"ހިޔަލަ ވީކެންޑު މާކެޓު"ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު
"ހިޔަލަ ވީކެންޑު މާކެޓު"ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ބާއްވާ "ހިޔަލަ ވީކެންޑް މާކެޓު"ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއިކޮށްފި އެވެ.

މި މާކެޓް އޮންނަނީ ކޮންމެ ހަފުތާއެއްގެ ވެސް ބުރާސްފަތި ދުވަހުން ހުކުރު ދުވަހުގެ ނިޔަލަށް ހަވީރު 4:00 އިން 11:00 އަށް ހުޅުމާލެ ފޭސް 1ގެ ކޮންޓެއިނަރު ޕާކުގަ އެވެ. "ޕަވާޑް ބައި ދިރާގު"ގެ ގޮތުގައި ކުރިއަށް ގެންދާ މި މާކެޓަކީ އަންހެން ވިޔަފާރިވެރިން ބާރުވެރިކުރުވައި އެ ފަރާތްތަކުގެ އުފެއްދުންތައް ދައްކާލައި ވިއްކުމަށް ހާއްސަ ޕްލެޓްފޯމެއް ކަމަށް ދިރާގުން ބުންޏެވެ.

ކޮންމެ ހަފުތާއަކު ވެސް 18 އަންހެން ވިޔަފާރިވެރިންނަށް އެ މާކެޓުގައި އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ބީސީސީން ދެ އެވެ. މި މާކެޓުގައި ބައިވެރިވުމަށް ބޭނުންވާ މީހުން ނަން ހުށަހަޅައި ވެއިޓްލިސްޓް ކުރުމުގެ އިންތިޒާމް ބީސީސީން ވަނީ ހަމަޖައްސައިފަ އެވެ.

ދިރާގުގެ މެނޭޖަރު ބްރޭންޑް އެންޑް އިވެންޓްސް، ނާޔާ ޝަރީފް ވިދާޅުވީ އެ މާކެޓަކީ އަންހެން ވިޔަފާރިވެރިންނަށް ތަފާތު ވިޔަފާރިފުޅާ ކުރަން ލިބޭނެ ފުރުސަތެއް ކަމަށެވެ. އަދި އަންހެނުން ބާރުވެރިކުރުވުމަކީ ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގެ މައިގަނޑު އެއް ފޯކަސް ދާއިރާއަށް ވާއިރު، އެ ފަދަ ހަރަކާތެއްގެ ޑިޖިޓަލް ޕާޓްނަރަކަށްވުމަކީ ކުންފުންޏަށް ލިބޭ އުފަލެއްގެ ގޮތުގައި ފާހަގަކުރެއްވި އެވެ.

ބީސީސީގެ ޑިރެކްޓަރު ކޮމާޝަލް، މުހައްމަދު ޖައުޝަން ވިދާޅުވި ގޮތުގައި އުންމީދަކީ ދިރާގާ އެކު މަސައްކަތްކޮށް، އެ ޕްލެޓްފޯމް އިތުރު އަންހެން ވިޔަފާރިވެރިންނަށް ފޯރުކޮށްދީ، އެ ފަރާތްތަކުގެ އުފެއްދުންތައް މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި އާންމުންނާ ހަމައަށް ވާސިލްކޮށްދިނުމެވެ.

ދިރާގަކީ މި ފަދަ އެކި ހަރަކާތްތަކުގައި ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި އެހީތެރިވެދެމުން އަންނަ ކުންފުންޏެކެވެ.