20 ފެބުރުއަރީ 2024 - 11:59

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާއިލް ހަބީބްގެ ބަދަލުގައި، އެ ކޮމިޝަންގެ އެސްޖީގެ މަގާމުގައި ހުންނެވި ހަސަން ޒަކަރިއްޔާ އައްޔަންކުރަން މަޖިލީހަށް ފޮނުވައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް މިއަދު ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވީ ހަބީބްގެ މެންބަރު ކަމުގެ ދައުރު އަންނަ މަހު 13 އަށް ހަމަވާތީ އެ މަގާމަށް ކުރިމަތިލުމަށް އާންމުކޮށް އިއުލާން ކުރުމަށް ފަހު އިޖާބަ ދެއްވި ބޭފުޅުންގެ ނަންތައް ފޮނުވާފައިވާ ކަމަށެވެ.
އޭގެ ތެރެއިން ރައީސް ހުށަހަޅުއްވާފައިވާ ނަމަކީ 2021 ވަނަ އަހަރުން ފެށިގެން އީސީގެ އެސްޖީގެ މަގާމް އަދާ ކުރަމުން އަންނަ ޒަކަރިއްޔާ އެވެ.
ރިޔާސަތުން ވަނީ އެ މައްސަލަ ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ފޮނުވައިފަ އެވެ.
އީސީގެ މެންބަރު ކަމުގެ ދައުރަކީ ފަސް އަހަރެވެ.
ހަބީބް މިހާރު އަދާ ކުރައްވަމުން އެ ގެންދަވަނީ އޭނާގެ ދެވަނަ ދައުރެވެ. އޭގެ ކުރިން ވެސް އޭނާ އަކީ އީސީގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.