"ކޮބައިހޭ މަސްވެރިންގެ ފައިސާކޮޅު"، މި ނޫން ދުވަހެއް ނާންނާނެތަ؟
"ކޮބައިހޭ މަސްވެރިންގެ ފައިސާކޮޅު"، މި ނޫން ދުވަހެއް ނާންނާނެތަ؟

ވިޔަފާރިވެރިއަކު ރިސޯޓެއް ހަދައި ކޮޓަރިތައް ނުފުރިގެން އެ ކޮޓަރިތަކަށް ފައިސާ ދޭން ސަރުކާރުގައި އެދެން ވީ ހެއްޔެވެ؟ ނުވަތަ ދަނޑުވެރިޔާ، އޭނާ ހައްދާ ބާވަތްތައް ނުވިކި އުކާލަން ޖެހުމުން އެ ތަކެތި ސަރުކާރުން ގަންނަންވީ ހެއްޔެވެ؟ ނުވަތަ، ކަންމަތީ ފިހާރައެއްގައި ނުވިކި ހުރި މުދާތައް ވިޔަފާރިވެރިޔާ އަށް ގެއްލުން ވެދާނެތީ ސަރުކާރުން ނުއަގުގައި ގަންނަންވީ ހެއްޔެވެ؟ ނޫނެކެވެ؛ ސަރުކާރުން އެކަމެއް ނުކޮށްދޭނެ އެވެ.

"ކޮބައިހޭ މަސްވެރިންގެ ފައިސާކޮޅު"، މި ނޫން ދުވަހެއް ނާންނާނެތަ؟
"ކޮބައިހޭ މަސްވެރިންގެ ފައިސާކޮޅު"، މި ނޫން ދުވަހެއް ނާންނާނެތަ؟

އެކަމަކު، މަސްވެރިކަމަށް އޮންނަނީ އެހެނެއް ނޫނެވެ. ސަރުކާރުން މި ހުރިހާ ދުވަހަކު މަސްވެރިކަމާ ދޭތެރޭ ދެކެނީ މުޅިން އެހެން ނަޒަރަކުންނެވެ. ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ކިތަންމެ ދަށްކޮށް ހުއްޓަސް ނުއަގުގައި ވެސް ސަރުކާރުން މަސް ގަންނަންވީ އެވެ. އަނެއްކޮޅުން، ފެކްޓަރީތަކުގައި ޖާގަ ނެތަސް ބާނާ ހުރިހާ މަހެއް ގަންނަން ވެސް ޖެހެ އެވެ.

"ކޮބައިހޭ މަސްވެރިންގެ ފައިސާކޮޅު"، މި ނޫން ދުވަހެއް ނާންނާނެތަ؟
"ކޮބައިހޭ މަސްވެރިންގެ ފައިސާކޮޅު"، މި ނޫން ދުވަހެއް ނާންނާނެތަ؟

ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ފަހު ދުވަސްކޮޅު، 2008 ގެ ރިޔާސީ އިންތިހާބުގެ ދެ އަހަރުވަރު ކުރިން ރާއްޖެ އަށް ވަރަށް ބޮޑަށް މަސްވެރިކަން ރަނގަޅުވި އެވެ. ބާނާ މަސްކޮޅު ނުކިރިގެން، ހއ. ދިއްދޫގެ މަސްވެރިން ގޮސް ރަށު އޮފީސްތެރެ އަށް މަސްތައް އަޅާލީ އެ ދުވަސްވަރު އެވެ. އޭރު ޖެހުނު އެއް މައްސަލައަކީ މުޅި ރާއްޖޭގެ ފެކްޓަރީ ކެޕޭސިޓީ އަށް ވުރެ އެތައް ގުނައެއް ކޮންމެދުވަހު ވެސް ދޯނިފަހަރުން ބާނާ މައްސަލަ އެވެ. އޭރު ފެލިވަރުގައި ވެސް، ކޫއްޑޫގައި ވެސް އަދި އަމިއްލަ މަސް ކުންފުނިތަކުގައި ވެސް އެ ހުރިހާ މަހެއް ގަތުމުގެ ގާބިލް ކަމެއް ނެތެވެ. އެކަމަކު ސަރުކާރުން އޭރު ނުއަގުގައި ވެސް މަސް ގަންނަމުން ދިޔަ އެވެ.

