ތޮއްޖެހުން ކުޑަކުރަން މަގުތަކުގައި ހުރި ބާ އުޅަނދުތައް ނަގަން ފަށައިފި
ތޮއްޖެހުން ކުޑަކުރަން މަގުތަކުގައި ހުރި ބާ އުޅަނދުތައް ނަގަން ފަށައިފި

މާލެ އާއި ހުޅުމާލޭގައި ބޭނުން ނުކޮށް ހުރި އުޅަނދުތަކާއި ރަޖިސްޓްރީ ނުކުރާ އުޅަނދުތައް ނަގަން ހާއްސަ ޕްރޮގްރާމެއް ފަށައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި އެއްގަމުގައި ދުއްވާ އުޅަނދުތައް ގިނަވެ މަގުމަތީގައި ތޮއްޖެހިފައިވުމުގެ ސަބަބުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

މަގުމަތީގެ ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރުމަށްޓަކައި މާލެ އާއި ހުޅުމާލޭގައި ގިނަ ދުވަސްވެ ގަވައިދާ ހިލާފަށް އަޅާފައި ހުރި އުޅަނދުތައް ނައްތާލަން ނިންމާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެ މަސައްކަތް ކުރާނީ ޓްރާންސްޕޯޓް މިނިސްޓްރީ، މާލެ ސިޓީ ކައުންސިލް، އެޗްޑީސީ، ކަސްޓަމްސް، ހައުސިން މިނިސްޓްރީ، ވެމްކޯ، އެމްޓީސީސީ އަދި އިކޮނޮމިކް މިނިސްޓްރީން ގުޅިގެންނެވެ. އަދި އެކަމަށްޓަކައި އާބަން ޓްރެފިކް ޑިކޮންޖެސްޝަން މެނޭޖްމަންޓް ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ނިންމާފައި ވަނީ ދެ މަރުހަލާއަކަށް ބަހާލައިގެން މި ޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށެވެ.

1. މަގުތަކުގައި ބޭނުން ނުކޮށް ގިނަ ދުވަހު ބަހައްޓާފައިވާ އުޅަނދުތަކުގެ ބައިތައް މަގުތަކުން ނެގުން

2. އުޅަަނދު ނައްތާލަން ވޮލެންޓިއާ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލުން

3. ގިނަ ދުވަސް ވަންދެން ބަހައްޓާފައިވާ އުޅަނދުތައް ޓޯ ކުރުން

4. ރަޖިސްޓްރީ ނުކޮށް މަގުމަތީ ބަހައްޓާފައިވާ އުޅަނދުތައް ނެގުން