18 ފެބުރުއަރީ 2024 - 13:35

އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލައްވަން ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ނިންމަވައިފި އެވެ.
އެމްޑީޕީގެ ރައީސްގެ މަގާމު ހުސްވީ ދެ ދައުރުގައި އެ މަގާމު ފުރުއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީން ވަކިވެވަޑައިގަތުމާ އެކު އެވެ.
މިހާރު އެމްޑީޕީގެ ވަގުތީ ރައީސްގެ މަގާމުގައި ހުންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ޕާޓީގެ ރައީސް ކަމަށް ވާދަކުރައްވާނެ ކަމެއް އެ މަނިކުފާނު ހާމައެއް ނުކުރައްވަ އެވެ.
އެކްސްގައި ޝާހިދު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އާ ފޯރި އާއި އާ ޖޯޝަކާ އެކު، އާ ބާރެއްގައި އެމްޑީޕީ ނުކުމެ ރައްޔިތުން އެދޭ މިސްރާބަށް ރާއްޖެ އަލުން ގެންދިއުމަށް އެންމެން އެކުވެ، އަތުގުޅާލަންވެއްޖެ ކަމަށެވެ.
އެމްޑީޕީގެ ރައީސް ކަމަށް ހުޅުވާލާފައިވާއިރު، މިހާތަނަށް އެހެން ބޭފުޅަކު އެ މަގާމަށް ޝައުގުވެރިކަން ފާޅުކުރައްވާފައެއް ނުވެ އެވެ.
"އާބާރެއް" ގެ ނަމުގައި އެމްޑީޕީގެ ރައީސް ކަމަށް ޝާހިދު ވާދަކުރައްވަން ނިންމެވިއިރު 2014 ވަނަ އަހަރު ޝާހިދު، ޑީއާރުޕީ ދޫކުރައްވައި އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ބޭއްވި އެ ޕާޓީގެ ޖަލްސާ އަށް ދިން ނަމަކީ ވެސް "އާބާރެއް" އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި ހުންނަވައި ޝާހިދު އެމްޑީޕީއާ ގުޅިވަޑައިގަތީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކުރީގެ ރައީސް މުހައްމަދު ވަހީދާ އެކު ހުންނެވުމަށް ފަހު، ދެ ވަނަ ބުރުގައި އޭރުގެ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދަށް ތާއިދު ކުރެއްވުމަށް ފަހު އެވެ.
އެމްޑީޕީގެ ދެ ވަނަ ސަރުކާރުގައި ފޮރިން މިނިސްޓަރު ކަން ޝާހިދު ކުރެއްވިއިރު އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަން ވެސް އޭނާ ވަނީ ކުރައްވައިފަ އެވެ.