21 ފެބުރުއަރީ 2024 - 11:56

ގދ. ގައްދު އާއި އެ ރަށް ކައިރީގައި އޮންނަ މާވަރުލު އެއާޕޯޓު، ބްރިޖަކުން ގުޅުވައިލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ގދ. އަތޮޅަށް މިހާރު ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގައްދު އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، މާވަރުލު އެއާޕޯޓު ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި އެކަން މި ސަރުކާރުން ކޮށްދޭނެ ކަމަށެވެ.
ނަމަވެސް ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، އެކަން ކުރުމަށް ބަޖެޓުން ޖާގަ ހޯދުމަށް ވަގުތު ނަގާނެ އެވެ.
މާވަރުލު އެއާޕޯޓުން ލޯންޗެެއްގައި ގައްދު އަށް ދިއުމަށް ނަގާނީ ގާތްގަނޑަކަށް 15 މިނިޓެވެ.
"އެ އެއާޕޯޓާއި [މާވަރުލު] މި ރަށާ [ގައްދޫ] އެއްގަމުން ގުޅާލެވޭނެ. އެކަން ކުރަން ބަޖެޓުން ޖާގަ ހޯދަން ޖެހޭތީ، އެކަމަކު އެ އިންތިޒާރަށް ނިމުމެއް ގެނެސްދޭނަން،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވަނީ އިގްތިސާދީ ގޮތުން ގޮންޖެހުންތަކެއް ހުއްޓަސް މި ސަރަަހައްދުގައި ޓޫރިޒަމް ފުޅާކުރުމަށް ވެސް އެ މަނިކުފާނު މަސައްކަތްޕުޅު ކުރައްވާނެ ކަމަށާއި އެއާ އެކު ފުރުސަތުތައް ފަހިވާނެ ކަމަށް ވިދާޅުވެފަ އެވެ.
މި ރަށުގެ ބިމުގެ ދަތިކަމަށް ހައްލު ހޯދުމުގެ ގޮތުން ބިން ހިއްކައި ދެއްވާނެ ކަމަށާއި އެކަމަކު އެކަން މި އަހަރުގެ ބަޖެޓުގައި ހިމެނިފައި އަދި ނެތް ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް އެކަމަށް ކުރަންޖެހޭ މަސައްކަތްތަކާ އެކު، އެ މަސައްކަތް ވެސް ކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ގައްދު އަށް ބޭނުންވާ ހޮސްޕިޓަލު ވެސް އިމާރާތް ކޮށްދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
މިއަދުގެ ޖަލްސާގައި ރައީސް ވަނީ އެ މަނިކުފާނުގެ މި ދަތުރުފުޅަށް ގައްދޫ ކައުންސިލުގެ ފަރާތުން އެކަށީގެންވާ އެއްބާރުލުން ނުދޭތީ ހިތްހަމަޖެހުން ފާޅުކުރައްވައިފަ އެވެ. މިއަދުގެ ޖަލްސާގައި ވެސް ގައްދޫ ކައުންސިލްގެ ރައީސާއި ނައިބު ރައީސް ވެސް ބައިވެރިވެވަޑައިނުގަންނަވަ އެވެ.
"އެ މީހުން ނިސްބަތްވާ ޕާޓީއަކަށް ބެލުމެއް ނެތި ރައްޔިތުންނަށް ހަމަހަމަކަމާ އެކު، ހިދުމަތް ކޮށްދޭން ހުވައެއް ކޮށްގެން މި ތިބެނީ ކައުންސިލަރުން ވެސް. އެކަމަކު މި ރަށުން މި ފެންނަ މަންޒަރާ މެދު ހިތާމަކުރަން،" ރައީސް ވިދާޅުވި އެވެ.
ކައުންސިލަރުން މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައި ނުގަންނަވާތީ އެކަމަށް އިޝާރާތް ކުރައްވައި ރައީސް މުއިއްޒު ވަނީ ސިޔާސީ ފިކުރު ތަފާތު ވިޔަސް ރައްޔިތުންނާ ގުޅިފައިވާ ކަންކަމުގައި ކައުންސިލްގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާތީ އެކަމަށް އެދިވަޑައިގެންފަ އެވެ.