އިޒްރޭލުގެ ރަހީނުން "މަރުނުވެ ތިބީ ކިރިޔާ" ކަމަށް ހަމާސް އިން ބުނެފި
އިޒްރޭލުގެ ރަހީނުން "މަރުނުވެ ތިބީ ކިރިޔާ" ކަމަށް ހަމާސް އިން ބުނެފި

ހަމާސް އިން ރަހީނުކޮށް ޣައްޒާގައި ބަންދުކޮށްފައި ތިބި އިޒްރޭލުގެ ރަހީނުންނަށް ކާންބޯން ދިނުމާއި ފަރުވާގެ ކަންކަމަށް އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ހުރަސްއެޅިފައިވާ ކަމަށާއި ރަހީނުން ވެސް ސަލާމަތުން ތިބީ ކިރިޔާ ކަމަށް ހަމާސް އިން ބުނެފި އެވެ.

"ޒަހަމްވެފައި ތިބި އަދި ބަލިކޮށް އުޅޭ، ދުޝްމަނުންގެ ރަހީނުން ތިބީ ވަރަށް ހާލުގައި. މަރު ނުވެ ތިބީ ހަމަ ކިރިޔާ،" ހަމާސްގެ އިއްޒުއްދީން އަލް ގައްސާމް ބްރިގޭޑްގެ ތަރުޖަމާނު އަބޫ އުބައިދާ ޓީވީ މެދުވެރިކޮށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

"މިއީ ހައިރާންވާން ޖެހޭ ވަރުގެ ކަމެއް ނޫން. އަަހަރެމެންގެ ރައްޔިތުން ހައިހޫނު ކަމުގައި ބޭސްފަރުވާ ނުލިބި ހޭދަކުރާއިރު އެ މީހުން ކުރަންޖެހުނު ކޮންމެ ތަޖުރިބާއެއް ރަހީނުން ވެސް ކުރަންޖެހޭނެ."

ހަމާސް އިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު 7 ގައި އިޒްރޭލަށް ހަމަލާދީ ހާހަކަށް ވުރެ ގިނަ މީހުން މަރާލުމަށް ފަހު 250 މީހަކު ރަހީނުކުރި އެވެ. އޭގެ ތެރެއިން އެއް ބަޔަކު، އަސީރުން ބަދަލުކުރުމުގެ އެއްބަސްވުމެއްގެ ދަށުން ކުރިން މިނިވަންކޮށްފައި ވާއިރު އަދިވެސް އެތައް ބަޔަކު ޣައްޒާާގައި ބަންދުކޮށްގެން ގެންގުޅޭ ކަމަށް އިޒްރޭލުން ބުނެ އެވެ.

ހަމަލާތަކުގެ ބަދަލު ހިފައި ހަމާސް ނައްތާލަން ކަމަށް ބުނެ އިޒްރޭލުން މީގެ ހަތަރު މަސް ކުރިން ދޭން ފެށި ހަމަލާތަކުގައި ފަލަސްތީނުގެ 28،000 އަށް ވުރެ ގިނަ މީހުން މިހާތަނަށް ޝަހީދުކޮށްލާފައި ވާއިރު ހަމަލާތައް ހުއްޓާލުމަށް އެއްބަސްކުރުވުމުގެ މަސައްކަތުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ރަހީނުން ސަލާމަތްކުރުމަށެވެ.

އަބޫ އުބައިދާ ވިދާޅުވީ ހާލަތު ގޯސްވަމުންދަނީ ވަރަށް ހަލުވިކޮށް ކަމަށާއި މިކަމުގެ ޒިންމާ ނަގަން ޖެހޭނީ އިޒްރޭލުން ކަމަށެވެ. -- އޭއެފްޕީ