މައްސަލަ ބޮޑުވި މާއްދާތައް އުނިކޮށް، ހުސް ގޮނޑި ގުނާ ގޮތް ކޮމިޓީން ބަދަލުކޮށްފި
މައްސަލަ ބޮޑުވި މާއްދާތައް އުނިކޮށް، ހުސް ގޮނޑި ގުނާ ގޮތް ކޮމިޓީން ބަދަލުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނުމުގައި މަޖިލީހުގެ ގަވާއިދުގައި ހިމެނި މާއްދާތައް ގާނޫނުއަސާސީ އާ ހިލާފު ކަމަށް ބުނާ މައްސަލަ ސުޕްރީމް ކޯޓުން ބަލަން ނިންމާފައިވަނިކޮށް، އެ މާއްދާތައް ގަވާއިދުން އުނިކޮށް، މަޖިލީހުގައި ހުސް ގޮނޑި ގުނާނެ މުއްދަތެއް އެހެން މާއްދާއެއްގައި މަޖިލީހުގެ އާންމު ކޮމިޓީން ނިންމައިފި އެވެ.

އާ ސަރުކާރުގެ މަގާމުތަކަށް އައްޔަންކުރެއްވުމުން މަޖިލީހުގެ ހަތް މެމްބަރަކު އިސްތިއުފާ ދެއްވާފައި ވާއިރު، އާ މެމްބަރުން އިންތިހާބުކުރާނެ މުއްދަތު ނެތުމުން މަޖިލީހުގެ ގަވާއިދަށް މިދިޔަ އަހަރު އިސްލާހު ގެނައީ އެއްވެސް ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެ ނަމަ އެ ދާއިރާތައް ނުހިމަނައި މެމްބަރުންގެ އަދަދު ގުނާ ގޮތަށެވެ. އެއާ އެކު މަޖިލީހުގެ މި ދައުރުގެ ޖުމްލަ މެންބަރުންގެ އަދަދު 87 އިން 80 އަށް ދަށްވެ އެވެ. އޭރަށް މަޖިލީހުގެ ޖަލްސާތަކުގެ ކޯރަމްގެ އަދަދު ވެސް ވަނީ ދަށްވެފަ އެވެ.

ބަންޑާރަ ނައިބު ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅީ މި ބަދަލު ގެނައުމަށް މަޖިލީހުގެ ގަވައިދުގެ 49 ވަނަ މާއްދާއަށް އިތުރުކޮށްފައިވާ ތިން މާއްދާގައި މަޖިލީހުގެ ޖުމްލަ މެންބަރުން އިބާރާތްކޮށްފައިވާ ގޮތް ގާނޫނު އަސާސީއާ ހިލާފުކަމަށް ބުނެ އެ ތިން މާއްދާ ބާތިލްކުރުމަށެވެ.

އެ މާއްދާތަކަށް އަމަލުކުރުން ވަގުތީ ގޮތުން މަޑުޖައްސާލައި، އެ މައްސަލައިގެ އަޑުއެހުންތައް މި މަހުގެ 25 ގައި ފަށަން ސުޕްރީމް ކޯޓުން ތާވަލުކޮށްފައިވަނިކޮށް، މަޖިލީހުގެ އާންމު ކޮމިޓީން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ގާނޫނު އަސާސީއާ ހިލާފުކަމަށް ބުނާ އެ ތިން މާއްދާ ގަވާއިދުން އުނިކުރަން ފާސްކޮށްފަ އެވެ.

އޭގެ ބަދަލުގައި، ކޮމިޓީން ފާސްކޮށްފައިވަނީ ގަވާއިދުގެ 242 މާއްދާއަށް އަކުރެއް އިތުރުކޮށް، މެމްބަރުންގެ ޖުމްލަ މެމްބަރުން ގުނާ އިރު، މަޖިލީހުގެ ހުސްވާ ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުރަން ގާނޫނުގައި ބުނާ މުއްދަތު ނެތް ނަމަ، ހުސްވެފައިވާ ގޮނޑިއެއް ނުހިމެނޭ ގޮތަށެވެ.

"ގާނޫނުއަސާސީގެ 78 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިވުމުގެ ސަބަބުން މެންބަރުކަމުގެ ގޮނޑި ހުސްވި ތާރީހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް އާންމު އިންތިހާބާ ދެމެދު ހަ މަސް ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް އޮތުމުން އެ ހުސްވި ގޮނޑިއަކަށް މެންބަރަކު އިންތިހާބު ކުރެވެން ނެތް ހާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި އެ ހުސްވި ގޮނޑި ނުހިމެނޭނެ."