ކޯޓުން ޓްރަމްޕަށް 355 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް، ނިއު ޔޯކްގައި ވިޔަފާރިކުރުން މަނާ
ކޯޓުން ޓްރަމްޕަށް 355 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް، ނިއު ޔޯކްގައި ވިޔަފާރިކުރުން މަނާ

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް 355 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށާއި ކުރިއަށް އޮތް ތިން އަހަރު ނިއު ޔޯކްގައި ކުންފުނިތައް ހިންގުން މަނާކޮށް އެ ސިޓީގެ ކޯޓަކުން ހުކުރު ދުވަހު އަމުރެއް ނެރެފި އެވެ.

ނޮވެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި، ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ވާނެކަން މިހާރު ގާތްގަނޑަކަށް ޔަގީންވެފައިވާ ޓްރަމްޕަށް މި ހުކުމް އައީ ރަނގަޅު ރޭޓްތަކުގައި ބޭންކުން ލޯނާއި އިންޝުއަރެންސް ހޯދުމުގެ ބޭނުމުގައި މިލްކިއްޔާތުގެ އަގު ބޮޑުކޮށް ދައްކައި ޕްރޮޕަޓީތަކުގެ އަގު ވެސް އޮޅުވާލާފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލައެއްގަ އެވެ.

ވިޔަފާރީގައި ޓްރަމްޕަށް ބޮޑު ގެއްލުމަކަށް ވެދާނެ މި ހުކުމަކީ އޭނާ ތުހުމަތުކުރެއްވި ގޮތުގައި ޑިމޮކްރެޓްސްގެ ކެންޑިޑޭޓް މިހާރުގެ ރައީސް ޖޯ ބައިޑެން އަޑީގައި ހުންނަވައިގެން ކުރި ކަމެކެވެ. ޓްރަމްޕް ވިދާޅުވީ އޭނާ އުޅުއްވަނީ ޕޯލްތަކުގައި ބައިޑެން އަށް ވުރެ މާ ކުރީގައި ކަމަށާއި އެހެންވެ މިއީ ބައިޑެން ބޭނުންކުރެއްވި ސިޔާސީ ހަތިޔާރެއް ކަމަށެވެ.

މިއީ މަދަނީ މައްސަލައެއްގައި އައި ހުކުމަކަށް ވާތީ ޓްރަމްޕަށް ޖަލު ހުކުމެއް ނާންނާނެ އެވެ. އެކަމަކު ހުކުމުގެ ކުރިން ޓްރަމްޕް ވިދާޅުވި ގޮތުގައި ނިއު ޔޯކްގައި ވިޔަފާރިކުރުން މަނާވުމަކީ "ކޯޕަރޭޓް ޑެތު ޕެނަލްޓީ" އަކަށް ވާނެ އެވެ.

ނިއު ޔޯކް ސްޓޭޓް އެޓާނީ ޖެނެރަލް ލެޓީޓިއާ ޖޭމްސް ވިދާޅުވީ މި ހުކުމަކީ އެ ސްޓޭޓަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ.

ވެރިކަމުގައި ހުންނެވި އިރު ގާނޫނާ ހިލާފަށް ކޮށްފައިވާ ކަންކަމުގެ ތުހުމަތުގައި ޓްރަމްޕުގެ މައްޗަށް ޖިނާއީ 91 މައްސަލައެއް ހުށަހަޅާފައި އެބަ އޮތެވެ. ޓްރަމްޕް ވިދާޅުވަނީ މިއީ އޭނާއަށް އިންތިހާބުގައި "އަނިޔާ ދޭން" އުފުލާފައިވާ ދައުވާތަކެއް ކަމަށެވެ. -- އޭއެފްޕީ