18 ފެބުރުއަރީ 2024 - 16:05

ޑޮލަރުގެ މައްސަލަ ބޮޑުވެ، ވިޔަފާރިތަކަށް އެކަމުގެ އަސަރުކުރަން ފަށާފައިވާ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް، އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ބުނެފި އެވެ.
މަޓާޓޯއިން ނެރުނު ނޫސް ބަޔާނުގައި ބުނީ، ޑޮލަރު ލިބުން އުނދަގޫވެ، އިގްތިސާދީ ހަރަކާތްތައް ހިންގަން ދަތިވެފައިވާ ކަމަށެވެ.
"ޑޮލަރު މައްސަލަ އެހާ ބޮޑަށް ގޯސްވި އެއް ސަބަބަކީ، ބޭންކްތަކުގައި ބޭރު ފައިސާ ނުހުންނާތީ އެވެ. އެހެންވެ ބޭންކްތަކުން ވިޔަފާރިތަކަށް ފައިސާ ދޫކުރުމުގެ އެ ފައިސާ ދޫކުރަނީ ބޮންޑްގެ ގޮތުގަ އެވެ،" މަޓާޓޯއިން ބުންޏެވެ.
މަޓާޓޯއިން ބުނީ، މި މައްސަލަ ހައްލު ނުވާ އެއް ސަބަބަކީ ސަރުކާރުން ގިނަ ހަރަދުތަކެއް ކުރާތީ އާއި ބޮޑެތި އަދަދުތަކުން ލޯނު ނަގާތީ ކަމަށެވެ.
"މިކަން ހައްލުކުރަން ފިސްކަލް ޕޮލިސީތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހެ އެވެ." މަޓާޓޯގެ ބަޔާނުގައިވެ އެވެ.
ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނުވާ ކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށް މަޓާޓޯއިން ބުންޏެވެ.
ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 18ރ. އިން މަތީގަ އެވެ.
ޑޮލަރުގެ ދަތިކަން ބޮޑުވެފައި ވާއިރު އިކޮނޮމިކް މިނިސްޓަރު މުހަންމަދު ސައީދު ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ތިން މަސް ތެރޭގައި އެ މައްސަލަ ހައްލުކުރާނެ ކަމަށެވެ.