"ކޮބައިހޭ މަސްވެރިންގެ ފައިސާކޮޅު"، މި ނޫން ދުވަހެއް ނާންނާނެތަ؟
"ކޮބައިހޭ މަސްވެރިންގެ ފައިސާކޮޅު"، މި ނޫން ދުވަހެއް ނާންނާނެތަ؟

"މަސް ގަނެ، އެ ގުދަން ކުރެވޭނެ ގޮތެއް ނެތި ކޫއްޑޫ ކަހަލަ ތަންތަނުގައި ފޮށިފޮށިގަނޑުގައި ވެސް ބެހެއްޓި. އެ ހުރިހާ މަހެއް ތައިލެންޑަށް ފޮނުވަން އަޅުގަނޑުމެން މަދަ ވެސެލްއެއް ކުއްޔަށް ގެނެސް ބޯޓަށް އަރުވާފައި ހުއްޓާ މަސްތައް ކުނިވެގެން ދެ ކޮންޓެއިނަރުގެ މަސް އުކާލަން ޖެހުނު. އެއީ އެތައް ހާސް ޓަނެއްގެ މަސް. އެއީ އަޅުގަނޑަށް ހީވަނީ މިފްކޯގެ ހަޔާތުގައި ވެސް އެހާ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނު ފަހަރު،" ކުރިން މިފްކޯގައި މަސައްކަތް ކުރެއްވި ސީނިއާ ބޭފުޅަކު ވިދާޅުވި އެވެ.

އެހެން ވާނެ ކަން ކުރިން ވެސް އެނގެ އެވެ. އެކަމަކު އޭރު ރިޔާސީ އިންތިހާބު ބޯމަތިވެފައި އޮއްވައި، މަސް ނުގަނެ ވާނެ ހަމަ އެއް ގޮތެއް ވެސް ނެތީ އެވެ. އާޚިރުގައި ގެއްލުން ބޮލުގައި އަޅަން ޖެހުނީ ސަރުކާރެވެ. މިފްކޯ އެވެ.

މީގެ ތިރީހަކަށް އަހަރު ކުރިން ސަރުކާރުން މަސްވެރިންނަށް ދޯނިފަހަރު ބަނދެދީ، ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދީ، އަދި ބާނާ މަސްކޮޅު ގަންނަން ފެކްޓަރީތައް އަޅައިދީ، ކޮލިޓީ އަށް ވެސް ބަލާލުމެއް ނެތި ބާނާ ހުރިހާ ގަނެދޭން ފެށީ މަސްވެރިކަމާއި މަސްވެރިކަމުގެ އުފެއްދުންތައް ފުޅާކުރުމަށެވެ. އެކަމަކު، ތިރީހަކަށް އަހަރުވީ އިރު ވެސް އޭގެ ނަތީޖާއެއް ނުފެނުނެވެ. ފެކްޓަރީތައް އިތުރެއް ނުވެ އެވެ. ކެޕޭސިޓީ ބޮޑެއް ނުވެ އެވެ. މަސްވެރި އުފެއްދުންތައް ގިނައެއް ނުވެ އެވެ. މަސްވެރިކަން ވެސް ހަގީގަތުގައި ފުޅަލެއް ނުވެ އެވެ.

އެކަމަކު އެއް ކަމެއް ވެއްޖެ އެވެ. މަސްވެރި ވިޔަފާރިތަކަށް ވަންނަ ބޮޑެތި ޒަމާނީ ދޯނިފަހަރު ގިނަވެއްޖެ އެވެ. އެހެން އެވީ މައިގަނޑު އެއް ސަބަބަކީ ސަރުކާރުން ގެންގުޅޭ މަސް ގަތުމުގެ ސިޔާސަތެވެ. އޮޑިވެރިޔާ އަށް ރިސްކު ކުޑަވުމެވެ. ވަގުތުން ނުލިބުނަސް މަސް ބާނައިފިއްޔާ ކޮންމެވެސް ދުވަހަކު އެ ފައިސާ ލިބޭނެކަމުގެ ޔަގީންކަން އޮތުމެވެ. ރާއްޖޭގައި ހަމައެކަނި ޔަގީން އެއް ވިޔަފާރި އަށް ވުމެވެ. އެހެންވެ، ގާތްގަނޑަކަށް 6-8 މިލިއަން ރުފިޔާ ހޭދަކޮށްލައިފައި އަގުބޮޑެތި މަސްދޯންޏެއް ބަނުމަކީ ބައެއް ވިޔަފާރިވެރިންނަށް ކަނޑުން ރަން ނެގުން ކަހަލަ ކަމަކަށް އޮންނަނީ ވެފަ އެވެ.

