ކުށުގައި ތުހުމަތުކުރެވޭ މީހުންގެ ވަނަވަރު ހާމަކުރުމުގައި ހަމައެއް ނެތް
ކުށުގައި ތުހުމަތުކުރެވޭ މީހުންގެ ވަނަވަރު ހާމަކުރުމުގައި ހަމައެއް ނެތް

ކިތަންމެ ބޮޑު ކުށެއްގެ ތުހުމަތުކުރެވުނަސް ފުލުހުން ބޭނުންވާނަމަ އެ މީހާގެ ވަނަވަރު ސިއްރުކުރަނީ އެވެ. އެއާ އިދިކޮޅަށް އާދައިގެ މައްސަލައެއްގައި ބައިވެރިވާ މީހެއްގެ މައުލޫމާތު، މާ މުހިއްމު ނޫނަސް ހާމަކޮށްލަފާނެ އެވެ. ވަކި އުސޫލެއް، މިންގަނޑެއް ނެތެވެ.

ކުށުގައި ތުހުމަތުކުރެވޭ މީހުންގެ ވަނަވަރު ހާމަކުރުމުގައި ހަމައެއް ނެތް
ކުށުގައި ތުހުމަތުކުރެވޭ މީހުންގެ ވަނަވަރު ހާމަކުރުމުގައި ހަމައެއް ނެތް

އެކަމަކު ފާއިތުވި އަހަރުތަކުގައި، ބޮޑެތި ކުށްތަކުގެ ތުހުމަތުކުރެވޭ މީހުން ހައްޔަރުކޮށް، ބަންދު ޖަހާ ހިސާބުން ޕްރެސް ކޮންފަރެންސްތައް ބާއްވައި އެ މީހުންގެ މައުލޫމާތު ހާމަކުރެ އެވެ. އެހެން ނޫނީ، ފުލުހުންގެ ސޯޝަލް މީޑިއާ އެކައުންޓުތައް މެދުވެރިކޮށް ވެސް، އާއްމުންނާ ގުޅުން ހުރި ބޮޑެތި މައްސަލަތައް ނޫނީ ޝައުގުވެރިކަން ހުރި މައްސަލަތަކުގެ މައުލޫމާތު ދެ އެވެ.

ކުށުގައި ތުހުމަތުކުރެވޭ މީހުންގެ ވަނަވަރު ހާމަކުރުމުގައި ހަމައެއް ނެތް
ކުށުގައި ތުހުމަތުކުރެވޭ މީހުންގެ ވަނަވަރު ހާމަކުރުމުގައި ހަމައެއް ނެތް

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށް ތިން ދުވަސްވީއިރު، ތިން މީހަކު ހައްޔަރުކޮށް، ތަހުގީގުގެ ވަރަށް ކުރީކޮޅު އެ މީހުންގެ ފޮޓޯއާއެކު ވަނަވަރު އާއްމުކުރި އެވެ.

އެކަމަކު، މި ފަހުން ހިނގި ބޮޑެތި ކަންކަމުގައި ބައިވެރިވި މީހުންނާ ގުޅޭ މައުލޫމާތެއް ނުދިނުމުން، ފުލުހުން ގެންގުޅޭ އުސޫލު ބަދަލުވީތޯ ސުވާލު އުފެދެ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމްގެ ބޮލުގައި މަރުތޭލަކުން ޖަހައި ބޮޑު އަނިޔާއެއް ދިނުމުގައި ބައިވެރިވި ތިން މީހަކު މި ފަހުން ހައްޔަރުކުރި އެވެ. ނަމަވެސް، ތިން މީހަކު ހައްޔަރުކުރުން ފިޔަވައި އިތުރު އެއްވެސް މައުލޫމާތެއް ނުދެ އެވެ.

ފުލުހުންގެ ތަރުޖަމާނު، ޗީފް ސްޕްރިންޓެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވި ގޮތުގައި ކުށްތަކުގައި ތުހުމަތުކުރާ މީހުންގެ ވަނަވަރު ހާމަކުރަން ލިޔެފައިވާ އުސޫލެއް ނޯންނަ ކަމަށެވެ. ނަމަވެސް، ތަހުގީގަށް ހުރަސްނޭޅޭނަމަ އެ ފަދަ މައުލޫމާތު ހާމަކުރެވެން އޮންނަ މިންވަރަށް މިހާރު ވެސް ހާމަކުރާ ކަމަށް ޝިފާން ވިދާޅުވި އެވެ.

