އާލިޔާ
އާލިޔާ

ބުދަ ދުވަހާ ގުޅޭ

އޮފީހަށް ދާން ތައްޔާރުވަނިކޮށް، އުޑު ބޯމައްޗަށް ވެއްޓުނު ކަހަލައެވެ. ފުނާއަޅަން ލޯގަނޑުކައިރީގައި ހުރެފައި، އަރިއަޅާހެން ހީވެގެން އެނދުގައި އިށީނީމެވެ. ލޮލަށް ފެނުނު މަންޒަރު އަހަންނަކަށް ގަބޫލެއް ނުކުރެވުނެވެ. އަހަރެންގެ އަތުގައި އޮތް ފަލަ، ރަން ތަނޑިގަނޑެއް ނެތެވެ. ކޮންމެ އަތެއްގައި އެއް ތަނޑިގަނޑު އޮންނާނެއެވެ. އެއީ މާމާ ހައްޖަށް ގޮސްފައި އަންނަމުން މަންމައަށް ގެނެސްދިން ދެ ތަނޑިގަނޑެވެ. މަންމަ ދިނީ އަހަންނަށެވެ. ވަށް ތުނޑުތަކަކާއި، އާންމުކޮށް ނުފެންނަ ކުރެހުމެއް ކަނޑައިނަގައިގެން ފަރުމާކޮށްފައިވާ އޭގެ ދެވަނަ ތަނޑިގަނޑެއް އަހަރެން ނުވެސް ދެކެވެ. ރާއްޖެއިން ބޭރަށް ދިޔަ ފަހަރަކު، ސާފުކޮށްލައި ރީތިކޮށްލަން އެ ތަނޑިގަނޑު ނަގަންއުޅެގެން އެ ކަމެއް ނުވިއެވެ. އެހެންވެ ތަނޑިގަނޑު ބާލާކަށް އަހަރެން އިތުރު މަސައްކަތެއް ނުކުރަމެވެ. ދެން ހަނދާންވިއެވެ. ބަލީގައި އަހަރެންނަށް އެންމެ ބޮޑުވަރުވެގެން އުޅުނު ރެއި، އަހަރެން އަތުގައި އެއްޗެއް އުނގުޅާހެން ހީވިއެވެ. އަތަށް ކުޑަކޮށް ތަދުވާހެން ވެސް ހީވިއެވެ. އެއީ ކޮންމެވެސް މީހަކު އަހަރެންގެ އަތުން ތަނޑިގަނޑު ދަމައިގަތް ވަގުތެވެ. ކޮންމެވެސް ކާކުހެއްޔެވެ؟ ކިނާން ނޫން މީހަކަށް އެ ކަމެއް ނުކުރެވޭނެއެވެ. އަހަންނަށް މަޑުމަޑުން ބޯހޫރައިލެވުނެވެ. ގަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ. އެންމެ ހާލުދެރަވި ވަގުތު އަހަންނަށް ކިނާން އަޅައިލީ ތަނޑިގަނޑުގެ ދަހިވެތިކަމުގައިހެއްޔެވެ؟ އޭނައަކީ އެހައި ދަށުދަރަޖައިގެ މީހެއްހެއްޔެވެ؟ އަހަރެން ރޯން ފެށީމެވެ. ތަނޑިގަނޑު ކޮބައިހޭ ކިނާން ކައިރީގައި އަހަރެން އަހާނީ ކިހިނެއްހެއްޔެވެ؟ ކިހައި ލަދުވެތިކަމެއްހެއްޔެވެ؟ ރޯންއިންދައި ކިނާން އަންނަ އަޑުއިވުމުން އަހަރެން ކަރުނަފުހެލީމެވެ. ފުހެލިޔަކަސް ކަރުނައައުމެއް ނުހުއްޓުނެވެ. ކޮޓަރިއަށް ކިނާން ވަނުމުން އަހަރެން ޖެހުނީ ކިނާނަށް މޫނު ފޮރުވާށެވެ. ރީތިވަނީކަމަށް ހެދޭށެވެ.

"އަހަނ ލޯބީ!" ކުރިން ބޭނުން ނުކުރާ ލަފުޒެއް ކިނާން ބޭނުންކުރިއެވެ. "މިހާރު އޮފީހަށް ދަނީ؟ އަދި މުޅީން ރަނގަޅެއް ނުވެއެއްނު! އިހަށް ރެސްޓުކޮށްލާ! ހިނގާ ސައިބޮމާ! އަހަރެން މި އައީ ރޮށްޓާ ކަނޑުކުކުޅާ ހިފައިގެން. އާލިޔާގެ ފޭވަރިޓް!"

