21 ފެބުރުއަރީ 2024 - 05:37

އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ޣައްޒާގެ އުތުރުގެ ސަރަހައްދުގައި ހައިހޫނުކަން ވަރަށް ބޮޑަށް އާންމުވެފައިވާ ކަމަށާއި އެކަމަކު އާދީއްތަ ދުވަހު އެ ސަރަހައްދަށް ދިޔަ އެހީގެ ޓްރަކްތައް ލޫޓުވައި ބަޑިޖެހުމުގެ ހާދިސާތަކެއް ހިނގުމާ ގުޅިގެން، އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް އދ. އިން މެދުކަނޑާލައިފި އެވެ.

ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިޔުއެފްޕީ) އިން ބުނީ ޣައްޒާގެ އުތުރު ސަރަހައްދަށް އެހީ ގެންދިއުމުން ތިން ހަފްތާއަށް މެދުކެނޑިގައި އޮތުމަށް ފަހު އާދީއްތަ ދުވަހު ފެށި ކަމަށާއި އެކަމަކު އެ ސަރަހަައްދުގެ އާންމު ހާލަތު އޮތް ގޮތުން ކަންކަން ހަމަ މަގުން ކުރިއަށް ގެންދެވޭނެ މާހައުލެއް ނެތިގެން މަސައްކަތް މެދުކަނޑާލަން ޖެހުނީ ކަމަށެވެ.
ހަމާސް ނައްތާލަން ކަމަށް ބުނެ އިޒްރޭލުން ދޭން ފެށި ހަމަލާތަކަށް 20 ހަފްތާ ވެފައި ވާއިރު ޑަބްލިޔުއެފްޕީން ބުނީ ކާނާ އާއި ސާފު ބޯފެން އެއީ ޣައްޒާގައި ވަރަށް ތަދު އެއްޗިއްސަށް ވެފައިވާ ކަމަށެވެ. އެހެންވެ މި ތަކެއްޗަށް ބޭނުންވާޖެހިފައިވާލެއް ބޮޑުކަމުން އެހީގެ މަސައްކަތް ކުރިއަށް ނުގެންދެވޭ ހާލަތަށް ކަންކަން ބޮއްސުންލާފައިވާ ކަމަށް ބުންޏެވެ.
ޑަބްލިޔުއެފްޕީ އިން ބުނީ ހަތް ދުވަސް ވަންދެން ކޮންމެ ދުވަހަކު ޣައްޒާއަށް ކާނާ ގެންދަން ރާވާފައިވާ ކަަމަށެވެ. އެކަމަކު އެތައް ފަހަރަކު މަސައްކަތްކޮށްގެން ވެސް އެހީގެ ސާމާނާ އެކު ރައްކާތެރިކަމާ އެކު ޣައްޒާއަށް ވަދެ މަސައްކަތް ކުރެވޭ ގޮތް ނުވެގެން މަސައްކަތް މެދުކަނޑާލީ ކަމަށް ޑަބްލިޔުއެފްޕީން ބުންޏެވެ. އެ ޖަމިއްޔާއިން ބުނީ އެހީގެ ޓްރަކްތައް ލޫޓުވުމުގެ ހާދިސާތައް ހިނގި ކަމަށާއި އެކަމަކު ހާލަތު ނުރައްކާވީ ބަޑި ޖެހުމުގެ ހާދިސާތަކެއް ވެސް ހިނގުމާ ގުޅިގެން ކަމަށެވެ.
"އާދީއްތަ ދުވަހު ވެސް ކާނާ ހިފައިގެން ދިއުމުން މަސައްކަތް އެއްކޮށް ހުއްޓާލަން ޖެހުނީ ތަނުގެ ހާލަތު ބޮއްސުންލާފައިވާ އޮތްވަރުން.
"އެތައް ޓްރަކެއް ލޫޓުވާލި ... އަދި ޓްރަކް ޑްރައިވަރަކަށް ވަނީ އަނިޔާ ވެސް ކޮށްފައި. ބާކީ ހުރި ގޮދަން ފުށް ބަހައި ހުސްކުރަންޖެހެނީ ވަރަށް އުނދަގޫ ހާލަތެއްގައި ތިބެގެން. މީހުންގެ ރުޅިވެރިކަން ވަނީ ވަރަށް ބޮޑުވެފައި،" ޑަބްލިޔުއެފްޕީން ބުންޏެވެ.
އެ ޖަމިއްޔާއިން ބުނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ރައްކާތެރިކަމާ އެކު ކުރިއަށް ގެންދެވޭނެ މާހައުލެއް ގާއިމުކުރެވެންދެން މަސައްކަތް މެދުކަނޑާލަން މަޖުބޫރުވެފައިވާ ކަމަށެވެ. މިއީ ފަސޭހަ ނިންމުމެއް ނޫން ކަމަށާއި ކާނާ ނުލިބި ހޭދަވާ ކޮންމެ ދުވަހަކާ އެކު ހާލަތު އިތުރަށް ގޯސްވެ އެތައް ބަޔަކު ބަނޑަށް މަރުވުމުގެ ނުރައްކާ އެބަ އޮތް ކަމަށް ބުންޏެވެ. -- އޭއެފްޕީ