18 ފެބުރުއަރީ 2024 - 16:08

ބޯޓްރެއިން އިން އެމްއެޗްއޭއަށް "މެގްނަމް2"ގެ ނަމުގައި މުދާ އުފުލާ ބޯޓެއް ބަނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ފައިބަރު ބޭނުންކޮށްގެން ބަންނަ 85 ފޫޓުގެ މި ބޯޓަކީ އެންމެ ފަހުގެ ކޫލިން ސިސްޓަމާއި އެކު ހެދުމަށް ހަމަޖެހިފައިވާ ބޯޓެކެވެ. މި ބޯޓުގައި، އެކި ޓެމްޕަރޭޗަރުތަކުގައި މުދާ އުފުލުމުގެ ގާބިލުކަން ހުންނާނެ އެވެ. އެގޮތުން މި ބޯޓުގައި ގަނޑުކޮށް, އަދި ފިނިކޮށް އެކި ޓެމްޕަރޭޗަރުތަކުގައި މުދާ ބަހައްޓައިގެން ގެނެވޭނެ އެވެ.
މިއީ ރާއްޖޭގެ ރަށްރަށަށް އަސާސީ ތަކެތި ފޯރުކޮށްދިނުމުގައި ލުއިފަސޭހަކަން ގެނެސްދޭނެ އުޅަނދެކެވެ.
ބޯޓްރެއިންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އިހުސާނު ވިދާޅުވި ގޮތުގައި އެންމެ ފަހުގެ ހަލް ޑިޒައިނާ އެކު ބަނުމަށް ހަމަޖެހިފައިވާ މި ބޯޓަކީ ސްޕީޑުގެ ގޮތުން ވަރުގަދަ އަދި މާކެޓުގައި ފާހަގަކޮށްލެވޭ, އެފިޝެންޓު ބޯޓަކަށް ވާނެ އެވެ. މި ބޯޓަކީ އެ ކުންފުނިން މެރިޓައިމް އިންޑަސްޓްރީ ތަރައްގީކުރަން ކުރާ މަސައްކަތްތަކުގެ ހެއްކަކަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މެގްނަމް2 ބޯޓަކީ މިހާރު އެމްއެޗްއޭގައި ހުރި ބޯޓުތަކަށް ވުރެ ދެ ގުނައަށް އިތުރަށް މުދާ އުފުލޭނެ އަދި ބާރަށް ދުއްވޭނެ ބޯޓެކެވެ. މިއީ އެމްއެޗްއޭގެ މުދާ, ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގައި އިތުރު ލުޔެއް ލިބި، ތަކެތި ފޯރުކޮށްދިނުން އިތުރަށް އަވަސްވެގެންދާނެ ކަމެއްގެ ގޮތުގައި އެ ކުންފުނިން ސިފަކުރެ އެވެ. އެމްއެޗްއޭގެ މެގްނަމް2ގެ މަސައްކަތަކީ ބޯޓްރެއިން އިން ރާއްޖޭގެ މެރިޓައިމް ސެކްޓަރަށް އަންނަމުންދާ ބަދަލުތަކަށް ވިސްނައި އެ ބަދަލުތަކާ ގުޅޭ ގޮތަށް ފަރުމާކުރާ ބޯޓެކެވެ.
އެމްއެޗްއޭގެ މެނޭޖިން ޑިރެކްޓަރު ސޮފްވާން އަހުމަދު ވިދާޅުވީ އަލަށް ބަންނަ އުޅަނދަކީ އެމްއެޗްއޭގެ ޕްރޮޑަކްޓުތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފަސޭހައިން ފޯރުކޮށްދީ, އެ ކުންފުނީގެ މާކެޓު އެކި ހިސާބުތަކުގައި އިތުރުކުރުމުގެ ގޮތުން ބަންނަ ބޯޓެއް ކަމަށެވެ. މި ބޯޓުގެ ސަބަބުން އެ ކުންފުނިން މުދާ ގަންނަން ބޭނުންވާ ރަށްރަށުގެ ކަސްޓަމަރުންނަށް ވީހާވެސް އަވަހަކަށް މުދާ ފޯރުކޮށްދެވޭނެ ކަމަށް ވިދާޅުވި އެވެ.
މެގްނަމް2 ބޯޓު ބަނެ ނިންމަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ އަށެވެ. މިއީ މި ދެ ކުންފުނިން ރާއްޖޭގެ މެރިޓައިމް އިންޑަސްޓްރީ އިތުރު ހަރުފަތަކަށް ޖައްސައިދީ، ރާއްޖޭގެ ރަށްރަށަށް ތަކެތި ފޯރުކޮށްދިނުމަށް ކުރިމަތިވާ ދަތިތަކަށް ހައްލު ހޯދައިދޭނެ ކަމެއްގެ ގޮތުގައި އެ ދެ ކުންފުނިން ވެސް ފާހަގަކުރެ އެވެ.
ބޯޓްރެއިން އަކީ ފިކްސް އިން މެރިންގެ ސަބްސިޑަރީ ކުންފުންޏެކެވެ.