18 ފެބުރުއަރީ 2024 - 10:54

މި އަހަރުގެ "ދަ މާކެޓަސް ސަމިޓް" ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފި އެވެ.
މި އިވެންޓް ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 23 އިން 24ގެ ނިޔަލަށް، މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ސީއޭ އޮޑިޓޯރިއަމްގަ އެވެ. މިއީ މި ސަމިޓުގެ ދެވަނަ އެޑިޝަނެވެ.
ގްލޯޓެބް އިންވެސްޓްމަންޓުން އިންތިޒާމުކޮށްގެން ބާއްވާ މި ސަމިޓަކީ ރާއްޖޭގެ މާކެޓިން ދާއިރާއަށް ހާއްސަކޮށްގެން ބާއްވާ އެންމެ އުންމީދީ އެއް ހަރަކާތުގެ ގޮތުގައި ދިރާގުން ސިފަކުރެ އެވެ. މި ސަމިޓުގައި އެ ސިނާއަތުގެ އިސްވެރިންނާއި މާކެޓިން ޕްރޮފެޝަނަލުންނާއި އުއްމީދީ ހުނަރުވެރިން އެއްތަނަކަށް އެއްކޮށް، މާކެޓިން ދާއިރާގެ މުސްތަގުބަލު ބައްޓަންކުރާނެ ކަމަށް ލަފާކުރެވޭ އެންމެ ފަހުގެ ޓްރެންޑްތަކާއި ސްޓްރެޓެޖީތަކާއި ޓެކްނޮލޮޖީތައް ދެނެގަންނާނެ އެވެ.
މި އަހަރުގެ "ދަ މާކެޓާސް ސަމިޓް" ގައި ހިމެނުމަށް ނިންމާފައި ވަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި މި އާ އިޖާދީ ޓެކްނޮލޮޖީގެ ސަބަބުން މާކެޓިން ޓްރެންޑްސް އަދި ޑައިނަމިކްސްއަށް ކުރާ އަސަރުގެ މައްޗަށެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ސަމިޓުގައި ދިވެހި އަދި ބައިނަލްއަގްވާމީ ކަމާބެހޭ ފަރާތްތައް ތަފާތު މައުލޫތަކާ ބެހޭ ގޮތުން އެ ފަރާތްތަކުގެ ވިސްނުމާއި އުކުޅުތައް ބައިވެރިންނާ ހިއްސާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ދިރާގުން އަންނަނީ މި ފަދަ އެކި ސަމިޓުތައް ބޭއްވުމަށް ދޭން ޖެހޭ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.