21 ފެބުރުއަރީ 2024 - 11:07

އއ. ތޮއްޑޫގައި ވަޒީފާ އަދާ ކުރާ ރަޝިޔާ މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
ފުލުހުން ބުނީ އެ މާރާމާރީ ހިންގީ އިއްޔެ އިރުއޮއްސުނު އިރު، އެ ރަށުގެ ޑައިވް ސެންޓަރެއްގައި ކަމަށެވެ.
އެ މާރާމާރީގައި އަނިޔާވީ އެތަނުގައި މަސައްކަތް ކުރާ ރަޝިޔާ މީހަކަށް ކަމަށާއި އޭނާއަށް އިއްޔެ އެ ރަށު ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުންދާއިރު، އެނގިފައިވާ ގޮތުގައި އެ ހަމަނުޖެހުން ހިނގީ އެ ތަނުގައި މަސައްކަތް ކުރާ ދެ މުވައްޒަފެއްގެ ދެމެދުގައި ޖެހުނު މައްސަލައަކުންނެވެ.
ގިނަ އަދަދެއްގެ ގެސްޓްހައުސް ހިންގަމުން އަންނަ ތޮއްޑު އަކީ ލޯކަލް ޓޫރިޒަމްގައި ކުރިއަރާފައި އޮތް ރަށެކެވެ.