20 ފެބުރުއަރީ 2024 - 11:54

ވިލާ ކޮލެޖުން މާސްޓާސް އޮފް ޕްރޮފެޝަނަލް އެކައުންޓިންގެ ނަމުގައި އާ މާސްޓާސް ޕްރޮގުރާމެއް ތައާރަފްކޮށްފި އެވެ.

މި ކޯސް ލޯންޗުކުރުމަށް ވިލާ ކޮލެޖުގައި އޮތް ހާއްސަ ރަސްމިއްޔާތުގައި ޕްރޮގުރާމު ލޯންޗުކޮށްދެއްވީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އާއި ވިލާ ކޮލެޖުގެ ވައިސް ރެކްޓާ, ޑރ. އަލީ ނަޖީބު އެވެ.

މި ޕްރޮގުރާމު ލޯންޗުކުރުމަށް އޮތް ރަސްމިއްޔާތުގައި ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ބިޒްނަސް މެނޭޖުމަންޓުގެ ޑީން އަބްދުﷲ ނާފިޒް ވިދާޅުވީ އެ ކޯހަކީ އެކައުންޓިންގެ އެކި ދާއިރާތަކުން ކުރިއަށް ދިއުމަށް ބޭނުންވާ ދަރިވަރުންނަށް މުހިންމު މޮޑިއުލްތަކެއް ހިމަނައިގެން ފަރުމާކުރި ކޯހެއް ކަމަށެވެ.
"މި ކޯހުގައި އޮޑިޓިން އެންޑް އެޝުއަރެންސް, ގަވާނަންސް, އިވެލުއޭޝަން އަދި ޓެކްސޭޝަން ފަދަ މުހިންމު ބައިތައް ވާނީ ހިމަނާފައި. އެ ފަދަ ދާއިރާތަކުން ކުރިއަށް ދާން ބޭނުން ފަރާތްތަކަށް މި ކޯހުން އެ ފުރުސަތު ފަހިކޮށްދޭނެ،" އޭނާ ވިދާޅުވި އެވެ.
ނާފިޒް ވިދާޅުވީ މި ޕްރޮގުރާމަކީ އޭސީސީއޭ އާއި ސީމާއިން ގަބޫލުކުރާ ފެންވަރުގެ ކޯހަކަށް ހެދުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވަނީ އެކައުންޓިން ދާއިރާއަށް ދިވެހިން ބޭނުންވާކަމަށް ވިދާޅުވެފަ އެވެ.
"މި ފަދަ ޕްރޮފެޝަނަލް ޕްރޮގުރާމުތަކަކީ ރާއްޖެއަށް ނުހަނު ބޭނުންތެރި ޕްރޮގުރާމުތަކެއް. އެކައުންޓިން އާއި ފައިނޭންސިންގެ ދާއިރާ އަކީ އަބަދުވެސް ބިދޭސީން ޑޮމިނޭޓުކުރާ ދާއިރާއަކަށް ވާއިރު, މި ދާއިރާއަށް ގާބިލު ދިވެހިން ތަމްރީނުކުރުމަކީ މުހިންމު ކަމެއް." މިނިސްޓަރު ވިދާޅުވި އެވެ.
އެކައުންޓިންގެ ދާއިރާއަކީ ކުރިމަގު އޮތް, ބޮޑު އާމްދަނީއެއް ހޯދޭނެ ދާއިރާއެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ މި ދާއިރާއަށް ދިވެހިންނަށް ފުރުސަތު އިތުރުކޮށްދޭން ޖެހޭކަމަށް ވިދާޅުވެފަ އެވެ. މި ފަދަ އެކި މުހިންމު ދާއިރާތަކުން މީހުން ބިނާކުރުމަށް ވިލާ ކޮލެޖަކީ ނަމޫނާއެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވި އެވެ.
ވިލާ ކޮލެޖުގެ ވައިސް ރެކްޓާ, ޑރ. އަލީ ނަޖީބު ވިދާޅުވީ މި ކޯހަކީ ދާއިރާގެ އެކި ފަރާތްތަކާއި މަޝްވަރާކޮށް, ޕްރޮގުރާމަށް މުހިންމު ކަންތައްތައް ހިމަނާ ފަރުމާކުރި ކޯހެއް ކަމަށެވެ. އަދި މި ކޯހުން އެކައުންޓިންއާ ގުޅުން ހުރި އެކި ދާއިރާތަކުން ކުރިއަށް ދިއުމަށް ބޭނުންވާ މައުލޫމާތާއި ތަމްރީނު ލިބޭނެކަން ފާހަގަކުރެއްވި އެވެ.
ވިލާ ކޮލެޖުން އަލަށް ތައާރަފްކުރި މި ކޯހަކީ އެމްކިއުއޭ އޭޕްރޫވްޑް, ލެވަލް 9ގެ އެއް އަހަރު ދުވަހުގެ ކޯހެކެވެ. މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މެއި މަހުގެ އިންޓޭކުގައި ހުޅުވާލުމަށް ވަނީ ހަމަޖެހިފަ އެވެ.