އާނއެކެވެ. އަހަންނަށް ކަނޑުކުކުޅު މީރެވެ. އެހެނަސް އެ ދިރޭނެކަމުގެ އެއްވެސް ޔަގީންކަމެއް އަހަންނަކަށް ނެތެވެ. ފިރިމީހާ އަހަރެންގެ އަތްފައިގެ ގަހަނާއިން ވައްކަންކުރީމައި އޭނަޔާ ހަތަރުކަޅި ހަމަކުރަން ވެސް އަހަރެން ހުރީ ނުކެރިފައެވެ. އެއްމޭޒުމަތިން ކާނީ ކިހިނެއްހެއްޔެވެ؟ އަހަރެން ބޭނުންވީ ކިނާނަށް އަހަރެންގެ މޫނު ނުދައްކައި އެ ތަނުން ނުކުންނާށެވެ.

"އޭރުން މާ ލަސްވާނެ،" އަހަރެން ބުނީމެވެ. "ކިނާން ކައިފަ ބާކީ ބަހައްޓާ އަހަންނަށް އިނގޭ!"

"އާލިޔާ ނުކަންޏާ އަހަންނަށް ކެވޭނެތަ؟" ކިނާން ބުންޏެވެ. "އޮފީސް ކަޓުވާލަބަލަ! ވަރަށް ބޮޑު ވާހަކައެއް ވެސް ބުނަން އެބަ އޮތޭ! ހިނގާ ސައިބޯން!"

"ސައިބޯން އުޅެފިއްޔާ މާ ލަސްވާނޭ ކިނާން،" އަހަރެން ބުނީމެވެ. "ބުނަން ތި އުޅޭ އެއްޗެއް ބުނެބަލަ! އަދި ފައިވް މިނިޓް މަޑުކޮށްލެވިދާނެ."

ކިނާން އައިސް އެނދުގައި އިށީނެވެ. އެ ތަނުގައި އިންނަ އިރު ލޯގަނޑުން ކިނާނަށް އަހަރެންގެ މޫނު ފެންނާނެއެވެ. އަހަރެން ކުޑަކޮށް އަރިއަކަށް ޖެހިލާފައި އަހަރެންގެ މޫނު ފޮރުވީމެވެ. އޭރު ވެސް އަހަރެންގެ ލޮލުން ކަރުނައައުމެއް ނުހުއްޓެއެވެ. ހުއްޓައިނުލައި ޓިޝޫއިން ފުހުނީމެވެ. ކިނާން ހީކުރާނީ އަހަރެން ރީތިވަނީކަމަށެވެ.

"ކިހިނެއްތަ މި ވާހަކަ ބުނާނީ ވެސް،" ކިނާން ބުންޏެވެ. "އާލިޔާ އިނގޭ މި މަހުގެ ރެންޓް ދައްކާނީ."

ލިބުނު ސިހުން ބޮޑުކަމުން ކިނާނާ ދިމާއަށް އަހަންނަށް އެނބުރެވުނެވެ. ހަމަ އެ ވަގުތު ފުރަގަސް ވެސް ދިނީމެވެ. ހިތަށްއެރިއެވެ. ދެން ކިނާނަކީ ކީއްކުރާ މީހެއްހެއްޔެވެ؟ އެންމެ ފަހުން ތަނުގެ ކުލިދެއްކުން ވެސް އަހަންނާ ޖެހުނީއެވެ. އެއީ، އެހައި ފާޅުކަން ބޮޑު ގޮތަކަށް ފައިސާދޭން ކިނާން ބުނި ފުރަތަމަ ފަހަރެވެ. އެހެންޏާ ފައިސާ "އަތުލާނީ" ވަރަށް ދުރުދުރުން އިޝާރާތްކޮށްގެންނެވެ. ނުވަތަ ފަހުން ދޭން ބުނެފައެވެ. ކުލިދައްކައިފިއްޔާ އަހަރެންގެ އެކައުންޓު ގާތްގަނޑަކަށް ހުސްވީއެވެ. އެ ވަގުތު މުޝީރާ މަތިން ހަނދާންވިއެވެ. އޭނަ އަބަދު ވެސް ބުނެއެވެ. ދޫދެންޏާ ވާނީ ދޭހާއެވެ. ކުރިމަތިލާށެވެ. ކެރޭށެވެ. ތީ އާލިޔާއެވެ.

