އެމްއޭސީއެލްގެ މަސައްކަތްތައް އެއް އަމާޒަކަށް ގެންދަން ފޯރަމެއް
އެމްއޭސީއެލްގެ މަސައްކަތްތައް އެއް އަމާޒަކަށް ގެންދަން ފޯރަމެއް

އެމްއޭސީއެލްގެ ޑިޕާޓްމަންޓްތަކުން މި އަހަރު ކުރަން ރާވާފައިވާ މަސައްކަތްތަކާ ގުޅޭ މައުލޫމާތުތައް ހިއްސާކުރުމުގެ ފޯރަމެއް "ޓޭކް އޮފް 2024"ގެ ނަމުގައި ފަށައިފި އެވެ.

އެމްއޭސީއެލްގެ މަސައްކަތްތައް އެއް އަމާޒަކަށް ގެންދަން ފޯރަމެއް
އެމްއޭސީއެލްގެ މަސައްކަތްތައް އެއް އަމާޒަކަށް ގެންދަން ފޯރަމެއް

އެމްއޭސީއެލްއިން ބުނީ މި ފޯރަމުގެ އަމާޒަކީ އެކި ޑިޕާޓްމަންޓްތަކުގެ މަސައްކަތް އެއް މިސްރާބަކަށް ގެންގޮސް، މި އަހަރަށް ކަނޑައަޅާފައިވާ ލަޑުދަނޑިތައް ހާސިލުކުރަން އެކުގައި މަސައްކަތް ކުރުން ކަމަށެވެ. ދެ ދުވަހުގެ މި ފޯރަމް ކުރިއަށް ގެންދަނީ ކްރޮސްރޯޑްސްގަ އެވެ.

މި ފޯރަމް ފަށަން ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމުގެ ދާއިރާއަކީ ވަރަށް އަވަހަށް ބަދަލުތައް އަންނަ ދާއިރާއެއް ކަމަށާއި، އެމްއޭސީއެލްގެ އިސްވެރިން އެ ބަދަލުތަކަށް އަހުލުވެރިވެ ތިބުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި ކުރު މުއްދަތަށް އަމާޒުކޮށްގެން މަސައްކަތްތައް ކުރުމަކީ މުސްތަގުބަލު ގެއްލިގެން ހިނގައިދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ ވަރަށް ޑައިނަމިކް، މާކެޓަށް އަންނަ ބަދަލުތަކަށް ވަގުތުން ރެސްޕޮންސް ދޭން އެނގޭ ބަޔަކަށް ވާންޖެހޭނެ. ވަރަށް ގިނަ ފަހަރު ކުންފުނިތައް ފެއިލްވަނީ ދުރު ވިސްނުން ނެތުމުގެ ސަބަބުން،" އޭނާ ވިދާޅުވި އެވެ.

މި ފޯރަމްގައި އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދުގެ އިތުރުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުންނާއި ކުންފުނީގެ ޑިވިޝަން، ޑިޕާޓްމަންޓުތަކުގެ އިތުރުން ސެކްޝަންތަކުގެ އިސްވެރިން ބައިވެެރިވެ އެވެ.

އެމްއޭސީއެލްއިން ބުނީ "ޓޭކް އޯފް 2024" ފޯރަމަކީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، އަހަރުގެ މަސައްކަތްތައް އެކުލަވާލުމަށް އެ ކުންފުނިން ބާއްވާ ފުރަތަމަ ފޯރަމް ކަމަށެވެ. މި ފަދަ އިތުރު ފޯރަމެއް އަހަރު ވެސް ބާއްވަން ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.