19 ފެބުރުއަރީ 2024 - 16:29

ފްލެޓެއް ދޭނެ ކަމަށް ބުނެ އޮޅުވާލައިގެން އޯޓީޕީ ހޯދުމަށްފަހު އެއް އެކައުންޓުން 500،000ރ. ނެގި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ ގްރޫޕަށް ފޮނުވި މެސެޖުގައި ބުނީ، މީހަކަށް ގުޅައިގެން އޮޅުވާލުމަށްފަހު މައުލޫމާތު ހޯދައި ގިނަ އަދަދެއްގެ ރުފިޔާ ހޯދި މައްސަލައެއްގައި، ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހޮނިހިރު ދުވަހު 23 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގުކުރަން 15 ދުވަސް ޖަހާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މައްސަލަ ތަހުގީގުކުރަމުން އަންނާތީ އިތުރު ތަފްސީލެއް އަދި ނުދެ އެވެ.
އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް ވަނީ އިތުރުވެފަ އެވެ. ފްލެޓް ލިބިފައިވާ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ އަތުލަމުންދާއިރު، މި ފަހުން ވެސް އޭގެ އިތުރު މައްސަލައެއް ފެންމަތިވި އެވެ.
ފްލެޓެއްގެ ދަޅަ ދައްކައިގެން އޯޓީޕީ ނަމްބަރު ހޯދައިގެން އެ އެކައުންޓުން 200،000ރ. ނެގި އެވެ. ގއ. ވިލިނގިލީގައި ހިނގި އެ ހާދިސާ އެ ރަށު ޕޮލިސް ސްޓޭޝަނުން އަންނަނީ ތަހުގީގުކުރަމުންނެވެ.