18 ފެބުރުއަރީ 2024 - 11:01

އިންޓަނޭޝަނަލް ޕީސް ކޭބަލް ރާއްޖެއަށް ގުޅާލަން އުރީދޫން ކުރަމުން އަންނަ މަސައްކަތުގައި އެ ކޭބަލް ހދ. ކުޅުދުއްފުއްޓަށް ގެންގޮސް އެ ރަށުގައި ގާއިމްކޮށްފައިވާ ލޭންޑިން ސައިޓާ ގުޅާލައިފި އެވެ.

މިއީ ހުޅުމާލެ ފިޔަވައި އިތުރު ރަށަކަށް އިންޓަނޭޝަނަލް ސަބްމެރިން ކޭބަލެއް ގުޅާލި ފުރަތަމަ ފަހަރެވެ.
އުރީދޫން ބުނި ގޮތުގައި މި އަހަރުގެ ތިންވަނަ ކުއާޓަރުގައި މި ސިސްޓަމް މަސައްކަތް ކުރާނެ ކަމަށް ލަފާކުރެވެ އެވެ.
މި ކޭބަލަކީ ސިންގަޕޫރާއި ޔޫރަޕްގެ އިތުރުން އެފްރިކާއާ ވެސް ރާއްޖެ ގުޅާލެވޭނެ ބައިނަލްއަގުވާމީ ކޭބަލެކެވެ. މި ކޭބަލަށް އުރީދޫން އިންވެސްޓުކުރަން ނިންމީ އިންޓަނެޓްގެ ހިދުމަތުގެ ލޭޓެންސީ ރަނގަޅުކޮށް، ކެޕޭސިޓީ އިތުރު ކުރުމަށެވެ. އަދި މި ކޭބަލާ އެކު 5ޖީގެ ގާބިލްކަން އިތުރުކޮށް، އީޖާދީ ހިދުމަތްތަކަށް ފުރުސަތު ހުޅުވި ހަގީގީ ޑިޖިޓަލް ދިވެހިރާއްޖެއެއް ގާއިމުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އުރީދޫން ބުންޏެވެ.
މި ކޭބަލް ކުޅުދުއްފުއްޓަށް ގެންގޮސް ބޭއްވި ރަސްމިއްޔާތުގައި ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ސިންގަޕޫރާއި ޔޫރަޕާ، ރާއްޖެ ގުޅާލެވޭ ޕީސް ކޭބަލް ކުޅުދުއްފުށީގައި އެޅުމަކީ ކުޅުދުއްފުށްޓަށާއި މުޅި ރާއްޖެއަށް ވެސް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. މި މަސައްކަތުގެ ސަބަބުން މުޖުތަމައަށް އިތުރު މަންފާ ލިބި އިތުރު ދޮރުތައް ހުޅުވިގެންދާނެ ކަމަށާއި އުރީދޫން ވާދަވެރި މާހައުލެއްގައި ރާއްޖެއަށް އިޖާދީ އެތައް ހިދުމަތެއް ތައާރަފްކޮށް ރާއްޖެ ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ އެ ސިޓީއަކީ ޑިޖިޓަލް މައި ހަބަކަށް ވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. ކޭބަލްގެ ލޭންޑިން ސްޓޭޝަނަށް އެ ރަށް ހެދީތީ އޭނާ ވަނީ އުރީދުއަށް ޝުކުރުއަދާކުރައްވައިފަ އެވެ.
މި ކޭބަލް ކުޅުދުއްފުއްޓާ ގުޅާލުމާ ގުޅޭ ގޮތުން އުރީދޫ ޗީފް ކޮމާޝަލް އޮފިސަރު އަލީ ނިޔާޒު ވިދާޅުވީ އެ ރަށުގައި ޕީސް ކޭބަލްގެ މައި ލޭންޑިން ސްޓޭޝަން ބެހެއްޓުމަކީ އެ ރަށާއި ރާއްޖެއަށް ކުރިއެރުން އަންނާނެ ކަމެއް ކަމަށެވެ. އަދި އެ ކޭބަލްގެ ސަބަބުން އުރީދޫގެ ހިދުމަތްތައް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށާއި އެ ކޭބަލުގެ ސަބަބުން ދުނިޔޭގެ ސަބްމެރީން ކޭބަލް މެޕް ތަކުގައި ކުޅުދުއްފުށީގެ ނަން ހިމެނިގެން ދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޕީސް ކޭބަލްގެ ލޭންޑިން ސްޓޭޝަނަށް ކާމިޔާބުކަމާ އެކު ގުޅާލުމާ އެކު ރާއްޖޭގެ އުތުރު ވެގެންދާނީ އިރުމައްޗާއި ހުޅަނގަށް ޑިޖިޓަލް ފުރުސަތުތައް ފަހިކޮށްދޭނެ މަންޒިލަކަށް ކަމަށް އުރީދޫން ބުންޏެވެ.
އެ ކުންފުނިން ބުނި ގޮތުގައި ޕީސް ކޭބަލްގެ ސަބަބުން ހައިޕާސްކޭލް ހިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތުތަކުގެ އިތުރުން ކުޅުދުއްފުށީގައި ޑޭޓާ ސެންޓަރުގެ ހިދުމަތް ހޯސްޓްކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ އެވެ. އޭގެ އިތުރުން އުތުރުގެ ރަށްތަކުގައި ޑިޖިޓަލް ވިޔަފާރިތަކާއި ސޮފްޓްވެއާ ޑިވެލޮޕްމަންޓް ފެސިލިޓީތައް ކުރިއަރައިގެން ދާނެ ކަމަށް ވެސް އުރީދޫން ބުންޏެވެ.