19 ފެބުރުއަރީ 2024 - 21:32

ކުޅިވަރުގެ ގައުމީ ވެޓަރަންސް އެމްބެސެޑަރުންގެ ދަފުތަރެއް އެކުލަވާލަން ސްޕޯޓްސް މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.

ގައުމީ ކުޅިވަރުތަކުގެ ވެޓަރަންސް އެމްބެސެޑަރުންގެ ދަފުތަރެއް އެކުލަވާލުމަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި ކުރުމަށް ހިމަނާފައިވާ ކަންތައްތަކުގެ ތެރެއިން އެއް މަސައްކަތެވެ.

އެކަން އިއުލާން ކުރަން ހެންވޭރު ބޯޅަ ގޭގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވީ، ރާއްޖޭގެ ކުޅިވަރަށް ހިދުމަތް ކުރައްވާފައިވާ ކުރިގެ އެތުލީޓުންނާއި ކުޅިވަރުގެ ހިންގުމުގެ ދާއިރާގައި އުޅުއްވި ހިދުމަތްތެރި ބޭފުޅުންނަށް، ސްޕޯޓްސް ވެޓަރަންސް އެމްބެސެޑަރުންގެ ދަފުތަރުގައި ހިމެނުމަށް ސްޕޯޓްސް މިނިސްޓްރީގެ "މީސް ޕޯޓަލް" މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ވެޓަރަންސް އެމްބެސެޑަރެއް ކަމަށް ކަނޑައަޅާނީ އެކަމަށް ހާއްސަ ބޯޑަކުން ބަލައި އެޕްރޫވް ކުރުމަށް ފަހު އެވެ.
ރާފިއު ވިދާޅުވީ، ގައުމީ ފެންވަރުގެ އެތުލީޓުން، ރާއްޖެއަށް ރީތި ނަން ހޯދައި ދިނުމުގެ ގޮތުން އުމުރުން ހަގުއިރުން ފެށިގެން ވަރަށް ދިގު މުއްދަތެއް ކުޅިވަރުގެ ތަމްރީނާއި އެކި ފުރުސަތުތަކުގައި ހޭދަ ކުރާ ކަމަށެވެ. އެކަމަކު އެތުލީޓެއްގެ ޕްރޮފެޝަނަލް ކެރިއާ ނިންމާލުމަށް ފަހު، ގައުމުން އެ އެތުލީޓުންނަށް ކޮށްދެވޭނެ ކަމެއް މިހާތަނަށް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ދިވެހިރާއްޖެއަށް ރީތިނަން ހޯދައިދޭން ވަރަށް ބުރަކޮށް މަސައްކަތްކޮށްފަ ދެން އަނބުރާ (ކެރިއާ ނިންމާލައި މުޖުތަމައުގެ އާންމު ފަންތިއަށް) އަންނައިރު އަޅުގަނޑުމެންގެ ސުވާލަކީ ގައުމުން އެ ކުދިންނަށް [އެތުލީޓުންނަށް] ދެން ކޮށްދޭނީ ކޮންކަމެއްތޯ،" ސުވާލު އުފައްދަވައި ރާފިއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ދިވެހި ކުޅިވަރުގެ ވެޓަރަންސުންގެ ތެރޭގައި އަމިއްލަ ވިޔަފާރި ގުރުބާންކޮށް ކްލަބަށް އިންވެސްޓް ކުރައްވި ބޭބޭފުޅުން ހިމެނިވަޑައިގަންނަވާ ކަމަށެވެ.
އަހަރުތަކެއް ކުރިން ކުޅިވަރުގެ ހިދުމަތުގައި އެންމެ ހަރަކާތްތެރިކޮށް އުޅުއްވި ބައެއް ހިދުމަތްތެރިންނަކީ އެބޭބޭފުޅުންގެ އަމިއްލަ މުދާ ވިއްކާލާފަ ކްލަބަށް ވަރަށް ބޮޑެތި ހޭދަތަކެއް ކުރެއްވި ބޭފުޅުންކަން، ރާފިއު ފާހަގަ ކުރެއްވި އެވެ.
