12 ޖޫން 2016 - 10:35

ލިލް، ފްރާންސް (ޖޫން 12) - ޔޫރޯ ފުޓްބޯޅަ މުބާރާތަށް ޖަރުމަން އޮތީ ތައްޔާރުވެފައި ކަމަށާއި ޓީމަށް ދިމާވެފައިވާ އަނިޔާގެ މައްސަލަތަކުގެ ވާހަކަ ނުދައްކާނެ ކަމަށް އެ ޓީމުގެ ކޯޗު ޔަކިމް ލޯ ބުނެފި އެވެ.
ދުނިޔޭގެ ޗެމްޕިއަން މި ފަހަރުގެ މުބާރާތަށް ތައްޔާރުވަމުން އަންނަނިކޮށް އެ ޓީމުގެ މުހިއްމު ތިން ކުޅުންތެރިން ކަމަށްވާ މާކޯ ރެއުސް އާއި އިލްކޭ ގޮންޑޮގާން އަދި އެންޓޯނިއާ ރުޑީގާ އަށް ވަނީ އަނިޔާވެ މުބާރާތުގައި ކުޅުމުގެ ފުރުސަތު ގެއްލިފަ އެވެ. އަދި މިރޭ ފުރަތަމަ މެޗަށް ނުކުންނައިރު ޖަރުމަނުގެ އެންމެ ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ ބަސްޓިއަން ޝްވައިންސްޓައިގާ އާއި މެޓް ހަމެލްސް މުޅިން ފިޓެއް ނޫނެވެ.
"ޓްރެއިނިންގައި ހަމެލްސް ފެންނަނީ 100 ޕަސެންޓް ފިޓްކޮށް. އެކަމަކު އަހަރެންނަށް އެނގޭ މެޗު ކުޅެވޭ ވަރަށް އޭނާ ފިޓެއް ނޫންކަން. ފުރަތަމަ މެޗަށް ނުކުންނައިރު އަނިޔާގެ މައްސަލަތަކުގެ ޝަކުވާ ކުރަން ނެތިން. ޓީމު އޮތީ ތައްޔާރަށް،" ޖަރުމަނު ގޮވައިގެން ތިން ވަނަ ފަހަރަށް ޔޫރޯ ފުޓްބޯޅަ މުބާރާތަށް ނުކުތުމުގެ ކުރިން ލޯ ބުންޏެވެ.
ޖާމަނީ ވަނީ ކޮލިފައިންގައި ރަށުން ބޭރުގައި އަޔަލެންޑާއި ޕޮލެންޑް އަތުން ބަލިވެފަ އެވެ. އަދި މިދިޔަ މާޗް މަހު އަމިއްލަ ގައުމުގައި އިނގިރޭސިން އަތުން ބަލިވިއިރު، މުބާރާތަށް ތައްޔާރުވާން ކުޅުނު މެޗުން ސްލޮވާކިއާ ވެސް ވަނީ ޖަރުމަނު ބަލިކޮށްފަ އެވެ.
ލޯ ބުނީ ކުރިން ދިޔަ މެޗުތައް ހަނދާން ނައްތާލަން ބޭނުންވާ ކަމަށާއި މުބާރާތުގެ ފުރަތަމަ މެޗަށް ކެތް މަދުވެފައި ހުރި ކަމަށެވެ.
"ފުރަތަމަ މެޗަށް އަހަރެން މިހުރީ ކެތް މަދުވެފައި. މުބާރާތުގެ ހޯސްޓު ފްރާންސަށް ވެސް އުނދަގޫވި ފުރަތަމަ މެޗު. އަހަރެމެންނަށް ވެސް ޔޫކްރެއިނާ ދެކޮޅަށް ކުޅެން ފަސޭހަވާނެ ކަމަށް ނުދެކެން،" ލޯ ބުންޏެވެ.
ޖަރުމަނާއި ޔޫކްރޭން ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ ދަންވަރު 00:00 ގަ އެވެ.