15 ފެބުރުއަރީ 2017 - 15:32

ގދ. ފަރެސްމާތޮޑާގައި މިދިޔަ އަހަރު ލޯޑަރެއް ދަށުވެގެން ނުވަ އަހަރުގެ ކުއްޖަކު މަރުވި މައްސަލާގައި އެ ދުއްވި މީހާގެ މައްޗަށް ދައުލަތުން ދައުވާކޮށްފި އެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ހިނގި މި ހާދިސާގައި އަމާނުﷲ ނަމަކަށް ކިޔާ ކުއްޖާ މަރުވީ، ފަރެސްމާތޮޑާގެ ބަނދަރު ސަރަހައްދު ހިމާޔަތް ކުރަން ހިންގަމުން ގެންދިޔަ މަޝްރޫއުގައި ބޭނުންކުރި ލޯޑަރެއްގެ ދަތްގަނޑު ތެރެއަށް އޭނާ އެރި އޮއްވައި، ދަތްގަނޑު ތިރިކޮށްލުމަށް ފަހު، ދުއްވާލި ވަގުތު ލޯޑަރު ދަށުވެގެންނެވެ.
އެމްޓީ ހޯގާޑް ކުންފުނީގެ އެ ލޯޑަރު އެވަގުތު ދުއްވަން އިނީ ސ. މީދޫ އިރުމަތީގޭ ޒާހިދު ހަސަނެވެ.
މި މައްސަލާގައި ޒާހިދުގެ މައްޗަށް ދައުލަތުން ކުރަނީ ގާނޫނުލް އުގޫބާތުގެ 111 ވަނަ މާއްދާގެ ދަށުން މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާ އެވެ. އެ ކުށް ސާބިތުވެއްޖެ ނަމަ ގިނަވެގެން 15 އަހަރުގެ ޖަލު ހުކުމެއް ޒާހިދަށް އަންނާނެ އެވެ.
މި މައްސަލައިގެ ޝަރީއަތް މިއަދު ފަށަން ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައި އޮތަސް އެހެން ދުވަހަކަށް އަޑުއެހުން ވަނީ ފަސްކޮށްފަ އެވެ.
ނުކުޅެދުންތެރިކަން ހުންނަ މަންމައަކަށް ލިބިފައިވާ އަމާނުﷲ ލޯޑަރުގެ ދަށުވި މަންޒަރު ފެނުނު މީހުން ބުނެފައިވާ ގޮތުން، އެ ހާދިސާ ހިނގި ވަގުތު ލޯޑަރުގެ ދަތްގަނޑު ތެރޭގައި އަމާނުﷲ އޮތްކަމެއް ޑްރައިވަރަކަށް ނޭނގެ އެވެ. ލޯޑަރު ދުއްވާފައި ގޮސް އަމާނުﷲ ގެ ގަޔަށް އެރުމުގެ ސަބަބުން އޭނާގެ ބޯ ވެސް އޮތީ ވަރަށް ޗަސްވެފަ އެވެ. އޭނާ މަރުވީ އިތުރު ފަރުވާ އަށް ގދ. ތިނަދޫ ހޮސްޕިޓަލަށް ގެންދަނިކޮށެވެ.