ޖިނާއީ ކުށްތަކާ ގުޅޭ ތަޖުރިބާކާރެއް ވިދާޅުވި ގޮތުގައި، ކުށްވެރިންގެ މައުލޫމާތު އާއްމުކުރުމުގައި ބަލަންޖެހޭ އިތުރު ކަންކަން ހުންނަ ކަމަށެވެ. އެގޮތުން، އެއް މައްސަލައެއްގައި 4-5 މީހުން ހައްޔަރުކުރުމުން އެ އެންމެންނަށް އެއް ވަކީލެއް ހަމަޖެއްސުމުން ހުރިހާ އެންމެންގެ ވާހަކަ ވެސް އެއްގޮތްކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ތުހުމަތުތަކުގައި ހައްޔަރުކުރާ މީހުން އެ ކަހަލަ ކަންތައްތައް ކުރާނަމަ، އެ ކަމާ ދެކޮޅަށް ފިޔަވަޅު އަޅަން ވެސް ޖެހޭނެ ކަމަށް އެ ތަޖުރިބާކާރު ވިދާޅުވި އެވެ.

އެއީ، ރާއްޖޭގައި އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކުށްވެރިން ސަލާމަތްވާން ގެންގުޅޭ އުކުޅެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

"ފުލުހުންނަށް އެނގޭނެތާ ތަހުގީގުކުރާއިރު ވެސް އިތުރު ދިމަދިމާ ބަލަންޖެހޭކަން ނުވަތަ އިތުރު ބަޔަކު ފާރަލަމުން ގޮސްދާނެ. ގޮސްފައި ބައެއް ފަހަރު މީހުން ނަގަން ޖެހިދާނެ ތަންކޮޅެއް ޕްރީމެޗުއާކޮށް. ނަގައިފިއްޔާ އެ މީހާގެ މައުލޫމާތު އެނގޭއިރަށް ޕާޓްނާ ކުރާ މީހުންނަށް އެނގޭނެތާ ހައްޔަރުކޮށްފިކަން." ތަޖުރިބާކާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކަންކަން އެހެން ހުއްޓަސް ކުށްތަކުގައި ތުހުމަތުކުރާ މީހުންގެ ވަނަވަރު އާއްމުކުރާއިރު، އާއްމުންގެ ރައްކާތެރިކަމާއި ޝައުގުވެރިކަމަށް ބަލަންޖެހޭނެ ކަމަށެވެ. އޭގެ އިތުރުން، ތަހުގީގުގެ ކުރިއެރުމަށް ވެސް ބަލަންޖެހޭނެ ކަމަށް ވިދާޅުވި އެވެ.

އެކަމަކު، ފުލުހުން މައްސަލަ ތަހުގީގުކޮށް ނިމޭ ހިސާބުން އަދި ދައުވާކުރާ ހިސާބުން އެ މީހުންގެ ވަނަވަރު އާއްމުކުރަން ޖެހޭނެ ކަމަށް ތަޖުރިބާކާރު ގަބޫލުކުރެ އެވެ.

ތަޖުރިބާގެ އަލީގައި އޭނާ ވިދާޅުވީ ބައެއް ފަހަރު ތަހުގީގުގެ ސްޓްރެޓެޖީއެއްގެ ގޮތަށް ވެސް މީހުން ހައްޔަރުކޮށް، އެ މީހުންގެ ތަފްސީލު އާއްމުކޮށްފައި ހުންނަ ކަމަށެވެ. ވަކި މީހަކު ހައްޔަރުކޮށް އެ މީހާގެ ވަނަވަރު އާއްމުކުރުމުގެ ބޭނުމަކީ ފިލައިގެން އުޅޭ މީހާއަށް މެސެޖެއް ދޭންވެގެން ކަމަށް ވެސް ވިދާޅުވި އެވެ.

