20 ފެބުރުއަރީ 2024 - 05:39

ހަމާސް ޖަމާއަތް ނައްތާލުމުގެ ނަމުގައި އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކަކީ ޔޫރަޕްގެ ޔަހޫދީން ނައްތާލަން ދެ ވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ހިންގި [ހޮލޮކާސްޓް] ފަދަ ގަތުލްއާންމެއްގެ ގޮތުގައި ބްރެޒިލްގެ ރައީސް ލުއީ އިނާސިއޯ ލޫލަ ޑަ ސިލްވާ ސިފަކުރެއްވުމުން އޭނާ އިޒްރޭލަަށް އެރުން މަނާކޮށްފި އެވެ.
ބްރެޒިލްގެ ރައީސް އާދީއްތަ ދުވަހު ވިދާޅުވެފައިވަނީ އިޒްރޭލުން ޣައްޒާގައި ކުރަނީ ހަނގުރާމައެއް ނޫން ކަމަށާއި އެއީ ނަސްލު ނައްތާލުމުގެ ޖަރީމާއެއް ކަމަށެވެ. އަދި މިއީ ޖަރުމަނުގެ އެޑޮލްފް ހިޓްލަރު ޔަހޫދީންގެ ނަސްލު ނައްތާލަން ހިންގި އަމަލު ފަދަ ކަމެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.
މި ވާހަކަޔާ މެދު ނުރުހި އިޒްރޭލުން ވަނީ ބްރެޒިލްގެ ސަފީރު، އިޒްރޭލުގެ ފޮރިން މިނިސްޓަރު އިޒްރާއިލް ކަޒްގެ އޮފީހަށް ހާޒިރުކޮށްފަ އެވެ.
"އެއީ މިހާރު އިޒްރޭލަށް އެރުން މަނާ މީހެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައި. މިކަން ބަދަލުވާނީ އެ ވާހަކަ އަނބުރާ ގެންގޮސް މާފަށް އެދުމުން،" އިޒްރޭލުގެ ނިންމުން ކަޒް ހާމަކުރި އެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމިން ނަތަންޔާހޫ ވެސް ވަނީ ލުލާ ރަތް ރޮނގު ހުރަސްކޮށްފި ކަމަށް ބުނެފަ އެވެ.
އޮކްޓޫބަރު ހަތް ވަނަ ދުވަހު އިޒްރޭލަށް ހަމާސް އިން ހަމަލާދީ 1،160 މީހަކު މަރާލައި 250 މީހަކު ރަހީނުކުރުމާ އެކު ހަމާސް ނައްތާލުމުގެ ނަމުގައި އިޒްރޭލުން ހަމަލާދީ ފަލަސްތީނުން 28،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްފަ އެވެ. --އޭއެފްޕީ