ވިޔަފާރިވެރިޔަކު އިންނަމާދޫ ސްކޫލުގައި މިސްކިތެއް އަޅައިދީފި
ވިޔަފާރިވެރިޔަކު އިންނަމާދޫ ސްކޫލުގައި މިސްކިތެއް އަޅައިދީފި

ދަރިވަރުންނަށް ހާއްސަކޮށް ރ. އިންނަމާދޫ ސްކޫލުގައި، އެ ރަށުގެ ވިޔަފާރިވެރިއަކު މިސްކިތެއް އަޅައިދީފި އެވެ.

އައިޑިއަލް ބޯޓް ބިލްޑާސް ނަަމަކަށް ކިޔާ ކުންފުނިން އަޅައިދިން މި މިސްކިތް ވަނީ މިދިޔަ ހުކުރު ދުވަހު ހުޅުވައި ބޭނުން ކުރަން ފަށައިފަ އެވެ.

އިންނަމާދޫ ސްކޫލުގެ ޕްރިންސިޕަލް އައިޝަތު ސަމާ މިއަދު ވިދާޅުވީ، ސްކޫލުގެ ގޯތިތެރޭގައި އަޅައިދިން މިސްކިތުގެ ސަބަބުން ވަރަށް ބޮޑެތި ފަސޭހަތަކެއް ވެގެން ހިނގައްޖެ ކަމަށެވެ. އޭނާ ވިދާޅުވީ މިސްކިތުގައި ވެސް އިސްލާމާއި ގުރުއާންގެ ބައެއް ކްލާސްތައް ނަގައިދޭނެ ކަމަށެވެ.

"މަންހަޖުގައި ވެސް ވަރަށް ބޮޑަށް ބާރު އަޅާ ދީނީ ކަންތައްތަކަށް ސަމާލުކަން ދިނުމަށް. ދީނީ ކަންކަމަށް ދަރިވަރުން އަހުލުވެރިކުރުވަން އިތުރު ފަސޭހަތަކެއް ވެގެން މި ދިޔައީ. ނަމާދު ނުކޮށް ދަރިވަރަކު ސްކޫލަށް އަތުވެއްޖެ ނަމަ މިސްކިތަށް އެބަ ފޮނުވާލެވޭ ނަމާދު ކުރުމަށް ވެސް. އަދި ޓީޗަރުންނަށް ވެސް އުނދަގޫތަކެއް ދިމާވޭ، ބިޒީކޮށް އުޅޭއިރު ފަސޭހައިން ނަމާދު ކޮށްލެވޭނެ ގޮތެއް ނެތީމަ،" ސަމާ ވިދާޅުވި އެވެ.

ގާތްގަނޑަކަށް 60 މީހުންގެ ޖާގައިގެ އެ މިސްކިތުގައި، އަންހެނުންނަށް ހާއްސަ ބައެއް ހަމަޖައްސާފައިވެ އެވެ.

އެލްކޭޖީން ފެށިގެން ގްރޭޑް 10 އާ ހަމައަށް ކިޔަވައިދޭ އެ ސްކޫލުގައި 145 ދަރިވަރުން އަންނަނީ ތައުލީމު ހާސިލްކުރަމުންނެވެ.