"އަހަރެން އަތަކު މި މަހަކު ނެތް ލާރިއެއް،" އެހެން ވެސް ބުނަން ކެރުނީ ކިނާނަށެވެ. "އާލިޔާ ބަލިވެގެން ވަރަށް ބޮޑެތި ޚަރަދުތައް ކޮށްފިން. ޑޮކްޓަރަށްދައްކާ، ބޭސްގަނެ، ކާއެއްޗެހި ގަނެ... އަތުގަ މިހާރު އެންމެ ސެންޓެއް ވެސް ނެތް."

ކިނާން ކަލަގޮވަން ފެށުމުން، އެއަށް ވުރެ މާ ބާރަށް އަހަންނަށް ގޮވުނީހެވެ. ނުގޮވަމެވެ. އެހެނަސް ސުވާލެއްކޮށްލީމެވެ.

"ދެން އެހެންވިއްޔާ ކިނާން ތި ކުރާ މަސައްކަތްތަކުން ލިބޭހާ ލާރި ކޮބާ؟" އަހަރެން ބުނީމެވެ.

އެ ހިސާބުން އެ ގޯސްވީއެވެ. އަނބިމީހާގެ އިމުން އަހަރެން ބޭރުވީއެވެ.

"އޭ! އަނބިމީހާ ނުޖެހޭނެ ފިރިމީހާ ކައިރީގަ ލާރީގެ ވާހަކަދައްކާކަށް،" ކިނާން ކުރިން ނުހުޅުވާ ފޮތެއް ހުޅުވައިލިއެވެ. "އެއީ ވަރަށް ހުތުރުކަމެއް. ފިރިމީހާ ހޯދާ ލާރިޔަށް ހަދާ ގޮތަކާ، ލިބޭ ވަރެއް ވެސް ވައިފަކަށް ނޭހޭނެ. އެއީ ހުއްދަކަމެއް ވެސް ނޫން. މަންމަ އަހަރެން ކައިރީގަ ބުނެފަ އޮންނަނީ، އަނބިމީހާގެ ދަށުނުވައްޗޭ! އަހަރެން އުޅޭނީ އެހެން. އާލިޔާއަކަށް ވެސް އެ ކަން ޗޭންޖެއް ނުކުރެވޭނެ."

އަހަރެން ހިތަށްއެރިއެވެ. މި ދަސްވީ ކިނާންގެ އާ ސިފައެކެވެ. ކައިވެނިކޮށްގެން ދުވަސްވާ ވަރަކަށް ފިރިމީހާގެ އާ ސިފަތައް ފެންނަނީ ކީއްވެގެންހެއްޔެވެ؟ ކިނާނަކީ އެ މިޒާޖުގެ މީހެއްކަމަކަށް ވެސް އަހަރެން ހިޔެއްނުކުރަމެވެ. ކިތަންމެ އެއްޗެއް ބުނަން ހިތަށްއެރިއެވެ. ނުބުނީއެވެ. އެއީ އަހަރެންގެ މައްސަލައެކެވެ. އަނބިމީހާއަށް ހަރަދުކުރަން ޖެހޭނީ ފިރިމީހާ ނޫންހޭ އަހަންނަށް ބުނެވުނީހެވެ. ފިރިމީހާއަށް ހަރަދުކުރަން އަނބިމީހާއަށް ޖެހޭހޭ ވެސް އެހުނީހެވެ. ކޮންމެ ދުވަހަކު އަހަރެން އޮފީހަށް ދަނީ ކިނާނަށް ހެނދުނު ސަޔާއި، މެންދުރު ކެވޭނެ ގޮތް ހަމަޖައްސައިފައެވެ. އޮފީހުން އައިސް ދެން ހުރި ގަޑިތަކަށް ކެއުން ތައްޔާރުކުރަނީ ވެސް އަހަންނެވެ. ތައްޔާރުކުރުން އެކަންޏެއް ނޫނެވެ. ކައްކަން ބޭނުންވާ އެއްޗެހި ގަންނަނީ ވެސް އަހަރެންގެ ލާރީގައެވެ. ގޭސްފުޅިއަށް ދާންދެނެވެ. އެއީ އަހަރެން ކުރަންޖެހޭ ހަރަދެއްހޭ ވެސް އަހަންނަށް އެހުނީހެވެ. އަނެއްކޮޅުން، ކިނާނަށް ޖެހޭނީ މޮޑެފައި، ސަމުސަލެއް ލާފައި ދޭށެވެ. އެ ވަރު ކޮށްދޭން ޖެހޭނެއެވެ. އެންމެ ވަގުތަކު ނޫނެވެ. ހުރިހައި ވަގުތެއްގައެވެ.

