18 ފެބުރުއަރީ 2024 - 20:10

މަސްވެރިން ބާނާ މަހަށް ފައިސާ ނުލިބިގެން އަންނަ މަހުގެ ފަހަކުން ފެށިގެން މުޒާހަރާކުރަން ނުޖެހޭނެ ކަމުގެ ޔަގީންކަން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް މިއަދު ދެއްވައިފި އެވެ.

މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުލިބި ތިން މަސްވެއްޖެ ކަމަށް ބުނެ ގއ. ކޫއްޑޫގައި މަސްވެރިންތަކެއް މިއަދު ވަނީ މުޒާހަރާކޮށްފަ އެވެ. އެ ކަންބޮޑުވުންތައް އަޑުއައްސަވަން މިނިސްޓަރު ވަނީ ހަވީރު ކޫއްޑުއަށް ވަޑައިގެން މަސްވެރިންނާ ބައްދަލުކުރައްވައިފަ އެވެ.
އެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، މަސްވެރިންނަށް ދޫނުކޮށް ހުރި ގިނަ އަދަދެއްގެ ފައިސާ ދޫކުރަމުން އަންނަ ކަމަށެވެ. މިހާތަނަށް ނުދެވި ހުރި ފައިސާ ދޫކުރަން ވެސް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
"އެހެންވެ އަޅުގަނޑު މި ދަންނަވަނީ އަންނަ މަހުގެ ފަހެއްގެ ކުރިންނޭ. އެ ވެދާނެ ހަތަރު ދުވަސް ފަސް ދުވަސް ފަހުން ކަމަށް ވެސް. އެ ވެދާނެ ދެތިން ހަފްތާއެއް ވެސް. އެކަމަކު ފަހެއް މާޗުގައި ޔަގީނުން ވެސް މިކަން އަޅުގަނޑުމެންނަށް ކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
"އެހެންވެ އަޅުގަނޑުމެން މި ދަންނަވަނީ އެ މައްސަލަ ހައްލު ކުރާނަމޭ. އެކީ އެކައްޗަކަށް އެ މައްސަލަ ހައްލު ކުރާނަމޭ. ތިބޭފުޅުން އެއަށްފަހު [މާޗް 5]ގެ ފަހުން ނުޖެހޭނޭ މިތަނުގައި ފައިސާ ނުލިބިގެން މުޒާހަރާ ކުރާކަށް."
މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ މާލީ ހާލަތު މިވަގުތު އޮތްގޮތުން މަސްވެރިންނަށް ފައިސާ ދިނުމުގައި އުނދަގޫ ތަކެއް އެބަހުއްޓެވެ. އަދި ލޯނު ދިނުމުގައި ވެސް އުނދަގޫތަކެއް ހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެ އުނދަގޫ އެގޮތަށް އޮތުމުން ލޯނެއް ނަގައިގެން މިވަރުގެ ލާރިއެއް މީގެ ކުރިން ހޯދި ކަމަށް، އަޅުގަނޑެއް އަޑެއް ނާހަން. ނަމަވެސް ރައީސް، ޑރ. މުހައްމަދު މުއިއްޒު މި ވަނީ ލޯނެއް ނަގައިގެން، މި އޮތް ބެކްލޮގް ފިލުވާލުމަށްޓަކައި މަސައްކަތްތަކެއް ކުރައްވާފައި،" މިނިސްޓަރު ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި މި ސަރުކާރު އައުމުގެ ކުރިން ވެސް މަސްވެރިންގެ ހައްގުގައި ވާނީ ތެދުވެފަ އެވެ. ކުރިއަށް އޮތް ތަނުގައި ވެސް ސަރުކާރު ދެމި އޮންނާނީ މަސްވެރިންގެ ހައްގުތައް ހޯދައިދިނުމުގައި ކަމަށް ވިދާޅުވި އެވެ.
"މިއީ އުނދަގޫ ވަގުތުކޮޅެއް. [އެކަމަކު] އޭރު އަޅުގަނޑުމެން މަސްވެރިންނަށް ގެނައި ތަސައްވުރާ އެކީގައި އަޅުގަނޑުމެންގެ ރައީސް މުއިއްޒުގެ މި ފަސް އަހަރު ދާނީ. މަސްވެރި އާއިލާތަކަށް ނިކަމެތި ކަމެއް ނާންނާނެ. ރާއްޖޭގެ މަސްވެރިންނަކަށް ފައިސާ ނުދީއެއް ނުބަހައްޓާނެ. އަޅުގަނޑުމެން މި ބުނަނީ ކުޑަ ވަގުތުކޮޅެއް ދޭށޭ،" ޝިޔާމް ވިދާޅުވި އެވެ.
މިފްކޯ އަށް ކިރި މަހަށް މަސްވެރިންނަށް ދޭން ޖެހޭ 298 މިލިއަން ރުފިޔާ ނުދީ އެބައޮތް ކަމަށް މިނިސްޓަރު މިއަދު ވަނީ ވިދާޅުވެފަ އެވެ. އެ ފައިސާ މަސްވެރިންނަށް ދޫކޮށް ނިންމައި، ބެކްލޮގް ފިލުމުން، ކިރާ މަހަށް ކޮންމެ ހަފްތާއަކު ފައިސާ ދޫކުރަމުން ގެންދާނެ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.