ދަރަވަންދުއަށް އިސްލާމް ޓީޗަރަކު ހޯދަން އިއުލާން ކުރާތާ އަހަރެއް
ދަރަވަންދުއަށް އިސްލާމް ޓީޗަރަކު ހޯދަން އިއުލާން ކުރާތާ އަހަރެއް

ބ. ދަރަވަންދޫގައި ހުންނަ އެ އަތޮޅު ސްކޫލަށް އިސްލާމް ޓީޗަރަކު ހޯދަން އިއުލާން ކުރާތާ އަހަރެއް ވި އިރު ވެސް ޓީޗަރަކު ނުލިބުނު ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ދަރަވަންދުއަށް އިސްލާމް ޓީޗަރަކު ހޯދަން އިއުލާން ކުރާތާ އަހަރެއް
ދަރަވަންދުއަށް އިސްލާމް ޓީޗަރަކު ހޯދަން އިއުލާން ކުރާތާ އަހަރެއް

އެ ސްކޫލުގެ ސެކަންޑްރީ ގްރޭޑްތަކަށް ކުރިން ކިޔަވައިދެމުން ދިޔަ އިސްލާމް ޓީޗަރު ރިޓަޔާވީ 2022ވަނަ އަހަރު ފަހުކޮޅެވެ. އިއުލާންގައި ވާގޮތުން އެންމެ ފުރަތަމަ އެ ސްކޫލަށް އިސްލާމް ޓީޗަރެއް ހޯދަން އިއުލާންކުރީ ޑިސެމްބަރު 23، 2022ގަ އެވެ.

"އެތައް ފަހަރަކު އިސްލާމް ޓީޗަރެއް ހޯދަން އިއުލާން ކޮށްގެން ވެސް ޓީޗަރެއް ނުލިބުނު. އެ ރަށުން [ދަރަވަންދޫން] ވެސް ނުލިބުނު،" މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.

ބ. އަތޮޅު ސްކޫލުގެ ޕްރިންސިޕަލް، ނާޒްނީން އަބްދުﷲ ދީދީ ވިދާޅުވި ގޮތުގައި އެ ސްކޫލުގައި އިސްލާމް ޓީޗަރެއް ނެތުމުން ކިޔަވައިދެނީ ހުރަވީ ސްކޫލްގެ ޓީޗަރުން މެދުވެރިކޮށް އޮންލައިންކޮށެވެ.

"ސެޓްލައިޓް ސްކޫލު މެދުވެރިކޮށް ކިޔަވައިދެނީ. އޯލެވެލްގެ ދެވަނަ ބެޗް މިހާރު އެގްޒާމް ހަދަން އެ ދަނީ، އެ ނިމެނީ އިސްލާމް ޓީޗަރެއް ނެތި، އޮންލައިންކޮށް ކިޔަވައިދެނީ، ނަތީޖާ ރަނގަޅު،" އޭނާ ވިދާޅުވި އެވެ.

އޮންލައިންކޮށް ކިޔަވައިދެމުން އައި ނަމަވެސް ދިވެހި/އިސްލާމް ޓީޗަރުން ނުލިބޭ ކަމުގެ ކަންބޮޑުވުން، ނާޒްނީން ފާޅުކުރެއްވި އެވެ.

"މި ރަށަށް [ދަރަވަންދޫ] ޓީޗަރަކު އުޅެން އަންނަން ބޭނުން ވިޔަސް، ލިވިން ސްޓޭންޑާޑް މަތިވީމައި، ތަންތަން ހިފައިގެން އެހެން އުޅެން އަންނަން ދަތި. އެކަހަލަ ކަންކަމާ ހެދި ނުލިބިގެން މި އުޅެނީ،" ޕްރިންސިޕަލް ވިދާޅުވި އެވެ.

ވަގުތީ ހައްލެއްގެ ގޮތުގައި ސެޓްލައިޓް މެދުވެރިކޮށް އިސްލާމް ޓީޗަރަކު ހުރެ ގަޑިތައް ނަގައިދެމުން ދިޔަ ނަމަވެސް ބެލެނިވެރިން އެކަމާ ޝަކުވާ ކުރާކަން ޕްރިންސިޕަލް ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެން މާލޭ ސްކޫލުތަކަށް ވެސް ފޮނުވިން [އިސްލާމް ޓީޗަރެއް ހޯދަން] އެ ސްކޫލަށް ބޭނުންވާ އަދަދަށް ނަގައިގެން ބާކީވި ޓީޗަރުންނަށް ވެސް އަޅުގަނޑުމެން ގުޅިގެން މިކޮޅަށް އަންނަން. އެކަމަކު އެއްވެސް ޓީޗަރަކު ބޭނުމެއް ނުވި އަންނާކަށް،" އޭނާ ވިދާޅުވި އެވެ.

ޓީޗިން ކޯސްތައް އޮންލައިންކޮށް ނުކިޔެވޭތީ، ދިވެހި/އިސްލާމް ޓީޗަރުން ލިބުމުގައި ހުރި ދަތިތައް ހައްލު ކުރުމަށް އެ ރަށު ސްކޫލުން ނިންމީ ރަށު ކައުންސިލާ މަޝްވަރާ ކުރުމަށެވެ. އެ މާއްދާތަކަށް ޝައުގުވެރިވާ ޓީޗަރުން ކައުންސިލްގެ ހަރަދުގައި ކިޔަވަން ފޮނުވަން މަޝްވަރާ ކުރެވުނު ނަމަވެސް މިހާތަނަށް ވެސް އެ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިފައި ނުވާކަން ޕްރިންސިޕަލް ފާހަގަ ކުރި އެވެ.

ދަރަވަންދޫ ސްކޫލުގެ ސެކަންޑްރީ ގްރޭޑްތަކަށް މިހާރު ކިޔަވައިދެނީ އެ ސްކޫލުން ޓްރެއިންކުރި ޓީޗަރެކެވެ. ނަތީޖާ ވެސް ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ހުރި ދިވެހި ޓީޗަރަކީ، ކުރިން ހުރި ދިވެހި ޓީޗަރު ރިޒައިން ކުރުމުން، ޕްރައިމަރީ ގްރޭޑްތަކަށް ކިޔަވައިދޭން އުޅުނު ޓީޗަރެއް އަޅުގަނޑުމެން ސްކޫލު ފަރާތުން ޓްރެއިން ކޮށްގެން މިހާރު ސެކަންޑްރީ ގްރޭޑްތަކަށް ކިޔަވައިދެމުން އެ ދަނީ،" އޭނާ ވިދާޅުވި އެވެ.

އެކަމަށް އޮތް ހައްލަކީ، އޭނާ ވިދާޅުވި ގޮތުގައި، ރަށްރަށަށް ބަދަލުވާ ޓީޗަރުންނަށް އިތުރު އެލަވެންސެއް ދިނުމެވެ.

ކުރީ ސަރުކާރުގައި ރަށްރަށަށް ބަދަލުވާ ޓީޗަރުންނަށް 7000ރ. ގެ އެލަވެންސެއް ދިން ނަމަވެސް ޓީޗަރުންގެ މުސާރަ ބޮޑުކުރުމުން އެ އެލަވެންސް ހުއްޓާލީ އެވެ.