އަހަރެން ބޭނުން ނަމަ އެ ދުވަހު ލައްކަ ޒުވާބުކުރެވުނީހެވެ. ވާނީ ކޮން ފައިދާއެއްހެއްޔެވެ؟ އަހަރެން ބުނާ އެއްޗަކަށް ކިނާން ހައެތި ބުނާނެއެވެ. އޭނައަކީ ކެރޭމީހާއެވެ. އެއްވެސް އެއްޗެއް ނުބުނެ ވިއްސާރަކޯޓު ހިފައިގެން އަހަރެން ނުކުންނަން ހިނގައިގަތީމެވެ.

"ކޮންތާކަށްހޭ ތި ދަނީ؟" ކިނާން ސުވާލުކުރިއެވެ.

އޭނަ އެހެން އެހި އިރު ހީވަނީ ހަގީގަތުގައި ވެސް އަހަރެން ދާ ތަނެއް އޭނައަކަށް ނޭނގޭހެންނެވެ. ހުރިހައި ވަގުތެއްގައި ވެސް އަހަރެން ބެލީ ކިނާނަށް އަހަރެންގެ މޫނު ނުދައްކައިވޭތޯއެވެ.

"އޮފީހަކަށްނު!" ފުރަގަސްދީގެންހުރެ އަހަރެން ބުނީމެވެ.

"ބަލަ ތީ ބަލިމީހެކޭ އާލިޔާ!" ކިނާން ހިތްހަމަނުޖެހިފައި ބުންޏެވެ. "އަހަރެން ބުނާ ގޮތް ހަދާލަބަލަ! ރެސްޓުކޮށްލަބަލަ! މިހާރު ނުލާހިކު ފެންބޮޑުވެފަ އޮންނާނީ. ކައްސާލައިގެން ވެއްޓިއްޖެއްޔާޔޯ؟ އާލިޔާއަށް ރަނގަޅަކަށޭ މި ބުނަނީ."

"އޮފީހެއް ނުކެޓުވޭނެއްނު ކިނާން،" އަހަރެން ވަރަށް އޯގާތެރިކޮށް ބުނީމެވެ. "ތި ބުނީ ރެންޓް ވެސް އަހަރެންނޭ ދެން ދައްކަންޖެހޭނީ. ކިނާންގެ ސަޕޯޓް ނެތި އަހަރެން ކިހިނެއް ހުރިހާ ކަމެއް ކުރާނީ؟"

އަހަރެން ނުކުތް އިރު މަގުމަތި ވަރަށް ފެންބޮޑެވެ. ކިނާން ބުނީ ތެދެކެވެ. ސައިކަލަށް އަރަން ބަލައިލި އިރު އެ ވެސް ވީ ބޮޑު ހަނގުރާމައަކަށެވެ. ވީހައި ވެސް ފެނަށް ނޭރި، ވަރަށް ހާލުން ސައިކަލު ނެރިފައި އަރަން ފައި ހިއްލައިލި ތަނާ ކައްސައިލިއެވެ. ކައްސައިލި ގޮތުން ވެސް ނުވެއްޓި ސަލާމަތްނުވާނެކަން އަހަންނަށް ޔަގީންވިއެވެ. އަހަރެން ވެއްޓުނީ ވަރަށް މަޑުންނެވެ. އަހަންނަކަށް އަނިޔާއެއް ނުވެއެވެ. ހެދުން ހަރާބުވިއެވެ. ސައިކަލުގެ ފަހަތު އެސް ތެޅުނެވެ. ލޯގަނޑު ތަޅައިގެންދިޔައެވެ. މީހެއްގެ އެހީޔާ އެކުގައި ސައިކަލު ކުރިން ހުރި ތަނުގައި ބަހައްޓާފައި ދެން ޖެހުނީ ގެއަށް ވަންނާށެވެ. ތެމިފޯވެފައިހުރުމުން އަހަރެންގެ ކަރުނަތައް ފަރުދާކުރަން ވަރަށް ފަސޭހަވިއެވެ.

