުގެ އަނިޔާވެރިކަމާއި ލާއިންސާނިއްޔަތުގެ ދައްކުވައިދޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ނޯތު ކޮރެއާގެ ލީޑަރު ކިމްގެ ބޮޑު ބޭބެ ޗަން ސޮން-ތައެކް ވެސް ވަނީ 2013 ވަނަ އަހަރު މަރާލައިފަ އެވެ.

ކިމް ޖޮން-ނަމް މަރާލާފައި ވަނީ ކުއާލަ ލަމްޕޫރުން މަކާއޫ އަށް ފުރަން ބޯޓަށް އަރަން ތައްޔާރުވެފައި ވަނިކޮށް ފަހަތުން މީހަކު އައިސް މޫނުގައި ފޮތިގަނޑެއް އަޅައިގެންނެނެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އެއީ ކެމިކަލް އިން ތެތްކޮށްފައިވާ ފޮތިގަނޑެކެވެ. އަނެއް ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ކިމް ޖޮން- ނަމްގެ މޫނަށް ވަނީ ސްޕްރޭއެއް ޖަހައިފަ އެވެ.