16 ފެބުރުއަރީ 2024 - 16:24

އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު ކަމުގެ މަގާމުގައި ތިއްބެވި އިސްމާއިލް ނަވީން އާއި ފަރުހާދު ފިކުރީ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ކަމުގެ މަގާމަށް މިއަދު އައްޔަންކުރައްވައިފި އެވެ.

ދެ ބޭފުޅުން މަގާމަށް އައްޔަންކުރި ކަމުގެ ލިޔުން ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވަނީ އެ ބޭފުޅުންނާ ހަވާލުކުރައްވައިފަ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ޕޮލިސް ކޮމިޝަނަރުކަން ކުރެއްވި މުހައްމަދު ހަމީދު މި ސަރުކާރުގައި ރިޓަޔާ ކުރެއްވުމުން އެކްޓިން ކޮމިޝަނަރަކަށް ހަމަޖެއްސެވީ ފަރުހާދެވެ.
ފަރުހާދަކީ ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އެކުލަވައިލި ޕޮލިސް ބޯޑުން އޯގަސްޓު 10، 2021 ގައި ފުލުހުންގެ ވަޒީފާ އިން ވަކިކުރަން ނިންމި ހަތް ބޭފުޅުން ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ޕޮލިސް ބޯޑުން އެ ބޭފުޅުން ވަކިކުރަން ނިންމީ ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން ޕޮލިސް ކޮމިޝަނަރު ފިޔަވައި ސުޕްރިންޓެންޑެންޓް އިން ފެށިގެން މަތީ ރޭންކްތަކުގެ އޮފިސަރުން، ފުލުހަކަށް ވީތީ އެ މީހުންނަށް ލިބިދީފައިވާ ބާރާއި އިހުތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭތޯ ބެލި މައްސަލައިގެ ތެރެއިންނެވެ. އެކަމަކު، ފަރުހާދު ވަކިކުރީ ގޯސްކޮށް ކަމަށް ސިވިލް ކޯޓުން ވަނީ ނިންމައިފަ އެވެ.
ނަމަވެސް ކުރީގެ ސަރުކާރުގެ ދުވަސްވަރު އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ސިވިލް ކޯޓުގެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. އެކަމަކު، އެ މައްސަލާގައި ހައި ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.
ޕޮލިސް ކޮމިޝަނަރަކަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ނަވީން ކުރިމަތިލައްވައިފައިވެ އެވެ. ޕޮލިސް ބޯޑުން އެ ނަން ދިރާސާކުރިއިރު، ޕޮލިސް ކޮމިޝަނަރަކަށް އައްޔަން ކުރާނެ ބޭފުޅަކު ކަނޑައަޅަން އެ ބޯޑުން ކުރިއްސުރެ އެކުލަވާލާފައިވާ ކްރައިޓީރިއާއަށް ނަވީންގެ ޝަރުތު ހަމަނުވި ކަމަށް އެނގިފައި ވެ އެވެ.
އެހެންވެ އެ މަގާމަށް އައްޔަން ކުރެއްވީ ސީޕީ އަލީ ޝުޖާއު އެވެ.