މަސްވެރިކަން އިންޑަސްޓްރީއެއް ގޮތަށް ފުޅާ ކުރުމުގެ ވިސްނުމުގައި އެކި ސަރުކާރުތަކުގައި ޕްލޭންތައް ހެދި އެވެ. ސަރުކާރުން ސީދާ މަސްވެރިކަމުގެ އިންޑަސްޓްރީ އަށް ވަނެވެ. އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނުވާތީ އާންމު ވިޔަފާރިވެރިންނަށް މަސް ގަތުމުގެ ފުރުސަތު ވެސް ހުޅުވާލި އެވެ. އެކި ރަށްރަށުގައި ފެކްޓަރީތައް ހަދަން ހުއްދަ ދިނެވެ. އެކަމަކު، މިއަދު އެއިން އެންމެ ފެކްޓަރީއެއް ނޫނީ ފެންނާކަށް ނެތެވެ. ސަބަބަކީ، ސަރުކާރުން މިކަމުގައި ދެމިތިބޭތީ ސަރުކާރުން ގަންނަ އަގުގައި އަމިއްލަ ފަރާތްތަކަށް މަސް ނުގަނެވުމެވެ. އޭރު ހަތް ކުންފުންޏަކަށް ހުއްދަ ދިނަސް، އޭގެ ތެރެއިން ވުޖޫދުގައި އޮތީ އެންމެ ކުންފުންޏެކެވެ. އެހެން ހުރިހާ ކުންފުންޏެއް ބީ ބަނގުރޫޓެވެ. ސަބަބަކީ ސަރުކާރުން ނުއަގުގައި މަސް ގަތުމުގެ ސިލްސިލާ އަށް ހުއްޓުމެއް ނައުމެވެ.

ސަރުކާރުން އަގު ހަމަޖައްސަނީ ދުނިޔޭގެ ބާޒާރުގައި އޮންނަ އަގަކަށް ނޫނެވެ. އެ އަގަކީ، ހަމަ ތިބެލާފައި ރިޔާސީ އިންތިހާބުތަކުގައި ވައުދުވާ އަގެކެވެ. މިސާލަކަށް ކުރީ ސަރުކާރުން މަސް ގަންނަ އަގު ކިލޯއަކަށް 25ރ. ހަމަޖެއްސި އިރު، ދުނިޔޭގެ ބާޒާރުގައި މަސް ކިލޯއެއް ގަންނަމުން ދިޔައީ 12ރ. އަށެވެ. އޭގެ މާނައަކީ މަސްވެރިންގެ އަތުން ގަންނަ ކޮންމެ މަސް ކިލޯއަކަށް ސަރުކާރުން 12 ވަރަކަށް ރުފިޔާ ހޭދަކުރަން ޖެހުމެވެ. މިހާރު މަސްވެރިންނަށް ނުދީ ހުރި ފައިސާގެ އަސްލު ހަގީގަތަކީ ވެސް އެއީ އެވެ. ސަރުކާރުން މިފްކޯ އަށް ދޭން ޖެހޭ ފައިސާ ނުދިނުމެވެ. އެ ފައިސާ ދައްކާ ނިމޭއިރު، އަނެއްކާ ވެސް ހަމަ އެހެން ބެކްލޮގެއް އުފެދެ އެވެ. އެއިން ދުވަހަކު ވެސް ސަލާމަތެއް ނުވެ އެވެ.

މަސްވެރިކަމަކީ ވެސް ވިޔަފާރިއެކެވެ. ފިހާރައެއް ހުޅުވުމެކޭ، ދަނޑެއް ހެއްދުމެކޭ، ސައި ހޮޓަލެއް ހޮޓަލެއް ހުޅުވުމެކޭ އެއްވެސް ތަފާތެއް ނެތެވެ. މިއީ ހަމަ ހުސް ވިޔަފާރި އެވެ. އެކަމަކު، މި ހުރިހާ ވިޔަފާރިއަކަށް ގެއްލުން ވިޔަސް ސަރުކާރުން ކޮށްދޭ ކަމެއް ނެތެވެ. ސަބްސިޑީތައް ދެނީ މަސްވެރިކަމަށެވެ. ބާނާ ހުރިހާ މަހެއް ގަތުމާއި ނުއަގުގައި މަސް ގަތުމާއި އަދި އައިސް ލިބޭނެ ގޮތް ހަދައިދިނުމާއި ތެލަށް ބޮޑު ސަބްސިޑީއެއް ދިނުމާއި އަދި މަސްވެރި ދޯނިފަހަރަށް ލޯނު ދިނުން ވެސް މީގެ ތެރޭގައި ހިމެނެ އެވެ.