"ކޮބާ ހީވޭ؟" ކިނާން ބުންޏެވެ. "ތި ހުންނަނީ ފިރިމީހާގެ ބަސްނޭހީމަ ވާ ގޮތް."

ކިނާން ރުޅިއެއްނާދެއެވެ. އަހަންނަށް އަނިޔާނުވާތީކަމަށް ވެސް ވެދާނެއެވެ. އެކަމަކު އަހަރެން ކުޑަކޮށް ބިރުގަތެވެ. ކިނާނަކީ އަހަންނާ މަޝްވަރާކުރުމެއް ނެތި ދޮންނަމެޝިނު މީހަކަށް ދިން މީހާއެވެ. ތަނޑިތަކަށް ހެދި ގޮތެއް ނޭނގެއެވެ. އެ ފަދަ ނިންމުމެއް ސައިކަލާ މެދު ނިންމާކަށް އަހަރެން ބޭނުމެއް ނޫނެވެ.

"ކިނާން އަސްލު ވެސް ރުޅިއެއްނާދޭ ދޯ؟" އަހަރެން ކަށަވަރު ކުރީމެވެ.

"ކޮންކަމަކާ؟" ކިނާން ހައިރާންވެފައި ބުންޏެވެ. "ސައިކު ވެއްޓުނީމަ؟ އާލިޔާއަށް ކަމެއްވި ނަމަ އަހަރެން ވަރަށް ރުޅިއައިސް. ސައިކު ގަރާޖަށްލީމަ އެ މީހުން ހަދާނެއްނު! ކޮބާ ތަޅުދަނޑި؟"

ކިނާނަށް ތަޅުދަނޑި ދޭކަށް އަހަރެން އެހައި ހިތްހަމައެއްނުޖެހެއެވެ. އެކަމަކު އަހަންނަކަށް ސައިކަލެއް ނެހެދޭނެއެވެ. ހަދައިދޭނެ އެހެން މީހަކު ވެސް ނެތެވެ.

"އަސްލު ވެސް ރުޅިއެއްނާދޭ؟" ތަޅުދަނޑި ދެމުން ވެސް އަހަރެން އެހީމެވެ.

"އާނއެކޭ!" ކިނާން ބުންޏެވެ. "ދެން ހިނގާ ސައިބޯން."

ސައިކަލު ހަދަން ގެންދިޔުމުން އަހަރެންގެ ދެފައި ބިނދުމެކޭ އެއްފަދައެވެ. އެކަމަކު ކިނާން ވަރަށް ރަނގަޅެވެ. ތަނަކަށް ދާން އޮތްތޯ އިސްވެ އަހައެވެ. ހަވީރު އަހަރުމެން ދިޔައީ ކިނާންގެ ދައްތައެއްގެ ގެއަށެވެ. އެ ދައްތަ އުޅުނީ ބަލިވެއެވެ.

"ދައްތަ މިހާރު އެއްކޮށް ރަނގަޅުވެއްޖެ!" ސައިކަލުގައި ދަމުން ކިނާން ބުންޏެވެ. "ބުނީ އާލިޔާ ގޮވައިގެން އަންނާށޯ! އެއްކަލަ ޒިލޭބީ ހަދާފަ ބަހައްޓާނަމޯ!"

"އެހެންތަ؟" އަހަންނަށް ބުނެވުނެވެ. "އަހަރެން ހިޔެއްނުކުރަން އަހަރެން ދެކެ ދައްތަ އެހާ ލޯބިވާކަމަކަށް. އަސްލު ދައްތައަށް ކިހިނެއްތަވީ؟"

"ވިހަވިއްޔޯ ބުނީ!" ކިނާން ބުންޏެވެ. "ދިވެހިބޭހޯ ހެދީ."

އަހަރުމެން އެ ގެއަށް ވަން އިރު ސައި ހުރީ ތައްޔާރުކޮށްފައެވެ. ޒިލޭބީގެ މީރުވަސް މުޅި ތަނުގައި ހިފާފައި ހުއްޓެވެ. ކިނާންގެ ދައްތަ ޒިލޭބީ ތަށި ބެހެއްޓީ އަހަރެން ކައިރީގައެވެ. އެ ތަށްޓަށް އަހަރެން ބަލައިލި ވަގުތު އަހަންނަށް ފެނުނީ ދައްތަ އަތުގައި އޮތް ދެ ތަނޑިގަނޑެވެ.

ނުނިމޭ