20 ފެބުރުއަރީ 2024 - 11:56

ގދ. ފަރެސްމާތޮޑާގެ ބިން ހިއްކައި، އެ ރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ދެކުނުގެ ހަތަރު އަތޮޅަކަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހެނދުނު ފަރެސްމާތޮޑާއަށް ވަޑައިގެން ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައި ވަނީ ކަންބޮޑުވުންތައް ސާފުކުރައްވައިފަ އެވެ.
ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެ ރަށު ސްކޫލުގައި ބޭއްވި ޖަލްސާގައި ރައީސް ވަނީ ރަށަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
ނައިބް ރައީސް، ހުސެއިން މުހައްމަދު ލަތީފު ވެސް ނިސްބަތްވެވަޑައިގަންނަވާ ފަރެސްމާތޮޑާގައި ރައީސް ވިދާޅުވީ ކައުންސިލާ ބައްދަލުކުރައްވައި ރަށަށް ބޭނުންވާ ކަންކަން އެމަނިކުފާނު އޮޅުންފިލުއްވާފައިވާ ކަމަށެވެ.
އޭގެ ތެރޭގައި އެ ރަށަކީ ވެސް އެހެން ރަށްތަކެކޭ އެއްގޮތަށް ބޯހިޔާވަހިކަމުގެ މައްސަލަ އޮތް ރަށަކަށްވާތީ ރަށުގައި ބިން ހިއްކުމުގެ މަޝްރޫއުއެއް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ގެދޮރުވެރިކަމާއި އިގްތިސާދީ ބޭނުންތަކަށް ބޭނުންކުރެވޭނެ ކަމަށް ވިދާޅުވެ ރައީސް ވަނީ އެމަނިކުފާނު ކުރިން ވައުދުވެވަޑައިގަތް ގޮތަށް މި ދައުރު ނިމޭއިރު ގެދޮރުގެ މައްސަލަ ކުރިމަތިވާ މީހަކު ނުހުންނާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ވެސް ތަކުރާރު ކުރައްވައިފަ އެވެ.
އެހެންވެ، ލޯނުތައް ނަގައިގެން އެ މަޝްރޫއު ހިންގަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ފަރެސްމާތޮޑާއަކީ މަސްވެރި ރަށަކަށްވާތީ މަސްވެރިކަމަށް ބޭނުންކުރެވޭ އިތުރު ކަންކަމާ އެކު ބަނދަރު ބޮޑުކުރުމަށް މި އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަމަށެވެ. އެތަނުގެ ޑިޒައިނިންގެ މަސައްކަތަށް ވަރަށް އަވަހަށް މިނިސްޓްރީގެ ޓީމެއް ރަށަށް ވަޑައިގަންނަވާނެ ކަަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ފަރެސްމާތޮޑާގައި ރަނގަޅު ފެންވަރުގެ ބޮޑު މިސްކިތަކާއި މަގު ހެދުމުގެ މަސައްކަތާއި ޑޮކްޓަރުން ހޯދުމާއި ސްކޫލު ބޮޑުކުރުމުގެ މަސައްކަތާއި ރަށުގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ވެސް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މި މަޝްރޫއުތައް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވީ ބޯހިޔާވަހިކަމާއި ފެނާއި ނަރުދަމާގެ މައްސަލަ އާއި ބަނދަރުގެ ޖާގައިގެ މައްސަލައާއި މަސްވެރިންގެ މައްސަލަތަކާއި ޒުވާނުންނަށް ފުޓްބޯޅަ ކުޅެވޭނެ ދަނޑެއް ނެތުމުން އެ މައްސަލަތަކަށް ހައްލެއް ހޯދައިދެއްވަން ކައުންސިލުން އެދުމުންނެވެ.