މި ހުރިހާ ކަމެއް ސަރުކާރުން ކޮށްދެނީ ވެސް ރާއްޖޭގެ ހަމަ ބޮޑެތި ވިޔަފާރިވެރިންނަށެވެ. ސަބަބަކީ، މަސް އޮޑިފަހަރު މިހާރު ގެންގުޅެނީ މިލިއަނަރުން ކަމަށް ވާތީ އެވެ. ނިކަމެތި މަސްވެރިޔާ އަށް ލިބެނީ މަހަށްދާ ދުވަހަކަށް ލިބޭ އެއްޗެކެވެ.

ހުރިހާ ކަމެއް އަދި ހުރިހާ ޑިމާންޑެއް ގުޅިފައި މި އޮންނަނީ ސިޔާސީ ކަންކަމާ އެވެ. މަސްވެރިންނަށް ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި ބޮޑެތި ވައުދުތަކެއް ވާ ނަމަ، އެ ޑިމާންޑް މަސްވެރިންނާއި އޮޑިވެރިން ކުރާނެ އެވެ. ވަކި އަގެއްގައި މަސް ގަނެފައި އެ ފައިސާ ނުލިބުނީމަ މަސްވެރިން ރަތަށް ވެސް އަރާނެ އެވެ.

"ތިމަންނާމެންގެ މަސްކޮޅަށް ދޭން ޖެހޭ ފައިސާ ކޮބައިހޭ" ކިޔައި ސަރުކާރު ފަހަތުން މަސްވެރިން ދުވާތާ އެތައް އަހަރެއް ވެއްޖެ އެވެ. މުޒާހަރާ އަށް ނުކުންނަ ކޮންމެ ފަހަރަކު ސަރުކާރުން އެ ފައިސާކޮޅު އެބަ ދެ އެވެ. ލޯނެއް ނަގައިގެން ވިޔަސް އެބަ ދެ އެވެ. އަނެއްކޮޅުން އަނެއްކާ ވެސް ތިން މަސްފަހުން ހަމަ އެ މުޒާހަރާ އެބަ އޮވެ އެވެ. މަސްވެރި މޫސުންތަކުގައި މަސް ނުގަނެގެން ހަޅުތާލުތައް އެބަ އުފަންވެ އެވެ. މިހެން މިކަން ހިނގާތާ ތިރީހަށް އަހަރުވީ އެވެ.

މައްސަލައިގެ އަސްލު ހައްލަށް ދަމާ ހިނގާށެވެ! އެހެން އިންޑަސްޓްރީތަކެކޭ އެއްގޮތަށް މަސްވެރިކަން ވެސް އަމިއްލަ ވިޔަފާރިވެރިންނަށް އެއްކޮށް ދޫކޮށްލަންވީ އެވެ. މިފްކޯ އުވާލަންވީ އެވެ. ސަރުކާރުން އެ ވިޔަފާރީގެ ތެރެއަށް ވަނުމުގެ ބޭނުމެއް ނެތެވެ. ސަރުކާރުން ހަމައެކަނި ކޮށްދޭންވީ ކަމަކީ، މަސްވެރިކަމުގެ ސިނާއަތަށް ބޭނުންވާ އިންވެސްޓްމަންޓްތައް ހަދައިދޭންވީ އެވެ. މަސް ގަނެވޭނެ ނިޒާމްތައް ގާއިމް ކުރަންވީ އެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެކަން އޮންނަނީ އެހެންނެވެ. ނުލިބޭ އަގެއްގައި މަސް ގަތުމުގެ ބޭނުމެއް ނެތެވެ. ނުގަނެވޭ ވަރަށް މަސް ބޭނުމެއް ވެސް ނެތެވެ. އެ އާދަ މުޅިން ދޫކޮށްލަން ވެއްޖެ އެވެ. މަސްވެރިން ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ހަމައެކަނި މަސްވެރިންނަށް އެކަނި ސަރުކާރުން ފުރުސަތު ފަހިކޮށްދިނުމަކީ، އަދި އެއަށް ޑިމާންޑް ވެސް ކުރުމަކީ ބޭއިންސާފު ކަމެއް ކަމެވެ.

މަސްވެރިކަމަކީ ވެސް ވިޔަފާރި އެކެވެ. އޭގައި އޮންނާނީ ފައިދާ އާއި ގެއްލުމެވެ. ވޯޓު ދިނުމާއި ނުދިނުމެއް ނޫނެވެ.