"އެ ކުރެއްވި ހޭދައަކީ ކުޅިވަރަށް ވަރަށް ހެޔޮ ނިޔަތުގައި ކުރެއްވި ހޭދައެއް. އެހެންވީމަ މިކަން އަޅުގަނޑުމެން އެބަޖެހޭ ބަލައިގަންނަން،" ރާފިއު ވިދާޅުވި އެވެ.
"މިކަން ބަލައިގަތުމަށްޓަކައި ފުރަތަމަ އަޅުގަނޑުމެން މި ކުރި ކަމަކީ ނެޝަނަލް ސްޕޯޓްސް ކައުންސިލުގައި އަޅުގަނޑުމެން މި އެދުނީ ނެޝަނަލް ސްޕޯޓްސް ވެޓަރަންސް އެމްބެސެޑާސްގެ ދަފުތަރެއް އެކުލަވާލަން ހަދަންޖެހޭ ކްރައިޓީރިއާތަކެއް ހެދުމަށް. މި ކްރައިޓީރިއާތައް މިހާރު ހަދާ ނިމިފަ އަދި މި އުސޫލު (ރައީސް އޮފީހުގެ) ސޯޝަލް ކައުންސިލްގައި ވެސް މި ވަނީ ފާސްކޮށް ނިމިފަ."
ސްޕޯޓްސް އެމްބެސެޑަރަކަށް ވުމުގެ ޝަރުތުތަކެއް، ސްޕޯޓްސް ކައުންސިލުގެ މަޝްވަރާއާ އެކު މިނިސްޓްރީން ވަނީ އެކުލަވާލައިފަ އެވެ. ވެޓަރަންސް އެމްބެސެޑަރަކަށް ވުމުގެ މައިގަނޑު ޝަރުތުތަކީ ވާދަވެރި ކަމާ އެކު ކުޅިވަރު ކުޅުމުގައި މަދުވެގެން 10 އަހަރު ހޭދަކޮށްފައި ވުމާއި 40 އަހަރު ފުރިފައިވާ މީހަކަށްވުމެވެ. އަދި ކުޅިވަރުގައި ގައުމީ ނުވަތަ ބައިނަލްއަގުވާމީ ފެންވަރުގައި ވަނަތައް ހޯދާފައިވާ ފަރާތަކަށް ވުން ހިމެނެ އެވެ. ގާނޫނީ ގޮތުން އަދަބެއް ލިބިފައިވާ މީހެއް ކަމުގައި ނުވުމާއި ބައިނަލްއަގުވާމީ ކުޅިވަރު އިދާރާއަކުން ފިޔަވަޅެއް އަޅާފައިވާ މީހެއްކަމުގައި ނުވުން ވެސް ޝަރުތަކުގެ ތެރޭގައި ހިމެނެ އެވެ.
ކުޅިވަރުގެ ވެޓަރަނަސްގެ އެމްބެސެޑަރަކަށްވުމަށް ފަހު އަދާކުރަން ޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތުތަކެއް ވެސް ވެ އެވެ. މައިގަނޑު ޒިންމާތަކުގެ ތެރޭގައި ކުޅިވަރުގެ ދާއިރާއިން ކުރި ތަޖުރިބާތަކާއި ދަސްވި ހުނަރުތަކުގެ މައްޗަށް ބިނާކޮށް ކުޅިވަރަށް ހިދުމަތް ކުރުމުގައި ވަގުތު ދިނުމާއި އިންސާނީ ހައްގަތައް ރައްކާތެރިކުރުމަށް ބާރުއަޅައި އެއްވެސް ފަރާތެއް ބާކީނުކޮށް އިންސާފުވެރިކަމާ އެކު މަސައްކަތް ކުރުމެވެ. އަދި ކުޅިވަރު ސިޔާސަތުތައް ރޭވުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށް ދިނުން ވެސް ސްޕޯޓްސް އެމްބެސެޑަރުންގެ ޒިންމާތަކުގެ ތެރޭގައި ވެއެވެ.
