ހިތަދޫ މެދު ދާއިރާގެ މެންބަރު ނަން ނަންގަވައިފި
ހިތަދޫ މެދު ދާއިރާގެ މެންބަރު ނަން ނަންގަވައިފި

ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު ރަޝީދު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރައްވަން ނިންމަވައިފި އެވެ.

މަޖިލިސް އިންތިހާބުގައި ވާދަކުރަން ބޭނުންވާ މީހުންނަށް ފޯމު ހުށަހަޅަން ދިން މުއްދަތު އިއްޔެގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ.

އީސީގެ ނައިބު ރައީސް އަދި ތަރުޖަމާން އިސްމާއިލް ހަބީބް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފޯމު ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވީ 372 ކެންޑިޑޭޓުންގެ ކަމަށެވެ. އަދި އޭގެ ތެރެއިން ހަތަރު ކެންޑިޑޭޓަކުން ފަހުން ނަން އަނބުރާ ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަބީބް ވިދާޅުވި ގޮތުގައި ނަން އަނބުރާ ގެންދިޔަ ކެންޑިޑޭޓުންގެ ތެރޭގައި، ޑިމޮކްރެޓްސްގެ ފަރާތުން ހިތަދޫ މެދު ދާއިރާއަށް ކުރިމަތިލެއްވި ކެންޑިޑޭޓް ވެސް ހިމެނެ އެވެ. އެއީ ހިތަދޫ މެދު ދާއިރާގެ މިހާރުގެ މެންބަރު އަހްމަދު ރަޝީދެވެ.

އޭނާ ނަން އަނބުރާ ގެންދިޔަ ސަބަބު އަދި ހާމަކޮށްފައެއް ނުވެ އެވެ.

ނަން އަނބުރާ ގެންދިޔަ ކެންޑިޑޭޓުންގެ ތެރޭގައި ދެން ހިމެނެނީ އެމްޑީޕީން މުލަކު ދާއިރާއަށް، ޕީއެންސީން ގައްދޫ ދާއިރާއަށް އަދި އަމިއްލަ ގޮތުން ކިނބިދޫ ދާއިރާއަށް ކުރިމަތިލި ކެންޑިޑޭޓެކެވެ.

ހަބީބް ވިދާޅުވި ގޮތުގައި، މިފަހަރު މަޖިލިސް އިންތިހާބު ވާދަކުރަނީ 368 ކެންޑިޑޭޓުންނެވެ. އޭގެ ތެރޭގައި އެންމެ ގިނައީ އަމިއްލަ ގޮތުން ވާދަކުރާ މީހުންނެވެ. އެއީ 130 ކެންޑިޑޭޓުންނެވެ. އިދިކޮޅު އެމްޑީޕީން 90 ކެންޑިޑޭޓުން ވާދަކުރާއިރު، ސަރުކާރު ހިންގާ ޕީއެންސީން ވާދަކުރަނީ 89 ކެންޑިޑޭޓުންނެވެ.