21 ފެބުރުއަރީ 2024 - 11:29

އެފްއޭއެމްގެ މުވައްޒަފުންނަށް ނުދީ ހުރި މުސާރައިގެ ތެރެއިން، މިދިޔަ އަހަރުގެ ހުރިހާ މުސާރައެއް ރޯދައިގެ ކުރިން ހަލާސްކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ އެސޯސިއޭޝަނުން ބުނެފި އެވެ.

އެކްޓިން ޖެނަރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް ވިދާޅުވީ މުވައްޒަފުންނަށް މުސާރަ ދިނުމަށް، ފީފާއިން ދޭން ނިންމާފައިވާ ތިން ލައްކަ ޑޮލަރުގެ ތެރެއިން، މިހާތަނަށް ދެ ލައްކަ ޑޮލަރު ދީފައިވާ ކަމަށެވެ. އަދި އެ ފައިސާއިން މުވައްޒަފުންނަށް ނުދީ ހުރި މުސާރަތަކުގެ ބޮޑު ބައެއް އަދާ ކުރެވިފައިވާ ކަމަށެވެ.

އެފްއޭއެމްގެ މުސާރަ ދިނުމަށް، ފީފާއިން ދޭ ތިން ލައްކަ ޑޮލަރު ޖަމާކޮށް ދެނީ ފަހަރަކު އެއް ލައްކަ ޑޮލަރެވެ. އޭގެ ތަފުސީލު ފޮނުވުމުން އަނެއްކާ ވެސް އަނެއް ބައި ޖަމާ ކުރާ ގޮތަށް ފީފާއިން ވަނީ ނިންމައިފަ އެވެ.
ޖައުޝަން ވިދާޅުވީ ދެން ބާކީ އިން، އެއް ލައްކަ ޑޮލަރު ޖަމާކުރާނީ ސީދާ ކޮން ތާރީހެއްގައިކަން ބުނަން ނޭނގޭ ކަމަށެވެ.
ރަމަޟާން މަސް ފެށުމުގެ ކުރިން ރޯދަ އިނާޔަތް ދިނުމަކީ ގާނޫނުން ލާޒިމުކޮށްފައިވާ ކަމެކެވެ. މިދިޔަ ތިން އަހަރު ވެސް އެފްއޭއެމްގެ މުވައްޒަފުންނަށް އެ ފައިސާ ގާނޫނުގައި ބުނާ މުއްދަތުގައި ދީފައެއް ނުވެ އެވެ. މި އަހަރު އެ މުއްދަތުގެ ތެރޭގައި ރޯދަ އިނާޔަތް ދެވޭނެތޯ ސުވާލު ކުރުމުން، ޖައުޝަން ވިދާޅުވީ ބެކްލޮގެއް އޮތުމުން ރޯދަ މަހުގެ ކުރިން އިނާޔަތް ދެވޭނެ ތޯ ބުނަން ނޭނގޭ ކަމަށެވެ.
"މަސައްކަތް ކުރުމުން މިދަނީ ރޯދައިގެ ކުރިން މިދިޔަ އަހަރުގެ ހުރިހާ މުސާރައެއް އަދާކޮށް ނިންމޭ ތޯ،" ޖައުޝަން ވިދާޅުވި އެވެ.
"ރޯދަ އިނާޔަތް ސީދާ އެ މުއްދަތުގެ ތެރޭގައި ދެވޭނެތޯ ބުނަން ނޭނގެނީ ބެކް ލޮގެއް އޮތީމަ. އެކަމަކު ހަމަ ޔަގީނުން ވެސް ރޯދަ އިނާޔަތް މުވައްޒަފުންނަށް ފޯރުކޮށް ދެވޭނެ."
މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް އެ އެސޯސިއޭޝަންގެ ބައެއް މުވައްޒަފުންނަށް 10 މަހު މުސާރަ ނުދީ އޮތެވެ. އަދި ވަޒީފާއިން ކެނޑިގެން ދިޔަ ގިނަ މުވައްޒަފުންނަށް ވެސް ދޭން ޖެހޭ މުސާރަތައް އޭރު ވެސް ހުއްޓެވެ. ފީފާއިން ދިން ފައިސާއިން މުސާރަ ދޭން ފެށީ ޑިސެމްބަރު މަހުން ފެށިގެންނެވެ.
ރޯދައިގެ ކުރިން، މިދިޔަ އަހަރުގެ މުސާރަތައް އަދާކޮށް ނިމޭނެ ކަމަށް ޖައުޝަން ލަފާ ކުރާ އިރު މި އަހަރުގެ ދެ މެހުގެ މުސާރަ އާއި ރޯދަ އިނާޔަތް ވެސް އަނެއްކާ ވެސް ބެކް ލޮގްގައި އޮންނާނެ އެވެ.
އޭނާ ކުރިން ވިދާޅުވެފައި ވަނީ ފީފާއިން ދޭ ތިން ލައްކަ ޑޮލަރު މުވައްޒަފުންނަށް މުސާރަ ދިނުން ފިޔަވައި އެހެން ކަމަކަށް ބޭނުން ނުކުރަން ފީފާއިން ޝަރުތުކޮށްފައިވާ ކަމަށެވެ.
އެ އެސޯސިއޭޝަނަށް، ފީފާ އާއި އޭއެފްސީން ޑޮލަރުން ފޮނުވާ ފައިސާ މާރު ކުރުމުގެ މުއާމަލާތުގައި ކޮރަޕްޝަނަށް މަގުފަހި ކޮށްފައިވާ ކަމަށް އޮތީ ތުހުމަތު ކުރެވިފަ އެވެ.
ޖައުޝަން ވިދާޅުވެފައި ވަނީ ފީފާއިން މިފަހަރު ދޭ ފައިސާ، ރުފިޔާއަށް މާރު ކުރަން އެހެން ބަޔަކާ ހަވާލުނުކޮށް އެކަން ކުރަނީ ބޭންކުގެ ތެރެއިންކަމަށެވެ.
"ބޭންކުގެ ތެރެއިން އެކަން ކުރިއަށްދާނީ އަޅުގަނޑުމެން ރިކުއެސްޓްކޮށްފައި ވާނި ބޭންކުން އެ ފައިސާ ދިވެހި ރުފިޔާ އަށް ބަދަލު ކުރުމަށް ފަހު މުވައްޒަފުންގެ އެކައުންޓަށް ޖަމާ ކުރަން،" ޖައުޝަން ކުރިން ވިދާޅުވެފައި ވެ އެވެ.
މާލީ ގޮތުން އެފްއޭއެމް ބޮޑު އަޑިގަނޑަކަށް ވެއްޓުނު އިރު، އެ އެސޯސިއޭޝަނަށް ފީފާ އާއި އޭއެފްސީން ފޮނުވާ ފައިސާއަށް އެތަނުގެ ވެރިން ހިޔާނާތްތެރިވެފައިވާ ކަމުގެ ތުހުމަތު ވަނީ ކުރެވިފަ އެވެ.
އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް، އެ އިދާރާފެ އެއް ލައްކަ ޑޮލަރަށް ހިޔާނާތްތެރިވެފައިވާ ކަމަށް ކުރެވޭ ތުހުމަތުގައި އޭނާގެ މައްސަލަ މިހާރު ވަނީ ދައުވާ ކުރަން ފޮނުވައިފަ އެވެ. އަދި ވެސް އޭނާއާ ދެކޮޅަށް ގިނަ މައްސަލަތަކެއް އެބަހުއްޓެވެ. ފުލުހުން ކުރިއަށްގެންދާ ތަހުގީގުގައި، ރާއްޖޭން ބޭރަށް ނުދެވޭ ގޮތަށް އޭނާގެ ޕާސްޕޯޓް ވަނީ ހިފަހައްޓައިފަ އެވެ.