"ޖެނެރަލީ ޖެހޭނެ ބެލެންސް ކުރަން ޕަބްލިކް އިންޓްރެސްޓާއި އަނެއްހެން މުޅި މައްސަލައިގެ ތަހުގީގުގެ އިންޓްރެސްޓާ. އެ ދެ ކަންތައް އުޅޭނެ." އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ އެހެން ތަންތަނުގައި ވެސް ކުށްވެރިންގެ ވަނަވަރު ހާމަކުރަން މީޑިއާ ބޭނުންކުރަނީ ޓޫލެއް ގޮތުގައި ކަމަށާއި މީޑިއާއަށް މައުލޫމާތު ދޭނީ ވެސް ވަކި މީހަކަށް ދޭން ބޭނުންވާ މެސެޖެއް ދިނުމުގެ ބޭނުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ. ރާއްޖޭގައި ވެސް އެކަން ހިނގާނީ އެގޮތަށް ކަމަށް ތަޖުރިބާކާރު ވިދާޅުވި އެވެ.

ގާނޫނެއްގެ ދަށުން މިހާތަނަށް އާއްމުކުރަމުން އަންނަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ވަނަވަރު އެކަންޏެވެ. ނަމަވެސް، އެކަން ކުރަނީ ވެސް ކްރިމިނަލް ކޯޓުން އެ މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖިއްޔާ އެވެ.

ކުށްވެރިންގެ ވަނަވަރު ހާމަކުރުމުގައި ގެންގުޅޭ ތަފާތާ ގުޅޭގޮތުން ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް މީގެ ކުރިން މަޖިލީހަށް ހާޒިރުކުރި އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް އެ މައްސަލަ ހުށަހެޅުއްވިީ ވެސް ބޮޑެތި ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުންގެ ވަނަވަރު ހާމަކުރުމުގައި ފުލުހުން ތަފާތުކުރުން ގެންގުޅޭތީ އެކަން ބެލުމަށެވެ.

ޖަވާބުގައި އޭރުގެ މިނިސްޓަރު ވިދާޅުވީ ފުލުހުން ތަހުގީގުކުރާ ޖިނާއީ ކުށްތަކުގައި ތުހުމަތުކުރެވޭ މީހުންގެ ވަނަވަރު އަބަދު ވެސް ހާމަކުރަނީ ތަފާތުކުރުމެއް ނެތި އެއް އުސޫލަކުން ކަމަށެވެ.

އެގޮތުން ވަނަވަރު އާއްމުކުރާއިރު ބޮޑެތި ކުށްތަކުގެ ތަބީއަތާއި ކުށުގެ ކުޑަބޮޑުމިނާއެކު އެކަން ކުރި ކަމަށް ތުހުމަތުކުރެވޭ މީހާގެ މައްޗަށް ލިބިފައިވާ ހެއްކާއި ގަރީނާ އަދި އެއީ ކުށުގެ ރެކޯޑު އޮތް މީހެއްތޯ ވެސް ބަލާ ކަމަށް އިމްރާން ވިދާޅުވި އެވެ. އޭގެ އިތުރުން އެ ކުށުގެ އަމަލަކާއި ޖުމްލަކޮށް މުޅި މުޖުތަމައުގެ މަސްލަހަތު ގުޅިފައި އޮތް މިންވަރު ފަދަ ކަންކަމަށް ރިއާޔަތްކުރާކަން އިމްރާން ފާހަގަކުރެއްވި އެވެ.

ކުށްތަކުގައި ހައްޔަރުކޮށް، އާއްމު އުސޫލުން ކޯޓުން ބަންދުގެ މުއްދަތު ޖަހައިދޭނީ ވެސް އެ މީހަކާ ދެކޮޅަށް ކޮންމެ ވެސް މިންވަރަކަށް ހެކި ހުރުމުންނެވެ. އެހެންވެ، ނުރައްކާތެރި ކުށްތަކުގައި ހައްޔަރުކުރާ މީހުންގެ ވަނަވަރު މީގެ ކުރިން އާއްމުކުރި ގޮތަށް މިހާރު އާއްމު ނުކުރެވެންވީ ސަބަބެއް ނެތެވެ.