ޒިންމާތަކާ އާއެކު އެބޭފުޅުންނަށް ލިބޭނޭ މަންފާތަކެއް ވެސް ހުރެ އެވެ. އޭގެ ތެރޭގައި ހެލްތު އިންޝުއަރެންސްގެ ހިދުމަތާއި މާލީ އިދާރާތަކުން ލިބެން ހުންނަ މާލީ އެހީތެރިކަން އެބޭފުޅުންނަށް ފަހިކޮށް ދޭން އެހީތެރިވުން ހިމެނޭ ކަމަށް މިނިސްޓަރު ރާފިއު ވިދާޅުވި އެވެ.
ހެލްތު އިންޝުއަރެންސް ސްޕޯޓްސް އެމްބަސެޑަރުންނަށް ފޯރުކޮށް ދޭނީ، ގައުމީ ފެންވަރުގެ އެތުލީޓުންނަށް ފޯރުކޮށްދޭން ނިންމާފައިވާ ސްޕޯޓްސް މެޑިކަލް ހެލްތު އިންޝުއަރެންސް އުސޫލުގެ ތެރެއިން ކަމަށް މިނިސްޓަރު ރާފިއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެކަމުގައި އިންޝިއުރެންސް ހިދުމަތް ފޯރުކޮށްދޭ ބައެއް ކުންފުނިތަކާ އެކު ވެސް މިހާރު ވާހަކަ ދެކެވިފައިވާ ކަމަށެވެ.
- ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ބާއްވާ ކުޅިވަރު ހަރަކާތްތަކުގައި ކުޅިވަރު ވެޓަރަންސް އެމްބަސެޑަރެއްގެ ހައިސިއްޔަތުން ބައިވެރިވުމުގެ ފުރުސަތު
- އެ ހަރަކާތްތަކުގައި ބައިވެރިވުމަށް ހިނގާ ހުރިހާ ހަރަދު
- ވެޓަރަންސް އެމްބަސެޑަރެއްގެ ގޮތުން އަރުވާ ޝަރަފު ނުވަތަ ބެޖް އަދި ކުޅިވަރުގެ އެކި މުނާސަބަތުގައި އެ ބެޖް ބޭނުން ކުރުމުގެ އިހްތިޔާރު
- މާލީ އިދާރާތަކުން ލިބެން ހުންނަ މާލީ އެހީތެރިކަން ފަހިކޮށް ދިނުމަށް އެހީވެ ދިނުން
- ސްޕޯޓްސް މެޑިކަލް އިންޝުއަރެންސްގެ ދަށުން އިންޝިއުރެންސްގެ ހިދުމަތް
"މީ އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް މުހިންމު ކަމެއް. ސަބަބަކީ އުމުރުގެ ފަހުކޮޅަށް އަޅާއިރުގައި އަޅުގަނޑުމެންގެ ތެރޭގައި ގައިންގަޔަށް ނާރާ ކޮންމެވެސް ކަހަލަ ބައްޔެއް ގިނަ ފަހަރަށް ހަމަ ހުރޭ. އަދި (އެފަދަ ބައްޔެއް) ނެތަސް ދިމާވާ ކަމެއްގައި ބޭސްކޮށްލަން ޖެހުނީމަ އާސަންދައިގެ ބޭރުން ކުރެވޭނެ އެހެން ގޮތެއް ނޯވޭ. (އެކަން) ދަތި (ކަމަކަށްވޭ)،" ސްޕޯޓްސް ވެޓަރަންސް އެމްބެސެޑަރުންނަށް މެޑިކަލް އިންޝުއަރެންސް ފޯރުކޮށްދިނުމުގެ މުހިންމުކަމާ ބެހޭގޮތުން، ކުރިން ސްޕޯޓްސް ފިޒީޝަނެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި ރާފިއު ވިދާޅުވި އެވެ.
"އެހެންވީމަ އަޅުގަނޑު ދެކޭގޮތުގައި އެބޭފުޅުންގެ އެ ސާވިސް ރިކޮގޮނައިޒު ކުރުމުގެ ގޮތުން މެޑިކަލް އިންޝުއަރެންސް ދިނުމަކީ ވަރަށް މުހިންމު ކަމެއް،"
މިނިސްޓްރީން ބުނީ ސްޕޯޓްސް އެމްބެސެޑަރަކަށް ވުމުގެ އުސޫލު މާދަމާ ގެޒެޓް ކުރާނެ ކަމަށެވެ.