20 ފެބުރުއަރީ 2024 - 11:18

ސިޔާސީ ފަރާތްތަކުގެ ނުފޫޒުން މިފްކޯ ސަލާމަތްކޮށް ކުންފުނި ރީސްޓްރަކްޗާ ކުރައްވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު ޝިޔާމް މިގޮތަށް ވިދާޅުވީ މިފްކޯ އާއި މަސްވެރިކަމުގެ ހާލަތު މިނިސްޓަރަށް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވުމަށް ފަހު މަސްވެރިންނަށް ފައިސާ ނުދެވިގެން އުޅެނީ ކީއްވެގެންތޯ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި މިފްކޯ އަށް ފައިސާ ނުދެވިގެން އުޅެނީ ކުންފުނީގެ ހަރަދުތައް ވެސް ބޮޑުވެގެންނެވެ. އެ ހާލަތަށް ދިއުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ސަރުކާރުތަކުގައި ނުފޫޒުގަދަ ބައެއް ފަރާތްތަކުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މަސްވެރިން މިހާރު ކުރަމުންދާ މުޒާހަރާގެ ތެރެއިން ވެސް އެ ފަރާތްތަކުން ކުރާ އެއް ޝަކުވާއަކީ ވެސް މިފްކޯ ވަކި މެންބަރެއްގެ ނުފޫޒުގެ ދަށުގައި އޮތުން ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"ވަކިން ހާއްސަކޮށް ހުވަދޫ އަށް ދިޔައީމަ ބައެއް މަސްވެރިން އެބަ ވިދާޅުވޭ ކީއްވެގެންހޭ މިވެނި މީހެއްގެ ނުފޫޒާއި ބާރުން މިފްކޯގައި މަގާމުތަކަށް މީހުން ލަނީ. އަޅުގަނޑުމެން މި އުޅެނީ މިކަން ހުއްޓާލަން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މަސްވެރިން ކުރާ މަސައްކަތުގެ އުޖޫރަ ލިބެން އޮތީ މިފްކޯގެ ހަރަދު ކުޑަ ކުރެވިގެން ކަމަށާއި ވަކި މީހަކު ބޭނުންވީމަ ވަޒީފާތައް ގިނަކޮށްގެން ހިންގާ ހިންގުން ނިމުމަކަށް ގެނައުމަކީ ވެސް މަސްވެރިން އެދޭ ކަމެއް ކަމަށެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި މިހާރު ސަރުކާރުން އުނދަގޫތަކާއި ދަތިތައް ކުރިމަތި ކުރުވަނީ ވެސް މިފްކޯ އެ ނުފޫޒުން ސަލާމަތް ކުރަން އުޅޭތީ އެވެ.
އެހެން ނަމަވެސް މިފްކޯ "ބްލީޑް"ވާކަށް މި ސަރުކާރުން ޖާގައެއް ނުދޭނެ ކަމަށާއި މިފްކޯ ރިފޯމްކޮށް ރީސްޓްރަކްޗާ ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.