މަޖިލިސް އިންތިހާބު: 368 ކެންޑިޑޭޓުން، އެންމެ ގިނައީ އަމިއްލަ ގޮތުން ވާދަކުރާ މީހުން
މަޖިލިސް އިންތިހާބު: 368 ކެންޑިޑޭޓުން، އެންމެ ގިނައީ އަމިއްލަ ގޮތުން ވާދަކުރާ މީހުން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި 130 ކެންޑިޑޭޓުންނާ އެކު އެންމެ ގިނައީ އަމިއްލަ ގޮތުން ވާދަކުރާ މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

އީސީގެ ނައިބު ރައީސް އަދި ތަރުޖަމާން އިސްމާއިލް ހަބީބް އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލިސް އިންތިހާބުގައި 368 ކެންޑިޑޭޓުން ވާދަކުރައްވާނެ ކަމަށެވެ. އެއީ 42 އަންހެން ކެންޑިޑޭޓުންނާއި 326 ފިރިހެން ކެންޑިޑޭޓުން ކަމަށް އޭނާ ވިދާޅުވި އެވެ.

މިފަހަރު އެންމެ ގިނައީ އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންނެވެ. ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ގިނަ ކެންޑިޑޭޓުން ތިބީ އެމްޑީޕީގަ އެވެ. ސަރުކާރު ހިންގާ ޕީއެންސީ އޮތީ ދެވަނައިގަ އެވެ.

• އަމިއްލަ ގޮތުން 130 ކެންޑިޑޭޓުން

• އެމްޑީޕީން 90 ކެންޑިޑޭޓުން

• ޕީއެންސީން 89 ކެންޑިޑޭޓުން

• ޑިމޮކްރެޓްސް އިން 39 ކެންޑިޑޭޓުން

• ޖޭޕީން 10 ކެންޑިޑޭޓުން

• އަދާލަތު ޕާޓީން 4 ކެންޑިޑޭޓުން

• އެމްޑީއޭ އިން 4 ކެންޑިޑޭޓުން

• އެމްއެންޕީން 2 ކެންޑިޑޭޓުން

"ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލީ ޖުމްލަ 381 ކެންޑިޑޭޓުން. ނުވަ ކެންޑިޑޭޓެއްގެ ހުށަހެޅުން އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަނޭ،" ހަބީބް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޝަރުތު ހަމަވި 372 ކެންޑިޑޭޓުންގެ ތެރެއިން، އެމްޑީޕީން މުލަކު ދާއިރާއަށް، ޕީއެންސީން ގައްދޫ ދާއިރާއަށް، ޑިމޮކްރެޓްސް އިން ހިތަދޫ މެދުދާއިރާއަށް އަދި އަމިއްލަ ގޮތުން ކިނބިދޫ ދާއިރާއަށް ކުރިމަތިލި ކެންޑިޑޭޓަކާ އެކު ޖުމްލަ ހަތަރު ކެންޑިޑޭޓުން ވަނީ ނަން އަނބުރާ ގެންގޮސްފަ އެވެ.

ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރެވިފައިވާ ގޮތާއި އެކި ދާއިރާތަކަށް ވާދަކުރާ ކެންޑިޑޭޓުންގެ މައުލޫމާތު އިލެކްޝަންސް ކޮމިޝަނުން މިއަދުން ފެށިގެން އާންމުކުރަމުން ގެންދާނެ ކަމަށް ވެސް ހަބީބް ވިދާޅުވި އެވެ.

މަޖިލިސް އިންތިހާބު ބާއްވަން މިހާރު ނިންމާފައި އޮތީ އަންނަ މަހު 17 ގަ އެވެ. ނަމަވެސް، ކުރިއަށް އޮތް ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން މަޖިލިސް އިންތިހާބު ބާއްވާ ގޮތަށް، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ވަނީ މިދިޔަ ހަފުތާގައި ފާސްކޮށްފަ އެވެ. އެ އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ތަސްދީގެއްނުކުރައްވަ އެވެ.