15 ފެބުރުއަރީ 2017 - 16:54

މާލޭގެ އިތުރު ދެ ސަރަހައްދަކުން ކުނި އުކައިލުމުގެ ހިދުމަތަށް ރަޖިސްޓަރީ ކުރަން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން މިއަދު ހުޅުވާލައިފި އެވެ.

އެ ކުންފުނިން މީގެ ކުރިން ވަނީ ޒޯން އެކެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހެންވޭރު އަޑިޕާކު ސަރަހައްދުން ފެށިގެން ކަލާފާނު ސްކޫލް ސަރަހައްދުގައި ހިމެނޭ ގެތަކުން ކުނި އުކައިލުމުގެ ހިދުމަތް ދޭން ފަށައިފަ އެވެ. ރަޖިސްޓަރީ ކުރުމަށް މިއަދު މި ހުޅުވައިލީ ސިނަމާލެ ފްލެޓާއި ޕީއެސްއެމް ސަރަހައްދު ހިމެނޭ ގޮތަށް ކަނޑައަޅާފައިވާ ޒޯން ދޭއްގެ ސަރަހައްދާއި ހެންވޭރު ސަހަރާ ހިމެނޭ ޒޯން ތިނެއްގެ ސަރަހައްދުގައި ހިމެނޭ ގެތަކެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފުއާދު ވިދާޅުވީ ކުނި އުކައިލުމުގެ ހިދުމަތް އިތުރު ގެތަކަށް މި ދޭން ފެށީ އެކަމަށް ގިނަ ބަޔަކު އެދެމުން އަންނާތީ ކަމަށެވެ. އަދި ކޮންމެ މަހަކު ވެސް އިތުރު ދެ ސަރަހައްދަކަށް ހިދުމަތް ފުޅާކޮށް، އަންނަ ޖޫން މަހުގެ ނިޔަލަށް މުޅި މާލޭގައި ވެމްކޯ އިން ހިދުމަތް ދިނުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރަޖިސްޓަރީ ކުރަން ވަކި މުއްދަތެއް ކަނޑައަޅާފައި ނުވި ނަމަވެސް، އަލަށް ކަނޑައެޅި ދެ ސަރަހައްދަށް އަންނަ މަހުގެ އެކަކުން ފެށިގެން ހިދުމަތް ދޭނެ އެވެ.
ފުއާދު ވިދާޅުވީ ކުނި އުކައިލުމުގެ ހިދުމަތް ފެށީ 51 ގެ އަކުން ކަމުގައި ވިޔަސް ޒޯން އެކަކުން މިހާރު ވެސް 135 ގެ އަކުން ކުނި އުކާލާ ކަމަށެވެ.
ކުނި އުކަން ރަޖިސްޓަރީ ކުރުމަށް ވެމްކޯގެ ހެޑް އޮފީހުން ނުވަތަ މއ. ޖަންބުގަސްދޮށުގޭ ތިން ވަނަ ފްލޯއިން ފޯމު ލިބޭނެ އެވެ.
ގޭގެއިން ކުނި އުކާލުމުގެ މަސައްކަތް ދެ ގޮތަކަށް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ. އެއީ ރަޖިސްޓަރީކުރާ އެޕާޓްމެންޓްތަކަށް ވެމްކޯގެ މުވައްޒަފުން އަރައި ކުނި ކޮތަޅުތައް ނެގުން ނުވަތަ އެ އިމާރާތެއްގެ ތިރީގައި ބަހައްޓާ ޑަސްބިނުން ކުނި ނެގުމެވެ.
އެޕާޓްމެންޓަށް އަރައި ކުނި ނަގާ ނަމަ، ވެމްކޯ އަށް 150ރ. ދައްކަން ޖެހެ އެވެ. އިމާރާތުގެ ތިރީގައި ބަހައްޓާ ޑަސްބިނުން ކުނި ނަގާ ނަމަ ވެމްކޯ އަށް ދައްކަން ޖެހެނީ 100ރ. އެވެ.